ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް އަންނަ ހޯމަދުވަހުގެ ރޭ ދަންވަރު ވޯޓަށް އަހަން، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ވޯޓަށް އެހުން އެޖެންޑާ ކުރެވުނެވެ. ނަމަވެސް މައިނޯރިޓީ ލީޑަރު އެކަމަށް ތާޢީދު ނުކުރެއްވުމާއި އިދިކޮޅު މެންބަރުންގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެކަންކުރެވޭ ގޮތެއްނުވިއެވެ.
މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ފާސްކުރަން ވޯޓަށް އެހޭނީ، ކޮމިޓީން އެ ބިލެއް ނިންމާތާ ތިން ދުވަސް ފަހުންނެވެ. އެ އަށް ވުރެ އަވަސްކުރެވޭނީ މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރަޓީ ލީޑަރު އެއްބަސްވުމުންނެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް އެ ބިލުގެ މަސައްކަތް ކުރުމަށް ހޯމަ ދުވަހުގެ ރޭ 11:00 ގައި މަޖިލިހުގެ ޖަލްސާއެއް ބާއްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެރޭ ދަންވަރު 1:00 ޖަހާއިރު ވޯޓަށް އެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އާ އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރަން ގާނޫނުއަސާސީއަށް ސަރުކާރުން އިސްލާހު ހުށައެޅީ މިދިއަ އެޕްރީމް މަހު އެވެ.
މިހާރު އޮތް ކައުންސިލްތަކުގެ މުއްދަތު ހަމަވާނީ ޖޫން 3 ގައި ކަމަށް ވާތީ، އޭގެ ކުރިން އެ އިސްލާހު ފާސްކޮށް، ތަސްދީގުކުރަން ޖެހެ އެވެ. އަންގާރަ ވަނީ ޖޫން 2 އަށެވެ.
އިސްލާހު ގެންނަނީ ސުޕްރީމް ކޯޓުން އިއްޔެ ދިން ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށެވެ.

