ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކް އެމަނިކުފާނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާ ދިން ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައީސް ވަހީދު އިތުރުފުޅު ހެއްދެވި ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ އނގުފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވީ ރައީސް ވަހީދުއާއި މީހަކާ ދެމެދު ކުރެވުނު ޒުވާބަކާ މެދު ރައީސް ވަހީދު ހިތްހަމަޖެހިވަޑައިނުގެން، ރައީސް ވަހީދަށް ”ޖިސްމާނީ ހަމަލާއެއް“ އެ އާންމު މީހާ ދީފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައްޔިތުންނަށް އޮޅޭ ގޮތަށް ރައީސް ވަހީދު ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ރައްޔިތުން ޑިމޮލްރެޓިކް އުސޫލުން އިންތިހާބު ކުރި ފުރަތަމަ ވެރިކަން ބަޢާވާތަކުން ބަދަލުކޮށް ރައްޔިތުންނަށް އެތައް އަނިޔާތަކެއް ދީފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދުގެ ވާހަފުޅު ކުއްވެރި ކުރައްވާ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބަކަށް ހުންނަވައިގެން ރައީސް ވަހީދު އެ ސަރުކާރު ބަޣާވާތަކުން ވައްޓާލިއިރު، އެ ވެރިކަން ދިފާއު ކުރުމަށް ރައްޔިތުންނަށް އަނިޔާތަކެއް ދިންއިރު އޭގެ ތެރެއިން ޖައުފަރުއަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތަކެއް ދީފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ޖައުފަރުއަށް އޭރު ލިބުނު އަނިޔާތަކުން މިހާރުވެސް އޭގެ އަސަރުކޮށް ދޭތެރެއިން ޝޮކުތައް ޖެހި ހޮސްޕިޓަލުގައި އެޑްމިޓު ކުރަންޖެހޭކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މަގުމަތިން ފުރައްސާރަކޮށްފައިވާ ކަމަށް ހާމަ ކުރައްވައި އިއްޔެ ހެނދުނު ޓްވީޓެއް ކުރެއްވި އެވެ. ރައީސް ވަހީދުގެ އެ ޓްވީޓުގައި ވިދާޅުވެފައިވާ ގޮތުގައި މަގުމަތިން އެމަނިކުފާނާ ދިމާކޮށްލައި ފުރައްސާރަ ކުރީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ ޖެރޯ އެވެ.

