މަޖިލީހުގެ މެމްބަރުންނަށް ގަވައިދު ތަންދޭ ގޮތެއްގެ މަތީން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއަށް ”ބާޣީ“ އަށް ގޮވޭނެކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގު“ ގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ބަޣާވާތެއް ކަމަށެވެ. އަދި އަލުން އެ މައްސަލަ ބަލައިފިނަމަ އެއީ ބަޣާވާތެއްކަން ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށެވެ.
މަޖިލީހުގެ ތެރޭގައި، ވަކި ފަރާތަކަށް އަމާޒުކޮށް ”ބާޣީ“ އަށް ގޮވިދާނެކަމަށް މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން ގަބޫލު ކުރައްވަން ތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވައިދު ތަންދޭ ކޮންމެ ގޮތެއްގެ މަތީން މެމްބަރުންނަށް ވާހަކަ ދެއްކެވޭނެ ކަމަށެވެ. އަދި އެއީ އެ މެމްބަރުންގެ ހައްގެއް ކަމަށާއި އެމަނިކުފާނުގެ ނައިބް ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެއީ ބަޣާވާތެއް ކުރެއްވި ބޭފުޅެއްތޯ ނުވަތަ ނޫންތޯ އަދި މިހާތަކަށް ކަނޑައެޅިފައި ނެތް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އޭރު 2012 ވަނަ އަހަރު ހިނގައިދިޔަ ކަންތަކުގެ ތެރެއިން އޭރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި، އަދި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، މިހާރުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމްއަށް ބާޣީއަށް ގޮވުމުން އެ ބޭފުޅުން ސިވިލް ކޯޓަށް ވަޑައިގެންނެވިކަމަށެވެ. އަދި އޭރު ސިވިލް ކޯޓުން އެ މައްސަލައިގައި ނިންމީ ބަޣާވާތުގެ މައްސަލައިގައި ތަހުގީގެއް ނުހިންގާ، ބާޣީއަށް ގޮވި މައްސަލަ ބަލާނެ ގޮތެއް ނެތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އޭގެ ސަބަބުން އެއް ބޭފުޅަކު އަވަހަށް މައްސަލަ ނެންގެވި ކަމަށެވެ.
”އެނގިވަޑައިގަންނަވާނެ މި ކަމާ ގުޅިގެން އޭރު ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައިވެސް މިކަމަކީ ބަޣާވާތެއް ނޫން ކަމަށް ނިންމާފައެއް ނުވޭ. ދެން އަސްލު ހިނގައިދިޔަގޮތް މިރާއްޖޭގެ އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނުވާނެ“ ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ބަޣާވާތާއި ގުޅިގެން މައްސަލައެއް ހުށަހަޅާފައިވާއިރު އެކަން ބަލައި ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ބަޣާވާތުގެ މައްސަލަ އަނެއްކާވެސް ގަދަވެގެން ދިޔައީ، ރައީސް ނަޝީދުގެ ނައިބް ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން ކަސްރަތު ކުރައްވަން ނިކުމެވަޑައިގެން ހުންނަވަނިކޮށް އެމަނިކުފާނާއި އެމްޑީޕީގެ އެކްޓިވިސްޓަކު ދިމާކޮށް ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ރައީސް ވަހީދު ވަނީ ފުރައްސާރަތަކާއި ކުރިމަތިލައްވާތާ 08 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ވަކި މީހަކާއި މެދު އޮތް ނަފްރަތު ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ވަހީދު ވަނީ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ވެސް ހުށަހަޅާފައެވެ.
މި މައްސަލައާއި އެކު އެމްޑީޕީގެ މެމްބަރުން ވަނީ ނުރުހުންވެސް، ޖައުފަރުގެ ދިފާއުގައި ނިކުމެފައެވެ. އަދި ޑރ. ވަހީދަކީ ބާޣީއެއް ކަމަށާއި ފުރައްސާރަ ކުރިކަމަށް ބުނެ ހައްދަވަނީ ދޮގުކަމަށް އެމްޕީން ވަނީ ބުނެފައެވެ. ސޯޝަލް މީޑިއާ ވެސް ހޫނުވެފައިވާ މި ދަނޑިވަޅުގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިއިރު އެމްޑީޕީގެ މެމްބަރުން ވަނީ ބަހުސް މަރުހަލާގައި ރައީސް ވަހީދަކީ ބާޣީއެއްކަމަށް ގޮވާފައެވެ. އަދި އިނާޔަތްތައް ކަނޑާލުމަށް ވެސް ގޮވާލިއެވެ.

