ކޮވިޑުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން، މެދުކަނޑާލާފައި އޮތް ސްކޫލުތަކުގެ ކިޔެވުން ބައެއް ކީ ސްޓޭޖް ގްރޫޕްތަކުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކިޔެވުންތައް އަލުން ފެށުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުތައް ފޯރުކޮށްފީފައެވެ. ފޭސްތަކަކަށް ބަހާލައިގެން ކްލާސްތައް ފެށުމަށް ހަމަޖެހިފައިޥާއިރު އެކަމުގެ ތަފްސީލުތައް ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ބަލި ނުފެތުރޭ ރަށްތަކުގައި ގްރޭޑު 01 އިން 12 އަށް ކިޔަވައިދޭނެ ކަމަށެވެ. އަދި މި ކްލާސްތައް ކުރިޔަށް ގެންދާނީ ފޭސް ޓު ފޭސްއަށް ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާތަނަށް ހަމަޖެހިފައިވާ ގޮތުންނަމަ ކްލާސްތައް ކުރިޔަށް ގެންދާނީ ހަފްތާއެއްގެ 04 ދުވަހުއެވެ. އަދި 05 ވަނަ ދުވަސް އެއީ ޓީޗަރުންނަށް ލެސަން ޕްލޭން ތައްޔާރު ކުރުމަށް ދޭ ދުވަހެކެވެ. މިނިސްޓަރ ވިދާޅުވީ ދަރިވަރުން ސްކޫލުގައި ހޭދަ ކުރާނީ ހަތަރު ގަޑިއިރު ކަމަށެވެ.
މި އުސޫލާއި އެއްގޮތަށް ކިޔެވުން ކުރިޔަށް ގެންދާނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ އަދި ބަލީގެ ސަބަބުން މޮނީޓަރިންގައި ނެތް ރަށްތަކުގައެވެ.
ކިޔެވުން ކުރިޔަށް ނުގެންދެވި ތިން މަސް ދުވަސް ފާއިތުވެފައިވާކަން ފާހަގަކުރައްވާ ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލެއް އެއީ ހަމައެކަނި ދަރިވަރުންގެ ތައުލީމް ފުރިހަމަވާ ތަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިޖްތިމާއީ ކަންތަކާއި، އެ ކުދިންގެ ހުނަރުތައް އާލާކުރުން އަދި އާއްމުންގެ ތެރޭގައި އުޅުމުގެ ކަންތައް ދަސްވުން ހިމެނޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ގިނަ ދަރިވަރުންނަށް ފިލާވަޅު ދަސްވަނީ ވެސް ސްކޫލުގެ ކްލާސްރޫމްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ވޭތުވެ ދިޔަ ދުވަސްތަކުގައި ވެސް ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ހީނަރުކަމެއް އަޔަނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ހާލަތު އޮތް ގޮތުން، ސްކޫލަށް ހާޒިރުވެ ކިޔަވައިދިނުން ކުރިޔަށް ގެންދެވެން ނެތްކަމަށް ވިދާޅުވިއެވެ.
ނަމަވެސް މި މުއްދަތުގެ ތެރޭގައި ދަރިވަރުން ކިޔެވުމުން ދުރުވިޔަ ނުދިނުމަށް ޓެލެކްލާސްތައް ކުރިޔަށް ގެންދެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކްލާސްތައް ފެށުމަށް ނިންމާ، އެކަމުގެ ގައިޑްލައިންތައް ސްކޫލުތަކަށް މިހާރު ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރޭގައި ސްކޫލުތައް ހުޅުވުމާއި އެކު އަމަލު ކުރާނެ ގޮތްތަކުގެ އުސޫލު ފާހަގަކޮށްފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި ތާރީހު ހަމަޖެއްސީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ މަޝްވަރާކޮށްފައި. މިހާރު ހަމަޖެހިފައިވާ ގޮތުން ބަލިމަޑުކަން ނުފެރޭ ރަށްރަށުގައި ޖުލައި އެކެއްގައި ގްރޭޑް އެކަކުން ފެށިގެން މަތީ ގުރޭޑުތަކަށް ސްކޫލުތައް ހުޅުވިގެންދާނެ. ސްކޫލުތައް ހުޅުވަން ހަމަޖެހިފައި މިއޮތީ ފޭސްތަކަކަށް ބަހާލައިގެން. މި ހާލަތުގައި ވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދޭނީ ދަރިވަރުންގެ ސިއްހަތަށް، ސިއްހީ ރައްކާތެރިކަމަށް“ ޑރ. އައިޝަތު އަލީ
މިރޭގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ސްކޫލު ހުޅުވުމުގެ ކަންކަން ރާވާފައި ވަނީ އެޑިއުކޭޝަން ރެސްޕޮންސް ޕްލޭންގެ ދަށުން ކަމަށެވެ. އޭގެ ތެރޭގައި ވީހާވެސް ރައްކާތެރި ގޮތެއްގައި ކިޔަވައި ދިނުމާއި، ބަލީގެ ނުރައްކާ އޮވެދާނެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުން ހިމަނާފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ސްކޫލުތަކުން ދޭނެ ކަމަށާއި، އަދި މިނިސްޓްރީން އެކަން ބަލާނެ ކަމަށެވެ. ސްކޫލަށް ވަންނައިރު ދަރިވަރުންގެ ޓެމްޕަރޭޗާ ބެލުމާއި އަދި އެ ކުދިންގެ އަތް ދޮވެ ސެނެޓައިޒް ކުރުން ހަމަޖެހިފައި ހުންނާނެ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

