މެޑިކަލް އިކްއިޕްމަންޓާއި، ކޮންސިއުމަބަލްސްއާއި، މި ނޫނަސް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ހޯދަމުގައި ޢަމަލުކުރަނީ، މާލިއްޔަތުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލެވިފައިވާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިހެން ބުނެފައި މިވަނީ، އެ ހޮސްޕިޓަލުގެ މުވައްޒަފުން މެދުވެރިކޮށް ވަކި ފަރާތްތަކަށް ފައިދާވާގޮތަށް އިކްއިޕްމަންޓް ހޯދާކަމަށް ބުނެ ސޯޝަލް މީޑިއާގައި، މުވައްޒަފުންގެ ފޮޓޯޖަހައި، އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަށް ބަޔަކު ފަތުރަމުންދާކަމަށް ބުނެ މިއަދު ނެރުނު ބަޔާނެއްގައެވެ.
މި ގޮތުން، އައިޖީއެމްއެޗުން ބުނީ، ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ހޯދަމުގައި ޢަމަލުކުރަނީ، މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސްކަމެއް ހިނގާކަމަށް ޝައްކކުރެވޭނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ މިނިވަން މުއައްސަސާތަކަށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި މި ގޮތުން، ހޮސްޕިޓަލުގައި ކުރިއަށްދާ މަޝްރޫޢުއެއް ނުވަތަ އެއްޗެއްގަތުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކުރެވޭނަމަ، އެ މައްސަލަ އޭސީސީއަށް ހުށަހެޅުމަކީ މަރުހަބާކިޔާ ކަމެއްކަމަށެވެ.
އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕޓަލުގެ މުވައްޒަފުން ބަދުނާމުވާގޮތަށް ޙަޤީޤަތެއްނެތް ވާހަކަތައް ފަތުރައި، އެ މުވައްޒަފުންގެ އަބުރު ގެއްލުވާލުމަކީ، ހިތާމަކުރާކަމެއްކަމަށެވެ. އަދި މިއީ ބަލައިގަނެވޭނެފަދަ ކަންކަމެއް ނޫންކަމަށްް ވެސް އައިޖީއެމްއެޗުން ބުނެއެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ވަނީ، ހޮސްޕިޓަލުގެ ބަހެއްނެތި ސޯޝަލް މީޑިއާގައި މިފަދަ ޚަބަރުތައް ރިޕޯޓުކުރަމުންދާ ދިއުމަކީ، ޒިންމާދާރު ނޫސްވެރިކަމުގެ މިންގަޑުތަކާ ޚިލާފުކަމެއްކަމަށް ދެކޭކަމަށް ވެސް ބުނެފައެވެ.

