ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 159 މީހަކު ރަނގަޅުވެ ރާއްޖެއިން ބަލި ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު 400 އަށް އަރައިފިއެވެ.
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން 401 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.
ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުތައް 1،672 އަށް އަރާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ފަރުވާދެމުން ދަނީ 1،264 މީހަކަށެވެ.
މަބްރޫކް ވިދާޅުވީ ރާއްޖޭގައި ކޮވިޑާއި ގުޅިގެން، ބައްޔަށް ޓެސްޓު ހެދުމަށް މިހާތަނަށް 23،860 ސާމްޕަލްއެއް ނަގާފައިވާނެ ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ބައްޔަށް ޕޮޒިޓިވް ވި ކޭސްތަކުގެ ވެސް މައުލޫމާތުތައް ދެއްވާފައެވެ. އެގޮތުން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 21 މީހަކީ އުމުރުން ދޮށީ 65 އަހަރުން މަތީގެ މީހުންނެވެ. ބަލި ޖެހިގެން ރިޕޯޓު ކުރި ކޭސްތަކުގެ ތެރޭގައި 10 އަހަރުން ދަށުގެ 43 ކުއްޖަކު ހިމެނޭއިރު ތަފާތު އެކި ބަލިތަކަށް ބޭސްފަރުވާގެ ހިދުމަތްތައް ހޯދަމުންދާ 53 މީހަކަށް ވަނީ ކޮވިޑު ޖެހިފައެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 13 މީހަކަށެވެ. އެ އެންމެނަށް ވެސް ޓްރީޓޮޕުގައި ފަރުވާ ދޭއިރު، ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އަލަށް ފެނުނު ކޭސްތަކުގެ ތެރޭގައި ގިނައީ އެހެން ކޭސްތަކާއި ގުޅުން ހުރެގެން މީގެ ކުރިން ވެސް ކަރަންޓީނަށް ލެވިފައިވާ މީހުން ކަމަށެވެ.
ކޭސްތައް އިތުރުވަމުން އަންނައިރު، އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ރޭޓުތައް ހުރީ ކިހާވަރެއްގައި ތޯ ސުވާލު ކުރުމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަދިވެސް ބަލި ޖެހޭ މީހުންގެ ބޮޑު އިންސައްތައަކީ އެއްވެސް އަލާމާތެއް ނުހުންނަ މީހުން ކަމަށެވެ.
ބައްޔާއި ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ދަށުން، ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަވާ މީހުން ވަރަށް ބޮޑުތަނުން ދަށްވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

