ފުލުހުންގެތެރެއިން 03 ފުލުހަކު މަޤާމުން ވަކިކޮށް، އިތުރު ފުލުހެއްގެ ރޭންކް ދަށްކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
މި ކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި، 03 ފުލުހަކު މަޤާމުން ވަކިކޮށް، އެކެއްގެ ރޭންކް ދަށްކޮށްފައިވަނީ، ހުސްވި އަހަރުގެ އޯގަސްޓުމަހުގެ 05 ވަނަ ދުވަހު، ޢާންމު ރައްޔިތަކާއި މާރާމާރީއެއް ހިންގި މައްސަލައިގައެވެ.
މި ގޮތުން، އެ މީހުންނާއި މެދު ފިޔަވަޅު އަޅާފައިވަނީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުމަށްފަހު ނިންމި ގޮތްތަކުގެ މައްޗަށްކަމަށް ވެސް ޙަމީދު ވިދާޅުވިއެވެ.
ސީޕީ ޙަމީދު ވިދާޅުވީ، މިކަމަކީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށާއި، އަދި އިސްލާހުކުރެވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ސީޕީ ވިދާޅުވީ ތަހުޒީބާއި ރިވެތި ޚުލްޤުގެތެރެއިން ފުލުހުންގެ މުއައްސަސާ އިސްލާހުކުރަންޖެހޭ ކަމަށާއި، އަނެކުން ދަށްކޮށްލައި ފުރައްސާރަކުރުމަކީ ބޭކާރުކަމެއްކަމަށެވެ.
ސީޕީ ޙަމީދު ވިދާޅުވި ގޮތުގައި، ފުލުހުންގެތެރެއިން، %34 ފުލުހުންނަކީ އޭލެވެލްއަށްވުރެ މަތީ ފާސްއޮތްބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންގެތެރެއިން، 220 ފުލުހުންނަކީ ޕޯސްޓް ގުރެޖްއޭޓް އޮންނަ ބައެއްކަމަށެވެ.
ސީޕީ ޙަމީދު މިހެން ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންނަށް އަމާޒުކޮށް ފާޑު ކިޔުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި އޭގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް، ފުލުހުނަށް ފާޑުކިޔަމުންދާ ވަގުތެއްގައެވެ.

