ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، މިއަދުން ފެށިގެން ޖޫންް11 ވަނަ ދުވަހު ގެ ނިޔަލަށް ދައުލަތުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ހޮނިހިރުދުވަހު ރައީސް އޮފީހުން ހާމަކުރިގޮތުގައި، ރައީސް ޞާލިޙް ހަމަޖައްސަވާފައިވަނީ، ކޮންމެ ހަފުތާއެއްގެ ވެސް ހޯމަދުވަހާއި، އަންގާރަދުވަހުގެ އިތުރުން ބުދަދުވަހުގެ ހެނދުނު 9:00 އިން ފެށިގެން، މެންދުރުފަހު 13:00 އަށް ދައުލަތުގެ އިދާރާތައް ހުޅުވާގޮތަށެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި، ދައުލަތުގެ އިދާރާތައް މިއަދުން ފަށައިގެން ހުޅުވިނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސް ޞާލިޙް ވަނީ އަންގަވާފައެވެ.
މީގެ އިތުރުން، ރައީސް ޞާލިޙް ކަނޑައެޅުއްވި އުސޫލުތަކުގެތެރޭގައި، ދައުލަތުގެ އިދާރާތައް ހުޅުވައިގެން ކުރާނެ މަސައްކަތްތައް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަން ޖެހޭނެއެވެ.
އަދި އިދާރާއެއް ހުޅުވާނީ، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާއި، ވީހާ ވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތުގެ މާހައުލަށް ނެރުމަށް ވެސް ސަރުކާރުގެ އޮފީސްތަކަށް ރައީސް ވަނީ އަންގަވާފައެވެ.
ހަމައެއާއެކު އިދާރާތައް ހުޅުވުމަށް ހަމަޖެހިފައިވާ ގަޑީގެ އިތުރުން، އިތުރު ވަގުތެއްގައި ހުޅުވަންޖެހިއްޖެ ހިނދަކު، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ ތަނެއް ހުޅުވައިގެން މަސައްކަތް ކުރެއްވުމަށް ވެސް ރައީސް އަންގަވައެވެ.
މީގެ އިތުރުން، ދައުލަތުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ، އެ ތަނަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު އެޗްޕީއޭއަށް، އެންގުމަށްފަހު، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ރައީސް ނިންމަވާފައިވެއެވެ.
އަދި ދައުލަތުގެ އިދާރާއެއް ހުޅުވި ނަމަވެސް، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށް ވެސް ރައީސް ޞާލިޙް ބާރުއަޅުއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

