މި އަހަރުގައި ނޭޝަނަލް ޗެމްޕިއަންޝިޕާއި، ނޭޝަނަލް ޓީމް ހޮވުން ނުބޭއްވުމަށް ނިންމާފައިވާކަމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މި ކަން ހާމަކޮށް، ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހޯމަވިލޭރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮވިޑް 19 އިގެ ސަބަބުން ދުނިޔެއާއި، ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއި، އަދި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރެވިފައިވުމާއި ގުޅިގެން، އެ އެސޯސިއޭޝަނުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، 19ވަނަ ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕާއި، ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޓީމަށް އެތްލީޓުން ހޮވުން ނުބާއްވާގޮތަށް ނިންމާފައިވާކަމަށެވެ.
މި ކަން މި ގޮތަށް ނިންމާފައިވަނީ، ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑުގެ މަޝްވަރާގެ މަތިންކަމަށާއި، ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފްގެ ލަފާފުޅާއި، އެ އެސޯސިއޭޝަންގެ އާންމު މެންބަރުންނާއި ކުރެވުނު މަޝްވަރާއަށްފަހުގައިކަމަށް ވެސް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
މި ގޮތުން، 19ވަނަ ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރު މާރިޗްމަހުގެ 26 ވަނަދުވަހުގައިކަމަށް، ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ބުނެއެވެ.
މީގެ އިތުރުން، ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޓީމް އެތްލީޓުން ހޮވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އަހަރުގެ އޭޕްރީލްމަހުގެ 02 ވަނަ ދުވަހުގައިކަމަށް ވެސް، ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ބުނެއެވެ.
ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުން ރާއްޖެ ސަލާމާތް ކުރުމަށްޓަކައި، ރައީސް ޞާލިޙް ކުރައްވާ މަސައްކަތްޕުޅުތަކަށާއި، މި ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ރެއާއިދުވާލު ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް، އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑާއި، އާންމު މެންބަރުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

