ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ނިސްބަތްކޮށް ގޮވާފައިވަނި ބާޣީއަކަށް ނޫންކަމަަށާއި ގޮވާފައިވަނީ އެއަށްވުރެ ހުތުރު ބަސްތަކެއް ކަަމަށް ޑރ. ވަހީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައަކީ އެއްވެސް ހަގީގަތެއް ނެތް ކަމެއް ކަމަށާއި އެއީ ކުރެއްވި ވަރަށް ބޭކާރު މަސައްކަތެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ވަނީ ރައީސް ވަހީދަށް މީހަކު ހަމަލާ ދިންކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައަކީ ބޮޑު އޮޅުވާލުމެއް ކަމަށް ބުނެ ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. އެކަމަށް އިޝާރާތް ކުރައްވައ ރައީސް ވަހީދު ވިދާޅުވި އެމްޑީޕީގެ އެކްޓިވިސްޓަކާއި ދެކޮޅަށް ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށައަޅުއްވާފައި ނުވާނެކަމަށެވެ.
މީގެ އިތުރަށް، ރައީސް ވަހީދުގެ އަނބިކަބަލުން އިލްހާމް އަހުމަދާއި ވަރަށް ކައިރިވެ ”ޕާސަނަލް ސްޕޭސް“އަށް ހުރަސް އަޅާފައިވާ ކަމަށް ރައީސް ވަހީދުގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ގަނޫނުހަދާ މަޖިލީހުގައި އިންނަވައިގެން، ގާނޫނުތައް މުގުރާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްވަރުދެމުން ގެންދަވާތީ އެކަމާއި ހިތާމަކުރައްވާކަމަށް ޑރ ވަހީދުގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ވަހީދު މިހެން ވިދާޅުވިނަމަވެސް، މިފަދަ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އިއްޔެ ފަތިހު ރައީސް ވަހިދުގެ ދެކަނބަލުން ކަސްރަތުކުރުމަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެދެކަނަބލުންނަށް ހަޑިހުތުރު ބަސްތައް ކިޔައި ދިމާކުރިކަމަށް ޑރ ވަހީދު ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުވަނީ ރައީސް ވަހީދަކީ ބާޣީއެއް ކަމަށް ވަރަށް ގިނަ ބަޔަކު ދެކޭ ކަމަށާއި ރައީސް ވަހީދު ފެނުމުން ބާޣީއަށް ގޮވޭނެ ކަމަށް ވިދާޅުވެފައެވެ.

