ކޮވިޑުގެ ސަބަބުން މާލެ ނާދެވިފައި ތިބި ދަރިވަރުންނާއި، އަދި ވަގުތީ ގޮތުން މާލެއިން އެހެން ތަނަކަށް ބަދަލުވާން ޖެހުނު ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމު އެ ރަށެއްގެ ސްކޫލުން ހަމަޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑު ބަލީގެ ސަބަބުން މާލޭން ބޭރުގައި ވެސް ގިނަ ބަޔަކު ތިބީ ތާށިވެފައެވެ. އަދި އޭގެ އިތުރުން މާލޭގެ ހާލަތު ހުރިގޮތުންނާއި، މާލީ ގޮތުން ދިމާވި ދަތިތަކާއި، ހެދި ގިނަ ބަޔަކު ވަނީ އަމިއްލަ ރަށަށް ވަގުތީ ގޮތުން ބަދަލުވެފައެވެ.
ތައުލީމް ހާސިލް ކުރަމުންދާ ރަށް ނޫން އެހެން ތަންތަނުގައި މިވަގުތު ތިބި ދަރިވަރުންގެ ތައުލީމް ފުރިހަމަ ކުރެވޭނެ ގޮތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. އައިޝަތު އަލީ ވިދާޅުވީ އެކަމާއި ގުޅިގެން ބެލެނިވެރިންގެ ބައެއް ކަންބޮޑުވުންތަކެއް މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެކަމާއި ގުޅިގެން މިނިސްޓްރީން ނިންމާފައިވަނީ އެ ދަރިވަރުންނަށް ރަށްތަކުގައި ތިބެގެން، އެ ރަށެއްގެ ސްކޫލަކަށް ހާޒިރުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމުގައި ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ، ވަގުތީ ގޮތުން އެ ދަރިވަރުން ރަށުގެ ސްކޫލަށް ކިޔަވަން ދިޔަ ނަމަވެސް މާލޭގެ ސްކޫލުގެ އެޑްމިޝަން ބާތިލު ނުވާނެ ކަމަށެވެ. އަދި އެ ރަށެއްގައި ދަރިވަރު ހޭދަ ކުރަންޖެހޭ ކޮންމެ ދުވަހެއްގައި ވެސް ސްކޫލަށް ހާޒިރުވެވޭނެ ކަމަށެވެ.
”ވަގުތީގޮތުން ބަދަލު ވިޔަސް މާލޭ ސްކޫލުގެ ފުރުސަތު ގެއްލިގެނެއް ނުދާނެ. އެ ދަރިވަރު އެ ރަށެއްގައި ހުންނަހާ ދުވަހެއްގައި، އެ ރަށެއްގެ ސްކޫލުން އެ ދަރިވަރަށް ތައުލީމު ލިބިގެންދާނެ. އެކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން“ ޑރ. އައިޝަތު އަލީ
މީގެ އިތުރުން ޑރ. އައިޝަތު އަލީ ވިދާޅުވީ އެ މުއްދަތުގައި ދަރިވަރު ކޮންމެހެން އެ ސްކޫލުގެ ޔުނިފޯމެއް ހޯދަން ނުޖެހޭނެ ކަމަށާއި މިނިސްޓްރީގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންގެ ތައުލީމު ފުރިހަމަވުން ކަމަށެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތައް ބަންދުކުރުމަށް ފަހު، އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮވިޑުގެ ނުރައްކާ ނެތް ރަށްތަކުގައި ކިޔެވުން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދާނީ ވަކި ފޭސްތަކަކަށް ބަހާލައިގެންނެވެ.

