މި ފެށޭ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން، މާލޭ ކޮމާޝަލް ހާބަރާއި، ހުޅުމާލޭ ޓަރމިނަލްގައި ކުލިއަރނުކޮށްހުރި ކޮންޓެއިނަރުތަކުން ސްޓޯރޭޖް ފީ، ނެގުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.
މި ކަން ހާމަކޮށް އެމްޕީއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް-19 އިގެ ރޯގާއާއި ގުޅިގެން އޭޕްރީލް 15 އިން ފެށިގެން މާލެ ލޮކްޑައުންކޮށްފައިވާ މުއްދަތުގައި، މާލޭ ކޮމާޝަލް ހާބަރާއި، ހުޅުމާލޭ ޓަރމިނަލްގައި ކުލިއަނުކޮށްހުރި މުދަލަށް ސްޓޯރޭޖް ފީ ނުނަގާ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށެވެ.
ނަމަވެސް، އެ ގޮތަށް ހަމަޖެއްސުމާއި ގުޅިގެން މުދާ އެތެރެކުރާ ގިނަ ފަރާތްތަކުން، މުދާ ކްލިއަކުރުމަށް އިސްކަންދެއްވާފައިނުވާތީ، މުދަލާއެކު ގިނަ ކޮންޓެއިނަރުތަކެއް މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓަންޖެހި، ބަނދަރު ތޮއްޖެހިފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
މީގެ އިތުރުން އެމްޕީއެލްއިން ބުނީ، މުދާ ހިފައިންގެން އަންނަ ބޯޓުފަހަރުތަކުން މުދާ ބާލައި ބަހައްޓާނެ ޖާގަނެތި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބުރޫއަރައި، ބޯޓު ފަހަރުން ކޮންޓެއިނަރ ބޭލުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ.
އެމްޕީއެލްއިން ބުނީ، ރޯދަ މަސް ނިމިފައިވާތީ ބަނދަރުގެ އޮޕަރޭޝަން ތަކުގެ ގަޑިތައް އިތުރު ކުރުމަށް ހަމަޖެހިފައިވުމާއި، އަދި މާލޭ ސިޓީގެ ލޮކްޑައުންއަށް ލުއިތަކެއް ދީފައިވުމުން މުދާ ނެރޭ ފަރާތްތަކަށް ދަތި އުނދަގޫކަމެއްނެތި މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެމްޕީއެލުން ބުނީ ބަނދަރުގައި މިހާރު ކްލިއަރނުކޮށްހުރި ކޮންޓެއިނަރުތަކަށް މި ފެށޭ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސްޓޯރޭޖް ފީ، ނެގުމަށް ނިންމާފައިވާކަމަށެވެ.
މި ގޮތުން ފީ ނެގުމަށް ނިންމާފައިވާ އުސޫލުތަކުގެތެރޭގައި، ސްޓޯރޭޖް ފީ ނަގާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒް ކާރގޯގެ ސްޓޯރޭޖް ފީ އިން %20 މާފްކުރަން މި ކުންފުނިން ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް %20 މާފް ކޮށްދެވޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒްޑް ކާރގޯގެ ފްރީސްޓޯރޭޖްގެ ގޮތުގައި ހަމަޖައްސާފައިވާ 12 ދުވަސް (ބަނދަރު ބަންދު ދުވަސްތައް ނުހިމަނާ) ފްރީ ސްޓޯރޭޖްގެ ގޮތުގައި އަދިވެސް ލިބޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން ބުނީ، މި ގޮތަށް ހަމަޖެއްސުމާއި ގުޅިގެން ލޮކްޑައުންގެ މުއްދަތުގައި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން ޖޫން 10 ގެ ނިޔަލަށް ފްރީ ސްޓޯރޭޖް 12 ދުވަސް ހަމަވެފައިވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ 11 ޖޫން އިން ފެށިގެން، ސްޓޯރޭޖްފީ ނަގާ އުސޫލުންކަމަށެވެ.
އަދި ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް 12 ދުވަސް ހަމަނުވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ، މުދާ ބަނދަރަށް ބާލާފައިވާ ތާރީޚުން ފެށިގެން 12 ދުވަސް ހަމަވުމުންކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
މި ބަދަލާއެކު އެމްޓީ ކޮންޓެއިނަރު ސްޓޯރޭޖް ފީ ކުރިންް ވެސް ނަގަމުން ދިޔަ އުސޫލުގެތެރެއިން، 11 ޖޫން އިން ފެށިގެން ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުނެއެވެ.

