މިހާރު ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ފުރައްސާރަކޮށް ހަމަލާ ދިން ކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސްރީލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ ޓެގް ކުރައްވައި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކް ކުރެއްވި ޓުވިޓަށް ބޮޑު ވަޒީރު މޯދީއާއި ބޮޑުވަޒީރު ރާޖަޕަކްސަގެ އަރިހުން މާފަށް އެދެން ޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ވެސް ފުރައްވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވީ ޑރ ވަހީދު ހުންނެވީ ބޮޑު ބަޢާވާތެއް ކުރައްވާފައި ކަމަށާއި އެހެން ކަމުން ޑރ ވަހީދުއަށް ބާޢީ ނޫން ގޮތަކަށް ބަޔަކު މުހާތަބް ކޮށްފާނެ ކަމަށް ޑރ ވަހީދު ހީފުޅު ކުރެއްވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ޑރ ވަހީދު އަކީ ބާޢީއެއް ކަމަށާއި އެ ނޫން ގޮތަކަށް ދިވެހި ރައްޔިތުން ޑރ ވަހީދުއާއި މުހާތަބް ކުރާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޑރ ވަހީދު އަށް ބާޢީއަށް ގޮވަނީ އޮޅުމަކުން ނޫން ކަމަށާއި އެކަން ހުދު ޑރ ވަހީދުއަށް ވެސް އެނގިވަދައިގަންނަވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ބަޢާވާތް ކޮށްގެން ތިބޭ މީހުންނަށް ބާޢީންގެ ނަމުން ނޫން ގޮތަކަށް ނުގޮވޭނެ ކަމަށާއި އަދި އެމްޑީޕީގެ ވެރިކަމުގައި ނައިބް ރައީސްއެއްގެ ގޮތުގައި ހުންނެވުމަށް ފަހު ބަޢާވާތް ކުރައްވައިގެން ހުންނެވުމަށް އަނިޔާ ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ ބޮޑުވަޒީރު މޯދީއާއި ބޮޑުވަޒީރު ރާޖަޕަކްސަ ޓެގް ކުރައްވައި ޑރ ވަހީދު ޓުވީޓް ކުރެއްވުމަކީ ކުރެއްވި ކޫސަނި ކަމެއް ކަމަށާއި އެކަމަށް މާފަށް އެދެން ޖެހޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި އެއީ ޑރ ވަހީދު ކުރެއްވި ވަރަށް ހަޑިހުތުރު އަމަލެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

