ފުލުހުންގެ ތެރޭގައި ތިބެނީ ތައުލީމެއް ނެތް ބައެއް ކަމަށާއި، މަގުމައްޗަށް ނެރެން ޖެހެނީ ”ކާކީ ކުލައިގެ ސޯޓު“ ލައްވާފައިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކަތަކަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މުވައްސަސާގެ އަގުވެއްޓޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖްލްސާގައި މެމްބަރުން ވަނީ ވާހަކަ ދައްކާފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ.
ފުލުހުންނަކީ އެއްވެސް ތައުލީމެއް ނެތި، ނުވަތަ ގްރޭޑު 10 ގެ ވެސް ފެންވަރު ނެތް މީހުންގެ ގޮތުގައި ސިފަކޮށް މުހައްމަދު ރަޝީދު ވިދާޅުވެފައިވަނީ އެއީ އަބަދުވެސް ރައްޔިތުންނަށް އަނިޔާ ކުރާ މީހުން ތިބި މުވައްސަސާއެއް ކަމަށެވެ. އަދި ޖަލުގެ ތެރޭގައި މީހުންނަށް އަނިޔާކޮށް ބައެއް މީހުން ގެއްލުވާލާފައިވާކަމުގައި ވިދާޅުވިއެވެ.
ޖުޑީޝަރީ އިސްލާހުވުމުގެ ކުރިން، ފުލުހުން އިސްލާހު ކުރަން ނުވަތަ ޕޮލިސް ރީފޯމްއެއް ގެންނަން ޖެހޭކަމަށް ވިދާޅުވީ އޭނާ ވަނީ އެސްއޯ ފުލުހުން ވެސް އުފައްދައިގެން އުޅެނީ މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.
މުހައްމަދު ރަޝީދު ވަނީ ފުލުހުން މަގުތަކަށް ނެރެންވީ ހުތުރު ސިފައެއްގައި ކަމަށް ވިދާޅުވެފައެވެ. އެއީ ސޯޓު ލައްވާ ދަނޑިބުރިއެއް ދީފައި ކަމަށާއި، އެއީ ”ސްމާޓް ޔުނިފޯމު ލައްވާފައި ތިބެން ޖެހޭ ބައެއް ނޫން“ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަގުތަކަށް ނެރެންޖެހެނީ ވެސް ސަރުދާރުންގެ ގޮތުގައިކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއެވެ.
އިތުރަށް ބަހުސް ކުރިޔަށް ގެންދަވާ މުހައްމަދު ރަޝީދު ވިދާޅުވީ ފުލުހުންގެ ޔުނިފޯމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ތިބެން ޖެހެނީ ކާކީ ކުލައިގެ ސޯޓަކާއި އެކު ބޮޑު އަދި ދިގު ސްޓާކީނެއްގައި، ހަނގަޑެއްކަހަލަ ބޯ ބޫޓަކަށް އަރުވާފައި ކަމަށް ވިދާޅުވިއެވެ.
”ސޯޓުލައިގެން ދަނޑިބުރިއެއް ދީފައި ތިބޭ ބައެއް މަގުމައްޗަށް ނެރެފައި. ވަރަށް ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިތިއްބާކަށް ނުޖެހޭ އިއްޒައްތެރި ރައީސް. ސަރުދާރުން ގޮތަށް ނެރެން ޖެހެނީ ކުދި ދަނޑިބުރިއެއް ދީފައި….. ޔުނިފޯމަށްވެސް ބަދަލެއް ގެންނަން. ކާކީ ކުލައިގެ ސޯޓު ބުރިއެއް ލައްވާފައި، ތަންކޮޅެއް ދިގު ސްޓާކީނެއް ލައްވާފައި ހަންގަނޑެއް ކަހަލަ ބޫޓޫ ގަނޑަކަށް އަރުވައިގެން މާލެ ތެރޭގައި ގެންގުޅެންވީ“ މުހައްމަދު ރަޝީދު
މި ވާހަކަތަކާއި އެކު ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. ”ޕޮލިސް ބްރޫޓާލިޓީ“ އާއި ދެކޮޅަށް މަސައްކަތް ކުރާ ބައެއް މީހުން ވެސް ވަނީ މުޅި މުވައްސަސާ އެހާ ދަށްކޮށް ވާހަކަ ދައްކަން ނުޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ބައެއް ފުލުހުން ވަނީ އިއްޔެގެ ޖަލްސާއަށް ފަހު ނުސީދާ ގޮތްތަކުން ނާއި ފާޅުގައި އެ ވާހަކަތަކަށް ރައްދު ދީފައެވެ.
ފުލުހުންގެ ރީފޯމަށް ވާހަކަ ދައްކަވާ އެއްބޭފުޅަކަށް ސީޕީ ހަމީދުވެސް ވާނެއެވެ. އެހެން ނަމަވެސް މަޖިލީހުގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން ޓްވީޓެއް ކުރައްވާ ހަމީދު ވިދާޅުވީ ފުލުހަކަށް ބޭނުންވާ ގިނަ ހުނަރުތައް ވަޒީފާގެ ތެރެއިން ދަސްކުރާ ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ކަމެއް ކަމަށާއި މަތީ ތައުލީމަކީ ދެވަނައަށް އަންނަ ކަމެއްގެ ގޮތުގައި ހަމީދު ވިދާޅުވިއެވެ.
ފުލުހުންގެ މުވައްސަސާގެ ތެރޭގައި މަތީ ތައުލީމް ހާސިލްކޮށް، ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި އޮފިސަރުން ވެސް ތިބިކަން ސީޕީ ފާހަގަ ކުރެއްވިއެވެ.
ފުލުހުންގެ މުވައްސަސާއާއި ދެކޮޅަށް މެމްބަރުން ދެއްކެވި ވާހަކައިގައި ވަނީ، 10 އެއްގެ ފެންވަރުވެސް ނެތް ބަޔަކު ގާނޫނު ތަންފީޒު ކުރަންތިބުމަކީ ލަދުގަންނަން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. މެމްބަރުން އެހެން ވިދާޅުވީ ނަމަވެސް ފުލުހުންގެ މުވައްސަސާއަށް ވަދެވި، އެކި ރޭންކުތައް ލިބެނީ ތަފާތު ކޯސްތަކާއި އަދި އިތުރު ކަންކަން ފުރިހަމަ ކުރުމަށްފަހުއެވެ.
ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމުގައި އެއްވެސް ޝަރުތެއް އަދި ވަކި ތައުލީމީ ފެންވަރެއް ކަނޑައަޅާފައި ނުވެއެވެ.

