”ޖާބިރު އެއަރޕޯޓް“ ގެ ނަމުގައި ކ.ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރަން ނިންމާފައިވާކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރަން ނިންމަވާފައިވާކަން ޖާބިރު ހާމަކުރައްވާފައިވަނީ، ކާށިދޫ ރައްޔިތުންނަށް އެޑްރެސްކުރައްވާ ޢާންމުކުރެއްވި ސިޓީއެއްގައެވެ.
މި ގޮތުން އާދިއްތަވިލޭރޭ ޖާބިރު ޢާންމުކުރެއްވި ސިޓީގައި، ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ، އެ ރަށު ކުދިބޮޑު އެންމެންގެ ހުވަފެނެއްކަމަށާއި، އަދި މި ކަމަކީ، ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގަތް ވަޢުދެއްކަމަށް ޖާބިރު ފާހަގަކުރައްވާފައިވެއެވެ.
އަދި ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރެވިގެން ދިއުމަކީ، ކާށިދޫގެ ތަރައްޤީ އެހެން ހަރުފަތަކަށް ގެންގޮސްދޭނެކަމެއްކަމަށް ވެސް ޖާބިރު ފާހަގަކުރައްވާފައިވެެއެވެ.
އަދި މިކަމާބެހޭ މަޝްވަރާތައް ވެސް، ސަރުކާރުގެ ކަމާބެހޭ ހުރިހައި ވުޒާރާތަކާއެކު ކުރިއަށް ގެންދެވިފައިވާކަމަށް ވެސް ޖާބިރު ފާހަގަކުރައްވާފައިވެއެވެ.
މި ގޮތުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓް ޢާއިޝަތު ނަހުލާއާއި، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއެކު މަޝްވަރާކުރައްވާފައިވާކަމަށާއި، މި ކަމުގައި އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައިވާކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް، މި ކަމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަން ވެސް ޖާބިރު ފާހަގަކުރައްވާފައިވެއެވެ.
ސިޓީގައި ޖާބިރު އިތުރަށް ވިދާޅުވީ، ކާށިދޫގައި އޭނާގެ އަމިއްލަ ޚަރަދުގައި ތަރައްޤީކުރަން ނިންމަވާފައިވަނީ، ޕްރައިވެޓް ޖެޓްތަކަށް ވެސް ޖެއްސޭ ފެންވަރުގެ އެއަރޕޯޓެއްކަމަށާއި، މި ގޮތުން ޕްރޮޖެކްޓް ކޮންސަލްޓެންޓެއްގެ ގޮތުގައި، މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއްކަމަށްވާ އަޙްމަދު މަހުރީން މިހާރު ހަމަޖައްސަވާފައިވާކަމަށެވެ.
ޖާބިރު ވިދާޅުވީ، ކާށިދޫގެ ލޭންޑްޔޫސް ޕްލޭންގައި އެއަރޕޯޓު އެޅުމަށް ކަޑައަޅާފައިވާ ބިން، އޭނާއާ ހަވާލުކޮށްދެއްވުމަށާއި، ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލުގައި އެދިފައިވާކަމަށެވެ.
މި ކަމުގައި ކައުންސިލުގެ ފަރާތުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލުމަށް ޝުކުރުދަންނަވާކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރުގެ އަމިއްލަ ޚަރަދުގައި، ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރަން ނިންމަވާފައިވާއިރު، އެ ރަށާއި ގާފަރާއި ދެމެދު ކޭބަލްކާރުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަވާނެކަމަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ޖާބިރު ވިދާޅުވެފައިވެއެވެ.

