ލޯކަލް ކައުންސިލްތަކުގެ ދައުރާއި ގުޅޭގޮތުން ގާނޫނު އަސާސީ އިސްލާހު ކުރުމާއި މެދު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އެޖެންޑާކޮށް މިރޭ ދަންވަރުގެ 01:30 ގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވުމާއި ގުޅިގެން ކައުންސިލްއިންތިހާބު ފަސްކޮށްފައި ވާތީ އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ހުށަހެޅީ އިސްލާހުގެ ބިލް މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހުން ކުރިއަސް ގެންދާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނޫން ގޮތަކަސް އެކަން ނުކުރެވޭނެކަން ހާމަކޮށް ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ އެދުމުގެ މަތިން މަޖިލީހަށް އިސްތިޝާރީ ލަފައެއް ވެސް ދެއްވާފައެވެ. އެގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު މަޖިލީޙުން ކުރަމުން ގެންދަނީ ސުޕްރީމް ކޯޓުން ދިން އިސްތިޝާރީ ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަ ކޮށްލަންޖެހެއެވެ.
ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުން ލަފާ ދީފައި ވަނީ ވެސް ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް ނުވަތަ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ކައުންސިލަރުން އިންތިހާބު ކުރުމުގެ އުސޫލުތައް ބަޔާން ކުރާ 231 ވަނަ މާއްދާގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނައިގެން ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.

