އަންނަ އަހަރުގެ މާޗުމަހުގެތެރޭގައި، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގެ މަޝްވަރާތައްކުރަމުން ގެންދަވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އާދިއްތަދުވަހު އަޙްމަދު ޝަރީފް ވިިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމާއި ބެހޭގޮތުން، މެންބަރުންގެ މެދުގައި ނުރަސްމީގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދެވިފައިވާކަމަށާއި، 2021 ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން އިންތިޚާބު ބާއްވަން ކޮމިޝަންގެ މެންބަރުން އިއްތިފާޤުވާކަމަށެވެ.
ޝަރީފް ވިދާޅުވީ މަޝްވަރާތައް އަދިވެސް ނިމުނީ ނޫންކަމަށާއި، މަޝްވަރާ ކުރެވެމުން އަންނަނީ އަންނަ އަހަރުގެ މާޗުމަހުގެ ފުރަތަމަކޮޅުގައި އިންތިޚާބު ބޭއްވުމަށް ކަމަށެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައަޅުއްވާފައި ނުވާކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު 2020 ބާއްވަން އިލެކްޝަން ކޮމިޝަނުން އިޢުލާނުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަދުވަހުއެވެ. އިންތިޚަބު ބާއްވަން އިލެކްޝަން ކޮމިޝަނުން އޭރު އިޢުލާނުކުރީ އޭޕްރީލް މަހުގެ 04 ވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާއި ގުޅިގެން، ލޯކަލް ކައުންސިލް އިންތިޚާބު ވަނީ ފަސްކޮށްފައެވެ. ނަމަވެސް، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020 ބުނާގޮތުން، އަންނަ އަހަރުގެ މާޗުމަހުގެ 10 ވަނަ ދުވަހުގެކުރިން އިންތިޚާބު ބާއްވަން ޖެހެއެވެ.

