ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އަލާމާތައް ބޮޑަށް ނުފެންނަ އަދި ހާލު ސީރިއަސް ނުވާ މީހުންގެ ފަރާތުން ބަލީގެ އަލަމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން އިތުރު ޕީސީއާރު ޓެސްޓެއް ނުހަދާ އެމީހުން ދޫކޮށްލަން ނިންމައިފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މީގެ ކުރިން ކޮވިޑު ބަލި ޖެހިފައިވާ މީހުން ދޫކުރަމުން އައީ ޕީސީއާރު ޓެސްޓު ހެދުމަށްފަހު ކަމަށެވެ. ކޮވިޑާއި ގުޅޭގޮތުން އަބަދުވެސް އާ ހޯދުންތަކެއް ލިބެމުންދާއިރު މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ގިނަ ދުވަސްތަކަށްފަހު ވެސް ޕީސީއާރު ޕޮޒިޓިވްގެ ގޮތުގައި ދައްކާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފަހުގެ ދިރާސާތަކުން ޕީސީއާރު ޕޮޒިޓިވް ވީ ނަމަވެސް، އެކަކު އަނެކެއްގެ ގަޔަށް ބަލި ނަރާކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އެގޮތުން އާދައިގެ ގޮތަކަށް ބަލި ޖެހޭ މީހުން ރޯގާ ޖެހިފައި 09 ވަރަކަށް ދުވަސްތެރޭ ބަލީން އެއްކޮށްހެން ރަނގަޅުވާކަމަށް ދިރާސާރަކުން ދައްކާކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ބަލީގެ އަސަރުކޮށް ބޮޑަށް ބަލިވާ މީހުންގެ ހަށިގަނޑުން އަނެކާގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު އޮންނާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
27 މޭއިގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބައްޔާއި ބެހޭގޮތުން ނެރެފައިވާ ގައިޑްލައިން ތެރޭގައި އަލާމާތްތައް ރަނގަޅުވުމަށްފަހު ތިން ދުވަސް ވެ، އަލާމާތްތައް ފެނުނުތާ ދިހަ ދުވަސް ވެފައިވާނަމަ އެ މީހަކު ޓެސްޓު ނަހަދާ ދޫކޮށްލެވޭނެކަމަށް ބުނެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖޭގައި ވެސް އަމަލު ކުރާ ގޮތް ބަދަލު ކުރުމަށް ނިންމާފައިވަނީ ޑަބްލިއުއެޗްއޯ އަދި ސީޑީސީން އަމަލު ކުރާގޮތް ބެލުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.
”މިހާތަނަށް ބަލިން ރަނގަޅުވީމަ ވެސް ޕީސީއާރު ޓެސްޓް ހަދާފައި، ނެގެޓިވްވުމުން ދޫކުރަމުން ގެންދިޔައީ. އެގޮތަށް ހަދާއިރު ފާހަގަ ކުރެވިފައި ވަނީ ވަރަށް ގިނަ ދުވަސް ވާއިރު ވެސް ޕީސީއާރު ޕޮޒިޓިވް ކަމަށް. ގާތްގަނޑަކަށް ހަތަރު ހަފުތާ ނޫނީ ފަސް ހަފުތާ ވާއިރު ވެސް ޕީސީއާރު ޕޮޒިޓިވް ކަމަށް ދައްކާ… ފަހުގެ އާ ދިރާސާތަކުން ދައްކަނީ ޕީސީއާރު ޕޮޒިޓިވްވުމުގެ މާނައަކީ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް ފޯރާފާނެ ކަމެއް ނޫނޭ“ ޑރ. ނަޒްލާ c
ޑރ. ނަޒްލާ ވިދާޅުވީ ދޫކޮށްލެވޭނީ އާދައިގެ ރޯގާއެއް ހުންނަ މީހުން ކަމަށެވެ. އަދި ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރުމަށްފަހު 21 ދުވަސް ފުރިހަމަވާނަމަ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް ދޫކުރި ނަމަވެސް، ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނާއި ދިފާއީ ނިޒާމު ދަށް މީހުން އަދި ބާރުގަދަ ބޭސްތައް ބޭނުން ކުރަންޖެހޭ މީހުން ބައްޔަށް ޓެސްޓު ކުރާނެ ކަމަށެވެ.
”އެހެންވީމަ އަޅުގަނޑުމެން ވެސް ކުރިން އަމަލު ކުރަމުން އައި ގޮތް ބަދަލު ކޮށްފައި ވަނީ. އޭގެ މާނައަކީ އަލާމަތްތައް ފެންނުމަށް ފަހު 14 ދުވަސް ހަމަކުރަން ވާނޭ. އަދި އޭނަގެ އެއްވެސް އަލާމާތެއް ނުފެންނަތާ ތިން ދުވަސް ފަހުން ޓެސްޓެއް ނުހަދާ އޭނަ ދޫކޮށްލެވިދާނެ. ނަމަވެސް މިގޮތަށް ދޫކޮށްލެވޭނީ އާދައިގެ ރޯގާއެއްގައި ހުންނަ މީހަކު. ބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވާ މީހަކު 21 ދުވަސް ހަމަކުރަން ވާނެ“ ނަޒްލާ
ރާއްޖެއިން މިހާތަނަށް 1،901 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 736 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާތަނަށް އަށް މީހަކު ވަނީ ނިޔާވެފައެވެ.

