މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅަށް ވާހަކަ ދައްކަން ލިބޭ ފުރުސަތުތަކުގައި ވެސް ކުރަނީ ޖެއްސުމާއި އުނދަގޫތައް ކަމަށާއި އޭގެ ސަބަބުން އިދިކޮޅުގެ އަޑު މަޖިލީހުގައި ނީއްވޭކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިދިކޮޅުން ބޮއިކޮޓު ކުރުމަށް ނިންމާފައިވާއިރު، ޖަލްސާތަކަށް ހާޒިރުވުމާއި މެދު އަދިވެސް ގޮތެއް ނިންމާފައި ނުވެއެވެ. އެކަމާއި ގުޅިގެން، މަޖިލީހުގައި އިދިކޮޅު މެމްބަރުން އެހާ މަދުވެފައި އަދި ބޮޑެތި ބިލްތަކަށް ބަހުސް ކުރާއިރު އިދިކޮޅު ނެތުން އެއީ އެމްޑީޕީ ބޭނުންވާ ގޮތްކަމަށް ބުނުމަށްފަހު ސަރުކާރުން ހަމަ ބޭނުންވާ ގޮތަށް ޖަލްސާތަކަށް ހާޒިރުނުވުން އެއީ ކޮން ގޮތަކުން އަމަލު ކުރާ އުސޫލެއްތޯ ”ސަންގު“ އިން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުގެ އަޑު އިއްވޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ. އަދި އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ވޯޓަށް އެހުމަށް ބޭއްވި ޖަލްސާގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
ޖަލްސާގެ ތަޅުމުގައި އިދިކޮޅު މެމްބަރަކަށް ވާހަކަ ދެއްކުމަށް ތިން މިނެޓު ލިބޭއިރު، އެ ތިން މިނެޓު ތެރޭގައި ވެސް އެމްޑީޕީގެ މެމްބަރުން އިދިކޮޅު މެމްބަރުންނަށް ޖެއްސުންކޮށް އުނދަގޫތައް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޒާރެއް ވެސް ދިނުމެއް ނެތި، މަޖިލީހުގެ ތަޅުމުން އިދިކޮޅު މެމްބަރުންގެ ނަން އިއްވާ ނެރެލަނީ ވެސް ގަވައިދާއި އެއްގޮތަކަށް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާނެ ގޮތް ސާފުކޮށް ކަނޑައަޅާފައިވީ ނަމަވެސް، އެމްޑީޕީ މެމްބަރުންނަކީ އެއްވެސް ގޮތަކަށް އުސޫލަކަށް އަމަލު ކުރާ ބައެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަން އިއްވުމަށްފަހު ދެން ކަން ކުރަން ޖެހޭނެ ގޮތް ގަވައިދުގައި ކަނޑައަޅާފައި އޮންނާނެކަން ފާހަގަ ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ނަން އިއްވޭނީ ފުރަތަމަ ތިން ފަހަރަކަށް އެ މެމްބަރަކަށް ނަސޭހަތްތެރިވުމަށްފަހު ކަމަށެވެ. އަދި އޭގެ ފަހުން ނަން އިއްވުމުން އެ މެމްބަރަކު ތަޅުން ދޫކޮށް ދިއުމަށް ދެކޮޅު ހަދައިފިނަމަ ދެންޖެހޭނީ މަޖިލީސް މެދުކަނޑާލުމަށް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އެގޮތަށް އަމަލު ކުރުމުން ވެސް ނުނިކުމެއްޖެ ނަމަ ދެން ޖެހޭނީ އެކަމަށް ހާއްސަ ބައެއް މެދުވެރިކޮށް މެމްބަރަކު ތަޅުމުން ނެރެން ކަމަށާއި، އެއްވެސް ހާލެއްގައި މަޖިލީހުގައި ދެން ތިއްބެވި މެމްބަރަކަށް އަނެއް މެމްބަރުގެ މައްޗަށް ބާރު ނުފޯރުވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ނަޝީދު އެ ދެއްވީ އެރޭ ވަރުގަދަ އިންޒާރެކޭ. އަޅުގަނޑުމެންގެ މި މި މަދު މީސްކޮޅަށް އަޑުއުފުލަން ޖާގައެއް ނުދޭނަމޭ….. ތިމަންނާމެން ބޭނުންވާ ގޮތަށް، އެޖެންޑާ19 އަށް މަގުފަހިވާ ގޮތަށް މި ރާއްޖޭގެ ގާނޫނު އަސާސީއާއި އުސޫލުތައް ބައްޓަން ކުރާނަމޭ. ބޮޑު އިންޒާރެއްގެ ގޮތުގައި އަޅުގަނޑު ސިފަ ކުރަނީ.“ އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ތެރޭގައި ބާރެއް އޮތުމުގެ މާނައަކީ އިދިކޮޅު މެމްބަރުން ތަޅާ ތަޅުމުން ބޭރުކޮށްލުމެއް ނޫން ކަމަށެވެ. މަޖިލީހުން އިދިކޮޅު މެމްބަރުން ނެރުމަށް ކުރި މަސައްކަތްތައް އެއީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޒާރެއްގެ ގޮތުގައި ދެކޭ ކަމަށާއި، އެއީ އެމްޑީޕީ ބޭނުންވާ ގޮތަށް އެޖެންޑާ19 އެއްގެ މައްޗަށް ގާނޫނުއް ބައްޓަން ކުރާނަމޭ ބުނުންފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ދައުރާއި ބެހޭގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި އިދިކޮޅުގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށާއި، އަދި އެއީ ވަރަސް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޝިޔާމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވަން މަސައްކަތްކޮށް މަޖިލީހުގައި ކުރިޔަށް ދާ އެ ޖަލްސާއަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރިޔަށް ގެންދާ ޖަލްސާއެއްކަމަށް ވިދާޅުވެފައެވެ. އަދި ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވެމުން ރައީސް ނަޝީދު އޭނާގެ ނަން އިއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ޝިޔާމް ތަޅުމުން ނެރުމަށް ކުރި މަސައްކަތުގެ ތެރެއިން ހަމަނުޖެހުން އުފެދި ޝިޔާމްއަށް އަނިޔާ ވީއެވެ.
މި މައްސަލަ އިދިކޮޅުގެ ފަރާތުން ފުލުހަށް ހުށަހަޅާ ވަނީ، މެމްބަރުން ޝީޔާމާއި ދިމާކުރީ ރައީސް ނަޝީދުގެ އެންގެވުމަށްކަމަށް ބުނެފައެވެ. އެރޭ ޝިޔާމް އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމަށްފަހު އިދިކޮޅުން ބުނެފައިވަނީ އޭނާގެ މޭކަނޑިގަނޑުގައި ރެނދެއް ލާފައިވާ ކަމަށެވެ.
މައްސަލައާއި ގުޅިގެން ބަޔާނެއް ނެރުއްވާ ޝިޔާމް ވިދާޅުވީ، ޖަލްސާގެ ތެރެއިން އޭނާގެ ނަން އިއްވާފައިވަނީ އެއްވެސް އިންޒާރެއް އަދި ނަސޭހަތެއް ވެސް ދެއްވުމެއް ނެތި ކަމަށެވެ.

