ދިވެހި ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފޮރުވިފައިވާ ޙަޤީޤަތްތަކަކީ ގިނަ ދިވެހިންނަށް ވަންހަނާ ވެގެންވާ ކަންކަމެވެ. އެގޮތުން ރާއްޖޭގެ ރަސްކަމުގެ ތެރޭގައި ކުޅުނު ކުޅިވަރާއި ރަސްކަން ނިމިގެން ދިޔަ ގޮތާއި ރަސްރަސްކަލުންނާއި ދެކޮޅަށް ހިންގި އެކި ބާވަތުގެ ސިޔާސީ ހަރާކާތްތަކަކީ ފޮރުވިފައުވާ ކަންކަމެވެ. ހަމައެހެންމެ ޖުމްހޫރިއްޔަތަކަށް ވެރިކަމުގެ ނިޒާމު ފުރޮޅި، މުޙައްމަދު އަމީނުގެ ވެރިކަން ނިމިދިޔަ ގޮތާއި އިބްރާހިމް ނާޞިރުގެ ވެރިކަން ފުރޮޅިގެން ދިޔަގޮތުގެވާހަކަ ކޮންމެވެސް ވަރަކަށް ދެކެވުނަސް އެކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ގިނަގުނަ ޙަޤީޤަތްތަކަކީ ޢާންމު ދިވެހިން ބީރައްޓެހި ކަންކަމެވެ.
މިދެންނެވި އުސޫލުން 2008 ވަނަ އަހަރު ދިވެހިރާއްޖޭގައި ގާއިމް ކުރެވުނު ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން އާދެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔަގޮތުގެ ހަގީގަތް ވެސް ވަނީ ފޮރުވިފައެވެ. ވެރިކަން ބަދަލުވީ ރާއްޖޭގެ ރައްޔިތުންގެ ލޯކުރިމަތީގައި ކަމަށްވީނަމަވެސް އަޑިނޭނގޭ އެތައް ކަމެއް ހިނގާފައިވާ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ސަބަބަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަގާވާތަކުން ކަމަށް އެމަނިކުފާން ވިދާޅުވުމުން އެކަން ތަހުގީގު ކުރުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ތަހުގީގު ނުނިމެނީސް ކޮމިޝަންގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުންނެވި ގަހާ އަހުމަދު ސައީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ރައީސް ނަޝީދު ވުދާޅުވާ ބަގާވާތް ތަހުގީގު ކުރުމަށް އެކުލަވާލި ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމު ކުރަން 24 ގަޑިއިރަށް ވެފައިވަނިކޮށް ކޮމިޝަންގައި ރައީސް ނަޝީދު ތަމްސީޅް ކުރެއްވި ގަހާ ސައީދު އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ކޯނީ ރިޕޯޓް އެކުލަވާލުމަށް ކުރި މަސައްކަތުގައި ސިފައިން ގޭގައި ހަރުކޮށްފައި ހުރި ކެމެރާތަކުގެ ތެރެއިން ވީޑިއޯ ފުޓޭޖު ލިބުނީ ތިން ކެމެރާ އިން ކަމަށާއި އަދި މާލެ ތެރޭގައި ހުރި އެއްވެސް ކެމެރާއެއްގެ ފޫޓޭޖު ފުލުހުންގެ ފަރާތުން ލިބިފައި ނުވާ ކަމަށް ވިދާޅުވެއެވެ. ސައީދު ވިދާޅުވީ ފެބްރުއަރީ މަހު 7 ވަނަ ދުވަހު ރައީސް އޮފީސް ތެރޭގައި ހިނގައި ދިޔަ އެއްވެސް ވީޑިއޯއެއް ލިބިފައިނުވާ ކަމަށާއި އެމްއެންބީސީ ކައިރީގައި ހުރި ކެމެރާ އިން ލިބިފައިވާ ވީޑިއޯގައި ހުރީ ހަތް ވަނަ ދުވަހުގެ ހެނދުނު 10:47 އިން ފެށިގެން ހިނގައި ދިޔަ ކަންތައްތަކުގެ ވީޑިއޯ ކަމަށެވެ. ހަމައެހެންމެ ކޮމިޝަނަށް ބޭނުންވި އިންޓަވިއުތައް ބައެއް މީހުންގެ ފަރާތުން ނުލިބުނު ކަމަށާއި އަދި ބައެއް މައުލޫމާތުތައް ހިއްސާ ކުރަން ބޭނުންނުވި މީހުން ވެސް ތިބި ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ކުރިން ވެސް އަޅުގަނޑު ފާހަނގަކުރި ގޮތަށް ނަޝީދުގެ ވެރިކަން ބަދަލުވުމާއި އިސްތިއުފާ ދެއްވި ހަގާގީ ސަބަބު ވަނީ ފޮރުވިފައެވެ. ނުވަތަ ފޮރުވާފައެވެ.
ރައީސް ނަޝީދުގެ ވެރޮކަން ބަދަލުވި ގޮތާއި މެދު ގިނަ ކަންތައްތަކެއް ފޮރުވިފައިވާ ކަމަށް ނުވަތަ ފޮރުވާފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރާ ދެވަނަ ސަބަބަކީ ރައީސް ނަޝީދު ވެސް އެ ޕާޓީއަކަށް ނިސްބަތްވާ އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ފާސްކުރި ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ތަހުގީގު ކޮށްފައި ނުވާތީއެވެ. އަދި ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގެއް ކުރުމަށް ރައީސް ނަޝީދު ވެސް އަދި އެމްޑީޕީގެ ފަރާތުން ވެސް އެއްވެސް ތަނަކަށް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގެއް ކުރުމަށް އޭރު އެމްޑީޕީގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި އޭރު ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީޙުގައި އުފައްދަވާފައިވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ނުވަތަ 241 ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް ރައީސް ނަޝީދާއި އޭރު އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އެދުމުގެ މަތިން އަލްހާން ވަނީ އެ މައްސަލަ އަނބުރާ ނަންގަވާފައެވެ. އެހެން ކަމުން މި ދެންނެވި ކަންކަމަށް ބެލިނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއި އިސްތިއުފާ ދެއްވުމުގައި އެތައް ކަމެއް ފޮރުވިފައިވާކަން ހާމަވެއެވެ. ހާއްސަކޮށް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގެއް ކުރުމަށް މަޖިލީޙުގެ241 ކޮމެޓީއަށް ހުށަހެޅި މައްސަލަ އަނބުރާ ނެންގެވުމަށް ރައީސް ނަޝީދު އެދިވަދައިގަތުމަކީ ވެރިކަން ބަދަލުވުމުގެ ތެރެއިން ހިނގާދިޔަ ކަންތައްތަކެއް ރައީސް ނަޝީދު ފޮރުވަން މަސައްކަތް ކުރައްވާ ކަމުގެ ހެއްކެކެވެ.
ރައީސް ނަޝީދުގެ ވަރިކަން ބަގާވަތަކުން ބަދަލުކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާއިރު އަދި ބަގާވާތް ކުރެއްވީ އެމަނިކުފާންގެ ނައިބަކަށް ހުންނެވި ޑޜ މުހައްމަދު ވަހީދު ހަސަން މަނިކް ކަމަށް ވިދާޅުވާއިރު އެކަމުގައި ވެސް ނުވަތަ އެ ވާހަކަތަކުގައި ވެސް ދެކޮޅު ނުޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. އެގޮތުން ވެރިކަން ބަދަލުވި ގޮތާއި ބެހޭ ގޮތުން އެކިފަހަރު އެގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމަކީ އެމަނިކުފާންގެ ވެރިކަން ބަދަލު ކުރީ ބަގާވާތަކުން ކަމާއި މެދު ސުވާލު އުފެދޭ ކަމެކެވެ. އޭގެތެރެއިން ބައެއް ވާހަކަތަކަށް ބަލާލާނަމެވެ.
“އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރައީސް ކަމުގައި ހުރެއްޖެ ނަމަ ރައްޔިތުންނާއި ރާއްޖެ އަށް އެތައް ގެއްލުންތަކެއް ލިބޭނެ. ބާރުގެ ބޭނުންކޮށްގެން ސަރުކާރު ދަމަހައްޓަން ވެއްޖެ ނަމަ އެތައް ރައްޔިތުންނަކަށް ގެއްލުންވާނެ ކަމަށް އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރެވޭނެތީ މި ނިންމުން ނިންމީ. ސަރުކާރު އިތުރަށް ދަމަހައްޓަން މަސައްކަތްކޮށްފި ނަމަ ރާއްޖެ އަށް ބޭރުގެ ނުފޫޒުތައް އައުމަކީ ވަރަށް އެކަށީގެންވާ ކަމަކަށް ވާތީވެ، މި ގައުމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހެއޮ އެދޭތީވެ، އަދި ކުރިއަށް އޮތް ތަނުގައި ވެސް އެދޭނެތީ، ހެޔޮ ހިތުން އިސްތިއުފާ ދިނުމަށް ނިންމީ” ރާއްޖޭގެ ރައީސްކަމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ވެރިކަން ދޫކުރެއްވުމަށްފަހު ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވެފައިވަނީ ވެރިކަމުން ބޭލީ ސިފައިން ބޮލުގައި ބަޑި ޖައްސައި މަޖުބޫރު ކޮށްގެން ކަމަށެވެ. ނަމަވެސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން މާލޭގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވި ފައުޖުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ، ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، ހަތިޔާރުން ބިރު ދައްކައިގެން، އިސްތިއުފާ ދެއްވުމަށް ނަޝީދަށް މަޖުބޫރުކުރުވި ކަމަށް އެމަނިކުފާނު ދައްކަވަމުންދާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ. އަދި ނަޝީދު ފަހުން ވިދާޅުވެފައިވަނީ އެފަދަ ވާހަކައެއް ވިދާޅުވެފައިނުވާކަމަށެވެ.
އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ލޭ އޮހޮރުވުމަކަށް ނުދިޔައީ އެ މަނިކުފާނު އެކަންކުރައްވަން ބޭނުންފުޅު ނުވުމުން ކަމަށެވެ. ސީއެންއެން އަށް ދެއްވި އިންޓަރވިއުގައި ނަޝީދުގެ ސްޕޯކްސްމަން ވިދާޅުފައިވަނީ އެ ދުވަހުގެ ހެނދުނުގެ ވަގުތުގައި ގާތްގަނޑަކަށް 500 އިދިކޮޅު ފަރާތްތަކުން ދީނީ މީހުންނާއިއެކު ސިފައިންގެ މައިއިދާރާ ކައިރި މުޒާހަރާކުރިކަމަށާއި ބައެއް ފުލުހުންގެ އޮފިސަރުން ސަރުކާރާ އިދިކޮޅުވެ، އިދިކޮޅު ފަރާތްތަކާ ގުޅުނުކަމަށެވެ. އެހެންކަމުން ނަޝީދަށް އޮތީ ސިފައިންނެރެ ބާރުގެ ބޭނުންކުރުން ކަމަށާއި ނުވަތަ އިސްތިއުފާ ދިނުންކަމަށެވެ. އެހެންވެ ނަޝީދު އިސްތިއުފާ ދެއްވުމަށް ނިންމެވީ ކަމަށެވެ.
ދީނީ މީހުންނާއި އެކީ ކުރި މުޒާހަރާއާ ގުޅިގެން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީކަމަށް ސީއެންއެންގައި ވިދާޅުވެފައިވާއިރު، އެހެން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައިވަނީ ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް އެމަނިކުފާނު ގޮވާލާތީ އެކަމާ ނުރުހިގެން އިދިކޮޅުފަރާތްތަކުން އެމަނިކުފާނު ވެރިކަމުން ވައްޓާލީ ކަމަށެވެ. އަދި ވެރިކަން ދޫކޮށްލައްވަން ޖެހުނީ ސިފައިން ހަތިޔާރު ނެގުމުންކަމަށެވެ.
އިސްތިއުފާ ދެއްވީ ސިފައިންގެ ތެރެއިންނާއި ސިފައިންގެ އަށް ވަން ބަޔަކު މަޖުބޫރުކުރުމުން ކަމަށާއި އިސްތިއުފާގެ ސިޓީ ލިޔުއްވީ ވެސް ގަނޑާއި ގަލަމެއް އެމީހުން ދިނުމުން ކަމަށާއި އެ ސިޓީ ލިޔުއްވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހާ ސިޓީ ހަވާލުކުރީ ސިފައިންގެ ބަޔަކު އެމަނިކުފާނު އަތުން “އަތުލައިގަނެގެން” ގެންގޮސްގެން ކަމަށް ވެސް ނަޝީދު ވަނީ ކެނެރީގޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރައީސްކަމުގެ ވިސްނުން އަބަދުވެސް ޑރ ވަހީދު ގެންގުޅުއްވިއެވެ. ނަމަވެސް ޑރ ވަހީދަށް ރައީސްކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނެތް ކަމަށާއި އެހެން ކަމުން އެ ފުރުސަތު ޑރ ވަހީދަށް ފަހިވުމުން، އެ ފުރުސަތުގެ ބޭނުން ޑރ ވަހީދު ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި ރައީސް ނަޝީދު ވިދާޅުވާ ގޮތުންނަމަ ޑޜ ވަހީދު ވެރޮކަމަށް ވަޑައިގެންނެވީ ބަގާވާތަކުންނެވެ. ނަމަވެސް އެ ވާހަކަފުޅު ވެސް ބަދަލު ކުރައްވާފައިވެއެވެ.
އެގޮތުން އިންސާފުގެ ދަތުރުގެ ނަމުގައި ގދ ތިނަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވެފައ ި7 ފެބްރުއަރީ2012 ގައި އެމަނުކުފާންގެ ވެރިކަން ބަގާވާތަކުން ބަދަލު ކުރީ ޑރ ވަހީދު ނޫން ކަމަށާއި އެމަނިކުފާންގެ ވެރިކަން ބަގާވާތަކުން ބަދަލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާންގެ ވެރިކަން ބަގާވާތަކުން ބަދަލު ކުރުމުގައި ރައީސް މައުމޫން ނޫން އިތުރު އެހެން އެއްވެސް މީހެއްގެ އަތެއް ނެތް ކަމަށާއި ބަގާވާތަކުން ވެރިކަން ބަދަލުކުރީ ސީދާ ރައީސް މައުމޫން ކަމަށެވެ.
https://twitter.com/JSWaheed/status/1272224393150619649
ފެބުރުއަރީ 7 ގެ މައްސަލަ ތަހުގީގުކުރަން ޑރ. ވަޙީދުގެ ސަރުކާރުން އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީއިން އެ ހާދިސާގެ ކަންތައްތައް ތަހުގީގު ކުރުމަށްފަހު ނިންމީ ޤާނޫނާ ޚިލާފު މަޖުބޫރު ކުރުވުމެއް ނުވަތަ ބިރުދެއްކުމެއް ނުވަތަ ކޫ ޑެޓާއެއް ރައީސް ނަޝީދުގެ އިސްތިއުފާގައި ހިމެނިގެން ނުވާކަމަށެވެ. އެ ތުހުމަތުތަކަށް ބާރުލިބިދޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް ކޮމިޝަނަށް ލިބިފައނުވާކަމަށެވެ. ހަގީގަތަކީ މިއީ ކަމަށް ވާއިރު ރައީސް މުޙައްމަދު ނަޝީދުގެ އިސްތިއުފާއަކީ ބަޣާވާތެއްކަމުގައި ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟
ކޮންމެއަކަސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި މައްސަލާގައި އެކި ފަރާތްތަކުން އެކި ގޮތަށް ވާހަކަ ތައް ބައްޓަން ކޮށް އެކި ފަހަރު އެކި ވާހަކަ ކިޔައި އެކި ގޮތަށް ވާހަކަ ދައްކައި އެކި ފަރާތްތަކުން އެކި ކަހަލަ ފޮތްތައް ނެރެ ސީޑީތައް ހަދައި ބަހައި ޢާއްމު ކުށްފައިވީނަމަވެސް ހަތެއް ފެބުރުއަރީ އަލުން އަނބުރާ އިޢާދަ ވުމަކީ އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫން ކަމީ ފެންނާން އޮތް ހަޤީޤަތެކެވެ. އެހެން ކަމުން މިއަދު ވެރިކަމުގައި ހުންނެވި ބޭފުޅާ އާއި ވެރިކަން ކުރައްވާން ތިއްބެވި ބޭފުޅުން ވެސް މި ކަންކަމަށް ވިސްނުން ގެންގުޅުއްވުމަކީ ކުރިއަށް އޮތް ތަނުގައި މިފަދަ ހިތާމަވެރި ދުވަހެއް ދިވެހިންނާއި ކުރިމަތި ނުވެ ސަލާމަތް ވުމަށް އޮތް ހަމައެކަނި މަގެވެ.

