މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، މާލޭ ޖަލުން މިހާތަނަށް 101 ސާމްޕަލް ނަގާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
މި ގޮތުން ކަރެކްޝަނާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ގުޅިގެން، އާދިއްތަދުވަހު ފަށާފައިވާ މި މަސައްކަތުގައި، 70 އޮފިސަރުންނާއި، ބަންދު މީހުންނާއި ޤައިދީންގެތެރެއިން 24 މީހުންނާއި، ވެއިޓަރުންގެތެރެއިން 07 މީހެއްގެ ސާމްޕަލްނަގާފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ.
މީގެ ކުރިން ވެސް، އެޗްޕީއޭއާއި ކަރެކްޝަނުން ގުޅިގެންވަނީ، ޖަލުތަކުގެ މުވައްޒަފުންނާއި، ބަންދު މީހުންނާއި، ޤައިދީންގެ ރެންޑަމް ސާމްޕަލްތަކެއް ނަގާފައެވެ. އެ ގޮތުން، އައްސޭރި ޖަލުންނާއި، ހުޅުމާލޭ ޖަލުންނާ، މާފުށި ޖަލުންނާއި، މާލޭ ޖަލުން، ޖުމްލަ 140 ސާމްޕަލް ނަގާފައިވެއެވެ. ނަމަވެސް އެ ހުރިހައި ސާމްޕަލްތަކެއް ވެސް ވަނީ ނެގެޓިވްވެފައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 2187 މީހަކު ވަނީ ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 1788 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑް-19 އަށް މިހާރު ފަރުވާދެމުން އަންނަނީ 389 މީހުންނަށެވެ. ގިނަ އަދަެއްގެ މީހުން ރަނގަޅުވެ، ޕޮޒިޓިވްވާ މިންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، އެއްވެސް ކްލަސްޓަރއަކާ ގުޅުމެއް ނެތް ކޭސްތައް މިހާރު ވެސް ފެންމަތިވަމުންދާކަން ފާހަގަކޮށްލެވެއެވެ.

