މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭރުގެ 313 އިންވެސްޓްމެންޓް ރާއްޖޭގައި ރަޖިސްޓްރީކޮށް، މި ސަރުކާރުން ރެކޯޑެއް ހަދާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ. އަދި މިއަދުގެ ޖަލްސާގައި ސައީދު ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ވަކިވަކިން ޖަވާބު ދެއްވައިފައެވެ.
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބަލަހައްޓާ ކަމަށާއި ބޭރު ގައުމުތަކުގައި ބޭއްވި އެކި އިންވެސްޓަރ ފޯރަމްތަކަށް ދައުލަތުގެ ހަރަދުގައި ވަޑައިގެންނެވިއިރު، އެފަދަ ދަތުރުތަކުން ރާއްޖެއަށް ވަތް އިންވެސްޓްމެންޓުގެ ތަފްސީލު ހާމަކޮށްފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ އޮޕަރޭޝަން ނުފެށި 6.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ ދައުލަތުގެ ފައިސާ އިސްރާފުކުރުން ކަމަށް އެ މައްސަލައިގައި ސިފަކޮށްފައިވެއެވެ.
އެކަމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، މިހާތަނަށް ޖުމްލަ 11 ބައިނަލްއަގުވާމީ ފޯރަމް ރާއްޖޭގެ އިންވެސްޓްމެންޓް ކުރިއެރުވުމަށް ބޭއްވި ކަމަށެވެ. އެ ފޯރަމްތައް ބޭއްވި ގައުމުތަކުގެ ތަފްސީލު ވެސް ދެއްވިނަމަވެސް، ވަކިވަކި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް އައި އިންވެސްޓްމެންޓްތަކުގެ ތަފްސީލަށް އޭނާ ވަޑައިނުގަންނަވައެވެ.
ދިވެހިރާއްޖޭގެ ނަމުގައި އިންވެސްޓްމެންޓް ފޯރަމްއެއްގެ ނަމުގައި ފޯރަމްއެއް ބޭއްވީވެސް އޭނާ ކަމަށާއި އެއީ ސިންގަޕޫރުގައި ބޭއްވި ފޯރަމެއް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވާދަވެރިން އެކަހަލަ ކަންކަމެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ވެސް އަރަބިއަން ޓްރެވެލް މާކެޓް ކުރިއަށްދާ ކަމަށާއި އެތަނުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރާއި ސަރުކާރުގެ އެހެނިހެން ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، އަރަބިއަން ޓްރެވެލް މާކެޓްގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ސީދާ ރާއްޖޭގެ ވަކި ގެސްޓްހައުސްއަކަށް ނުވަތަ ރިސޯޓަކަށް އައީ ކޮން ފަތުރުވެރިއެއްތޯ ދެންނެވޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
ސައީދު ވަނީ މިދިޔަ ހަތަރު ދައުރުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކުރެވުނު ބޭރުގެ އިންވެސްޓްމެންޓުތަކުގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވައިފައެވެ.
ހަތަރު ދައުރު ތެރޭގައި ރަޖިސްޓްރީކުރެވުނު ފޮރިން އިންވެސްޓްމެންޓްތަކުގެ އަދަދު:
- 2013-2008 އަށް 212 އިންވެސްޓްމެންޓެއް ރަޖިސްޓްރީކުރެވުނު
- 2018-2013 އަށް 406 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު
- 2022-2018 އަށް 245 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު
- ތިން އަހަރު ތެރޭ 313 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު
ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ތެރޭގައި ތިން އަހަރު ތެރޭގައި 313 އިންވެސްޓްމެންޓް ހޯދުމަކީ ރެކޯޑެއް ކަމަށެވެ.
”17 ނޮވެމްބަރު 2023 އިން ފެށިގެން މި އައި ދުވަސްތަކުގެ ތެރެއިން 313 އިންވެސްޓްމެންޓް ރަޖިސްޓްރީކޮށް، ރެކޯޑެއް ހައްދަވާފައި މިވަނީ. އިންވެސްޓްމެންޓް ފޯރަމްތައް ބޭއްވޭ ސަބަބު ދަންނަވަން އަޅުގަނޑު އެއްޗެއް މި ދެންނެވީ،“ ސައީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، އިންވެސްޓްމެންޓް ފޯރަމްތަކަށް ހިނގި ހަރަދު ނޭނގޭ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވާއިރު، އެކަމަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މައުލޫމާތު ހާމަކުރުމުގައި އިކޮނޮމިކް މިނިސްޓްރީއަކީ ނަމޫނާ މިނިސްޓްރީއެއް ކަމަށް ސައީދު ވިދާޅުވިއެވެ. މި ދެ އަހަރާއި ބައިގެ ތެރޭގައި 192 އާރްޓީއަށް ޖަވާބުދީ، އޭނާ 184 ފަހަރު މީޑިއާއާ ބައްދަލުކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ. އޭގެ އިތުރުން މަޖިލީހުން ސުވާލުކުރާ ކޮންމެ ފަހަރަކު ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރުގެ ޖަވާބުގައި މޯލްޑިވްސް ޑިވޮލޮޕްމެންޓް ބޭންކުގެ މަސައްކަތްތައް ނުހިނގައި ލަސްވާ ސަބަބާ ގުޅޭގޮތުން ވާހަކައެއް ނުދައްކަވައެވެ.

