މާލޭގެ މަގުތަކުގައި ކާރުބާރުވުން ކުޑަކޮށް، ދުއްވާ އެއްޗެހި ޕާކް ކުރުމުގައި، ކުރިމަތިވާ މައްސަލަތަކަށް ހައްލުހޯދުމަށްޓަކައި، ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު ނައިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.
އާދިއްތަ ދުވަހު އޮންލައިންކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާއި، އެ މިނިސްޓްރީގެ ބައެއް އިސްވެރިންނާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި، ފުލުހުންގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޓްރެފިކްގެ މައްސަލަތަކަށް ލުޔެއް ހޯދުމުގެ ގޮތުން، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފުރަބަންދުގެ ކުރިން އަޅާފައިވާ ފިޔަވަޅުތައް އަލުން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންނެވިއެވެ. އަދި މާލޭގެ މަގުތަކަކީ ކާރުބާރުވުން ކުޑަ، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި، ކުރެވެން ހުރި ކަންތައްތައް، ވީހާ ވެސް އަވަހަށް ކުރިއަށް ގެންގޮސްދެއްވުމަށް ވެސް ނައިބު ރައީސް އެދިވަޑައިގަންނަވާފައިވެއެވެ.
މި ގޮތުން، ދުއްވާ އެއްޗެހި ޕާކްކުރުމުގައި ކުރިމަތިވާ މައްސަލަތަކާއި، ޓްރެފިކްގެ ކަންކަން ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދިއުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމާއި ގުޅޭގޮތުންނާއި، ކުރިއަށްއޮތް ތަނުގައި، ޓްރެފިކްގެ ކަންތައްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުން ވެސް ނައިބު ރައީސްވަނީ މަޝްވަރާކުރައްވާފައެވެ.

