އިންޓަނެޓުގެ ޒަރިއްޔާއިން ކުޑަކުދިން ގްރޫމް ކުރުން އެއީ ހިނގަމުން އަންނަ ކަމެއް ކަމަށާއި، ރާއްޖޭގައި ވެސް މި އަމަލު އިތުރުވަނުން އަންނަ ކަމަށް ޖެންޑާރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާއިރު، އެކަމާއި ގުޅިގެން މިނިސްޓަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިން ގްރޫމް ކުރުން އެއީ އަސްލު ހިނގާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ވެސް މި އަމަލު ހިންގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ބެލެނިވެރިންގެ ހައިސިއްޔަތުން ކުޑަކުދިންނަށް ދޭންޖެހޭ ސަމާލުކަން އިތުރު ކުރުމަށް އިލްތިމާސް ކުރައްވާ މިނިސްޓަރު ވިދާޅުވީ، މައުސޫމް ކުދިންތަކެއް މިކަމުގެ ޝިކާރައަކަށް ވެދާނެ ކަމަށެވެ. އަދި މިފަދަ އެއްވެސް އަމަލެއް ބެލެނިވެރިއަކަށް ފާހަގަ ކުރެއްވިއްޖެ ނަމަ ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
https://twitter.com/aishamdidi/status/1271643569372061696
ކުޑަ ކުދިން ގްރޫމް ކުރުމަކީ، އެއީ އޮޅުވާލައިގެން އެ ކުދިންނާއި އެކު ޖިންސީ އަމަލު ހިންގުމަށް މަސައްކަތް ކުރުމެވެ. ނުވަތަ އެ ކުދިންގެ އިތުބާރު ހޯދާ، ތަފާތު އެކި ތަކެތި ދީ ރުއްސުވާ އޮޅުވާލައިގެން ޖިންސީ ގޯނާ ކުރުމެވެ.
ރާއްޖޭގައި ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ އެތައް މައްސަލައެއް ވަނީ ތަހުގީގު ނުކުރެވި ފުނިޖެހިފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދެ އަހަރު ވެސް ނުވާ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަށްފަހު މިފަދަ އެތައް މައްސަލައެއް އެއް ދުވަސްތެރޭ ފެންމަތިވެގެން އައެވެ. އަދި އޭރު މިފަދަ މައްސަލަތައް ފުލުހަށް ހުށަހެޅިގެން ދިޔައީ ފުލުފުލުގައެވެ.
އޭރު މަޖިލީހުގެ ކޮމިޓީތައް ވެސް ބާރު ސްޕީޑެއްގައި މަސައްކަތް ފެށިއެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި މަސްއޫލިއްޔަތުތައް ވެސް ހަވާލު ކުރިއެވެ. ނަމަވެސް، ދުވަސްތަކެ ވެސް އަނެއްކާވެސް ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގައިގެ ވާހަކައިގެ އަޑުތައް މަޑުވެފައެވެ.

