މިއަދުން ފެށިގެން، މާލޭގެ ސަރަހައްދުގެ މިސްކިތްތައް އާއްމުންނަށް ހުޅުވާލުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.
މިސްކިތްތަކުގައި އާއްމުކޮށް ނަމާދު ކުރުން ހުޅުވާލި ނަމަވެސް، ޖަމާއަތުގައި ނަމާދު ކުރެވޭނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތުގައި ނަމާދު ކުރުމަށް ހުޅުވާލާފައިވާ ކަމަށާއި ކޮންމެ މީހަކަށް ވެސް ވަކިވަކިން މިސްކިތުގައި މިހާރު ނަމާދު ކުރެވޭނެކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރެވޭ ގޮތް ހަދާފައިވަނީ މިދިޔަ މާޗު މަހުގެ 18 ގައެވެ. އިސްލާމީ ގިނަ ގައުމުތަކުގައި ވެސް ކޮވިޑު ބަލީގެ ސަބަބުން މިސްކިތްތައް ބަންދުކޮށްފައި ވެއެވެ.
މާލޭގެ މިސްކިތްތައް ހުޅުވާލުމުގެ ކުރިން، މާލެ ސަރަހައްދާއި މޮނީޓަރިންގައި ނެތް ރަށްތައް ހިމެނޭހެން ރަށްތަކުގެ މިސްކިތްތައް ވަނީ ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހުޅުވާލާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރަށްރަކުގެ މިސްކިތް ހުޅުވާލާފައިވަނީ މިދިޔަ ރޯދައިގެ އެންމެ ފަހު ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެންނެވެ.
މާލޭގައި މިހާރު ބަލި ފެތުރުން ވަރަށް ބޮޑުތަނުން ވަނީ މަދުވެފައެވެ. އަދި މިހާރު ބަލި ފެންނަމުން ދަނީ ފެންނަމުން ދަނީ އެކި ކްލަސްޓާތަކާއި ގުޅުން ހުރުމުގެ ސަބަބުން އައިސޮލޭޓުކޮށްފައިވާ މީހުންގެ ގައިންނެވެ.
މާލޭގެ ފުރަބަންދަށް ދިން ލުއިތަކަށް 14 ދުވަސް ހަމަވެ، މާދަމާއިން ފެށިގެން ފުރަބަންދު ލުއިގެ ފޭސް 2 އަށް އަމަލު ކުރަން ފަށާނެއެވެ.

