އެކެއް ފެބުރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި، އޭރުގެ ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ އަހަރު ވާން ގާތްވެފައިވަނިކޮށް ހަސަން ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކޮށްފައި ވަނީ އާދީއްތަ ދުވަހު މީސްމީޑިއާ މެދުވެރިކޮށް ލައިވްކޮށް ބޭއްވި ޝަރީޢަތުގައެވެ. މިއީ މިފަދަ ގޮތަކަށް ހައިކޯޓުން ޝަރީޢަތެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. ހުކުމް ތަންފީޒް ކޮށް ނިމުނު ފަހުން އޭނާ މިނިވަން ކޮށްފައި ވަނީ2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.
ހަސަން ސައީދުގެ މައްޗަށް އެ ދައުވާކުރީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ބުނެ އެވެ. އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހަސަން ސައީދު ހައްޔަރުކުރަން ކުރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. އެ އަމުރު ތަންފީޒުކުރަން އޭނާ ދިރިއުޅުއްވާ ގެއަށް ފުލުހުން ވަނެވެ. ނަމަވެސް ހަސަން ސައީދު އޭރު އެ ގޭގައި ނޫޅުއްވަ އެވެ. އޭގެފަހުން އޭނާ ހޯދުމަށް ވެސް ފުލުހުން އިއުލާންކުރި އެވެ. ނަމަވެސް ފުލުހަށް ހާޒިރުވެފައެއް ނުވެ އެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ޖަލަށްލާފައު ތިބި ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ކުރި އަމުރެކެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ސުޕްރީމް ކޯޓުގެ އެ އަމުރަށް ތަވާވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކުއްލި ނުރައްކަލުގެ ހާކަތު އިއުލާންކޮށް އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ހުކުމް ނެރުނުއިރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދުއާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ހައްޔަރުކޮށް އެ ދެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވުނެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ މައްޗަށް ކުރި ހުކުމްތައް ވެސް ހައިކޯޓުން ވަނީ ފަހުން ބާތިލްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ޖަލަށް ހުކުމް ކުރި ބޭފުޅުންގެ ޔެތޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އަލީ ހަމީދުގެ އިތުރުން އަބްދުﷲ ސައީދު ވެސް ހިމެނެއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީންއަށް ނާކާމިޔާބްވެ ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ހުރިހައި ބޭފުޅުން ވެސް ވަނީ މިނިވަން ކޮށްފައެވެ.

