ލ.ގަމާާއި، ސ.ގަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމް.އެން.ޑީ.އެފް) އިން އަސްކަރީ ތަމްރީނުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ހޯމަދުވަހު ހާމަކުރިގޮތުގައި، މި އަސްކަރީ ތަމްރީނުތައް ކުރިއަށްދާނީ، ޖުލައިމަހުގެ 19 ވަނަ ދުވަހުން ފެށިގެން، އެ މަހުގެ 23 ވަނަ ދުވަހާއި ހަމައަށެވެ.
މި ގޮތުން، މި މުއްދަތުގެތެރޭގައި، ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 06:00 އިން ފެށިގެން، ހަވީރު 18:00 އާއި ހަމައަށް، ލ.ގަމުގެ އިރުން 07 ނޯޓިކަލް މޭލު ބޭރުގައްޔާއި، ސ. ގަމުގެ ދެކުނުން 07 ނޯޓިކަލް މޭލު ބޭރުގައި ޚާއްސަ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް އަންގާފައިވާކަމަށް، އެ އޮތޯރިޓީން ބުނެއެވެ.
މި ތަމްރީނުތަކުގައި ބަޑި ޖެހުމަށް ހަމަޖެހިފައިވާކަމަށާއި، ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރު ނުވަތަ ޕައިކޯޓެކްނިކްސްއަކީ، މެޝިން ގަން ފަޔަރިންގ ކަމަށް ވެސް ޓްރާާންސްޕޯޓް އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
މި ގޮތުން ވައިގެ ސަރަހައްދުގައި ހަތިޔާރު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރުކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ، 100 މީޓަރުކަމަށާއި، އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ، ސީ.ލެވެލްކަމަށް ވެސް ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ލ.ގަމުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ، އެ ރަށުގެ އިރުން 07 މޭލު ބޭރުގައިކަމަށާއި، ސ.ގަމުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ، އެ ރަށުގެ ދެކުނުން 07 މޭލު ބޭރުގައިކަމަށެވެ.
މި ގޮތުން، ލ. ގަމުގެ އިރުންނާއި، ސ.ގަމުގެ ދެކުނުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން، މި ކަންކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ދަތުރުފަތުރު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެއެވެ.

