ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރާއި ޖެހުނީމާ ތިމާވެށިވެސް ފުޑާލަންވީއެވެ.

ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޓެއްސަކު ކޮށްލި ޓްވީޓެއް ލޮލުގައި އަޅަގައިތެވެ. އޭނާގެ އެ ޓްވީޓުގައި ހިއްސާކޮށްލާފައިވަނީ މިހާރު ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން ހިއްކަމުންދާ ގުޅީފަޅާއި ގުޅިފައިވާ ހަނދާންތަކެވެ. ހިތްހަމަ ޖައްސާލުމަށް ހަފްތާއަކު އެއް ދުވަހު އެ ފަޅަށް ގޮސް ހޭދަކުރާ ގޮތެވެ. އުފާވެރި ވަގުތުކޮޅުތަކުގެ ކުރު ވީޑިއޯ މަންޒަރުތަކެއްވެސް ހިއްސާކޮށްފައިވެއެވެ. ހުކުރު ދުވަސްތަކުގައި ކެނޯއެއްގައި ކަނބާފައި އެފަޅަށް ގޮސް އެކުވެރިންނާއެކު ”ބަޖިޔާ“ ކާލުމަކީ އުފަލެއް ކަމަށް ބުނަމުންނެވެ. އެކަމުގެ ސަބަބުން ލިބޭ ހިތްހަމަޖެހުމާއި އެ ފަޅު ކައިރިއަށް ފީނާލުމުން އެކުރެވޭ އިހުސާސްތައް އޭނާ ދޫކޮށްލީ، ގުޅިފަޅު ހިއްކަން ފެށުމުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުމާއި ގުޅިގެން ހިތުގައި އުފެދިފައިވާ އުދާސްތަކާއެކުއެވެ. ނުރުހުމުގެ ބަސްތަކާއެކު، ތިމާވެއްޓަށް ގެއްލުންދީ ޙަލާކު ނުކުރަން ސަރުކާގައި އެދި އާދޭސް ކުރަމުންނެވެ.

މިއީ އެންމެ ރަށްޓެއްސަކު ކޮށްލި ޓްވީޓެކެވެ. ނަމަވެސް އެކަމާއި މެދު ކަންބޮޑުވާ އެތައް ބަޔަކާއި މަދަނީ ޖަމިއްޔާތަކަކުން ދަނީ ގުޅިފަޅު މަޝްރޫއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެންމެންގެ ވެސް ކަންބޮޑުވުމަކީ ތަރައްޤީގެ ނަމުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ނާޒުކު ތިމާވެއްޓަށް ލިބެމުންދާ ގެއްލުމެވެ. ވަކިން ޚާއްސަކޮށް ތިމާވެށީގެ ”ހީރޯ“ އިން ކަމަށް އަބަދުވެސް ވަކާލާތުކުރާ ބައެއްގެ އިސްކޮށް އޮތް ސަރުކާރަކުން މިފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭ ކަމަށްނުވިއެވެ. ޑެންމާކުގެ ކޯޕަންހޭގަން ސަމިޓާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭއްވުނު މިފަދަ ބައްދަލުވުންތަކާއި ސަމިޓްތަކުގައި ”ތިމާވެއްޓަށް ނުހަނު ކަމޭހިތާނަމޭ، މިއީ އެންވަޔަރަމެންޓް ގެ ޗެންޕިއަނުންނޭ“ ވިދާޅުވި ބޭފުޅުންގެ ސަރުކާރުގައި އެވާހަކަތައް ކަނޑުގައިއެޅި ރޮނގަކަށްވީއެވެ.

މާ ދުރު ނޫން މާޒީއަކަށް ފީނާލާއިރު، ނިމިދިޔަ ސަރުކާރުން ރާއްޖޭގައި އެއާޕޯޓްތައް އެޅުމާއި ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުން އެކަމަށް އެންމެ ބޮޑަށް ފާޑު ކިޔާފައިވަނީ ކޮން ބަޔެއްކަން ވަރަށް ސާފެވެ. ޚާއްސަކޮށް ކުޅުދުއްފުށީ އެއާޕޯޓާއި ހޯރަފުށީ އެއާޕޯޓުގެ ވާހަކަތަކަކީ އަދިވެސް ކޮންމެވެސް ބަޔަކަށް ދެއްކޭ ވާހަކަތަކެވެ. ނަމަވެސް މިއަދު ވެރިކަމަށް އައުމާއެކު އޭރު ކީ ހުރިހާ ޅެމެއް މިވަނީ ފަރިއްސަށް ބަދަލުވެފައެއެވެ. ޤުދުރަތުން ދިވެހިރާއްޖޭގަ ލައްވާފަވާ ”ވެލި“ މީ ކޮންއެއްޗެއްކަން ނޭނގުނެވެ. ނުވަތަ އެނގޭކަށް ބޭނުމެއްނުވިއެވެ. ކަނޑުގެ އަޑި ”ސީބެޑު“ އަކީ އެންމެ ކުދި ”ޕުލޭންކްޓަން“ އަދި ”މައިކްރޯ އޯގަނިޒަމް“ އާލާވެ އާބާދު ވުމުގެ އަސްލުކަން ހަނދާންނެތުނެވެ. އަނެއްހެން ބުނަންޏާ ”ފުޑް ޗެއިންގެ ފެށުން“ ކަމާއި މިތަން ހަލާކް ކޮށްލުމުން ދިރުމަށް ”ބަޔޯޑައިވާރސިޓީ“ އަށް ކުރާނެ އަސަރު އެކަން އެނގޭ ބަޔަކަށް ވިސްނާލީމަ ގައިން ހީބިހިނަގާނެއެވެ. ހެޔޮނުވާނެ މިވެށި ހަލާކުކުރާކަށެއް! ތިދެނީ އިޢާދަނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއް!

މިއަދު ރައްޔިތުން ދައްކަނީ ދެންވެރިކަމަށް އަންނަން އެންމެ ރަނގަޅު މީހާގެ ވާހަކައެއް ނޫނެވެ. ރައްޔިތުން ހިތާމައާއެކު ދައްކާ ވާހަކައަކީ ތިމާވެއްޓަށް ގެއްލުން ލިބޭ  މިފަދަ ކަންކަމަކީ ބޮޑުކަމަކަށް ނަހަދާ ރާއްޖޭގެ ”ނާޒުކު“ ތިމާވެށި ހަލާކުކުރާ ވާހަކައެވެ. ރައްޔިތުން ދައްކަނީ އަނެއްކާވެސް ޢިއާދަ ނުކުރެވޭނެވަރުގެ ގެއްލުމެއް ވެއްޓަށް ދޭންއުޅޭތީ އެވާހަކައެވެ. ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ޤުދުރަތުގެ ނިޒާމުގެތެރެއިން އެންމެ ފުރިހަމަކޮށް މިއަށް ބަދަލުގެންނަން ފެށުމުގެ ނަތީޖާ ހީވެސްނުކުރާހާ ކުރުމުއްދަތެއްގަ ފެންނަން ފަށާފައިވާކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތެވެ. ރަށްރަށުގެ ގޮނޑުދޮށްތައް ހަލާކުވަމުންދިޔުމާއި ރަށް ގިރުންފަދަ އެތައް މައްސަލައެއް ނިމިދިޔަ އަހަރުވެސް ފާހަގަވެފައިވާނެއެވެ.

ޙަޤީގަތަކީ މިއީއެވެ. ބޮހިޔާވަހިކަމޭ އިޤްތިޞާދޭ ކިޔައިގެން ޖީބުތައް ފުރާލެވޭ ކަ މަށް ވަންޏާ ތި މާވެއްޓަށް ބަލާނެ ކަ މެއް ނެތޭ ބުނާ ބީދައިން ކަންކަންކުރުމެވެ. މައްސަލައަކީ އިދިކޮޅުގައި ތިބޭ އިރު ތިމާވެއްޓާ އޮޅުލާވަރުން ނިދި ނައިސްގެން އުޅެފައި ވެރިކަމަށް އާދެވުނީ މާ ލާރިގަނޑު ފެނިގެން ތި މާވެށި އެއްޗެކަށް ނުވީއެވެ. ތިމާވެށީގެ ޗެމްޕިއަނުންނޭ ކިޔައިގެން އުޅެންޏ ކޮންމެސް ހޮޅި ވާހަކައެއް ދައްކަވަންވާނެއެވެ. އަންނަން އޮތް ޖީލުތައް ދިރިއުޅެން އޮތް ތިމާވެށި ޤުރުބާންކޮށްފަވިޔަސް ރައްޔިތުން ދަރަނިވެރި ކުރުވައި ވިޔަފާރި ޑީލްތަކުން އައުވާނުންގެ އަންބޮނޑި ކޮންމެހެންވެސް ބޮޑުކުރަންޖެހޭނެއެވެ.

މީގެ ފަހުން އެހެން ބަޔަކު ވެރިކަމަށް އެރީމަ ތިމާވެށި ހިމާޔަތް ކުރުމުގެ ބޯޑު އަޅުވައިގެން އެބަޔަކު ގެންނަން އުޅޭ ތަރައްގީއެއް ހުއްޓުވަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތެވެ.. އިންތިހާބާ ދިމާކޮށް ތިމާވެށީގެ މައުލޫއުގެ ހިމާޔަތް ހޯދާނެކަމެއް ނެތެވެ. ގުދުރަތީ ކާރިސާތަކުން ރަށްތަކަށް ވާ ގެއްލުމަކީ ވަކި ބަޔަކު ތަނެއް ހިއްކި ގޮތުންނޭ ކިޔާ ހަޅޭއްލަވާނެ ކަމެއްވެސް ނެތެވެ. ކޮންމެވެސް ދިރޭ ތަކެއްޗެއް ނެތިދިޔައީ އެހެން ސަރުކާރަކުން ތިމާވެއްޓަށް ނުބަލައި އެތަކެތި ހިމާޔަތް ނުކުރީމައޭ ނުބުނުމުގެ ޙައްޤެއްވެސް ނޯންނާނެއެވެ. ތަރައްޤީ އާއި ބޮޑުހިލަޔާ ގުޅުވާވެސް ވާހަކަ ދައްކާނެ ޖާގައެއް ދެންނެތެވެ.

ރައްޔިތުންނަށް ކުލަނުވާ މަންޒަރެއް ދައްކާފައި ފަރުދާގެ ފުރަގަހުގައިވެސް ވަކި ސަހަލުކަމެއް ހިނގާފާނެ ކަމަކަށް ޤަބޫލު ކުރެވޭކަށް ނެތެވެ. ތިމާވެއްޓަށް ކިތަންމެ ބޮޑު ގެއްލުމެއްވިއަސް އަދި ތިމާވެއްޓަށް ގެންލުން ކުޑަކުރުމަށް ކުރަންޖެހޭ ކަންކަން ނުކޮށް އެކަމަށްދާ ހަރަދު ކުންފުނިން ސޭވްކޮށް ކިތަންމެ ބޮޑު އަގަކަށްވިއަސް ބިޑަ ކާނުލާ ތިޔަ ސަކަރާތެއް ޖަހަނީ ތިކަމުން ބަޔެއްގެ ޖީބަށް މިލިއަނުން ޑޮރަލު ވަންނާނެތީ އެކޭ ބުނާކަށް ނެތީމެވެ.

ހުޅުމާލެއާއި މާލެއާ ދެމެދު ބްރިޖް އެޅިއިރު ތިމާވެށްޓަށް ގެއްލުންވާތީ، ތިމާވެށި ހަލާކުވާތީ، ރާޅާ އަޅާ ކުދިންނަށް ރާޅާ އަޅާނެ ތަނެއް ނެތިގެން މަނިއްޕުޅުމެން ހާދަ ދިގު ވާހަކަތައް ޓީވީ ތަކުގައި ދައްކާފައި އެބަހުއްޓެވެ. ރާޅާ އަޅާ ކުދިން މުޒާހަރާއެއްވެސް ކުރިއެވެ. އެއީ އެދުވަހެވެ. މިއީ މިއަދެވެ. ކުޅުދުއްފުށި ކުޅި ހިއްކަން ފެށުމުން ހީވި ފަޔަށް ހިނިއަރައިގެން އުޅުނު ހެނެވެ.

ތިމާވެއްޓޭ ޖަޒީރާޔޭ ކިޔާފައި ވާހަކަ ދައްކަން ސަރުކާރުން ލަދުގަންނަން ޖެހޭނެއެވެ. ތިމާވެއްޓަކީ ތިމާ ހިތާނުވާމީހަކު ކުރީމަ ހަލާކުވާ ތިމާ ހިތާވާމީހަކު ކުރީމަ ހަލާކުނުވާގޮތައް އޮތް އެއްޗެއް ނޫނެވެ. މީ ނޭފަތު ކުރިން، ރަށުގެ އަސްދަނޑިން، ބޭރުދުނިން ދުރަށް ވިސްނާ ދަރިންނާއި، އެދަރިންގެ ފަރާތުން އަންނާނެ ދަރިންގެ ހައްޤު ހިމާޔަތް ކުރަން ބުނި ސަރުކާރުގެ ހާލަތެވެ. ގުޅިފަޅު ހިއްކުމުން ކައިރީގައި އޮތް ވިލިގިއްޔަށް އަސަރުކޮށް ވަށައިގެން އޮތް ޑައިވް ސައިޓްތައް ހަލާކުވިޔަސް މާބޮޑު މައްސަލައެއްނުވިއެވެ. މި ސަރުކާރާއި ޖެހުނީމާ ތިމާވެށިވެސް ފުޑާލަންވީއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: