ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ހެއްލެއް ލިބެން ނެތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މިއަދުގެ ޖްލްސާގައި ވަނީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާ ސުވާލު ކުރުން ކުރިޔަށް ގެންގޮސްފައެވެ.
މަރު ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ކުއްލިގޮތަކަށް ވާހަކަ ދައްކަވަން ރައީސް ނަޝީދު ފެއްޓެވީ މަޖިލީހުގައި މެމްބަރަކު ޑރ. ޒާހިރުއާއި ހަރުކަށި ފިކުރާއި ގުޅޭގޮތުން ސުވާލެއް ކުރުމުންނެވެ. މެމްބަރު ޑރ. ޒާހިރު އާ މެމްބަރު ސުވާލު ކުރައްވާފައިވަނީ މިސްކިތްތަކުގައި ހަރުކަށި ފިކުރު މީހުންގެ ރޭވުންތަކުގެ މަޝްވަރާރައް ކުރިޔަށްގެންދާތީ އެކަން މޮނީޓާރ ކުރަންތޯ އެވެ. އެ ސުވާލައި ގުޅިގެން މިނިސްޓަރު ވިދާޅުވީ އެފަދަ އެއްވެސް ޝަކުވާއެއް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ ކަމާއި ބެހޭ އިދާރާތްތަކާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅަށްފަހު، ރައީސް ނަޝީދު ވިދާޅުވީ މަރުތައް ތަހުގީގު ކުރުމާއި ބެހޭ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ކޮމިޝަނުން ސިޓީއެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި އެ ސިޓީގައި ކޮމިޝަނުން ކުރިޔަށް ގެންދަންޖެހޭ ތަހުގީގުތައް ކުރިޔަށް ގެންދެވެން ނެތްކަމަށް ބުނެފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މައްސަލަތައް ކުރިޔަށް ގެންދިއުމުގައި އިތުރު ހެއްކެއް ލިބިދާނެކަމަށް ކޮމިޝަނުން ނުދެކެއެވެ. ރައީސް ނަޝީދު ވިދާޅުވީ ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާއިރު ހަމައެކަނި ދައުވާ ކުރެވެން އޮތީ އެކަމުގައި އަމަލީގޮތުން ބައިވެރިވީ މީހުންގެ މައްޗަށެވެ. އަދި މަރުތަކުގެ މައްސަލައިގައި އެކަން ރާވާ ފަންޑު ކުރި މީހުންނާއި، އަސްލު އެކަމުގެ އަޑީގައި ތިބި މީހުން އަދި ސިއްރު ކުރި މީހުންނަށް ދައުވާ ކުރެވޭ މިންވަރަށް ހެއްކެއް ލިބިފައި ނެތް ކަމަށެވެ.
ކޮމިޝަނުން މަރުތަކާއި ބެހޭ މައްސަލައިގައި ރިޕޯޓެއް ނެރުނެވެ. އަދި މަޖިލީހާއި ހިއްސާކުރި އެ ރިޕޯޓު މީޑިއާތަކަށް ލީކުވުން ފަދަ ކަންކަން ހިނގައިދިޔައެވެ. ނަމަވެސް ފަހުން ކޮމިޝަނުން ބުނެފައިވަނީ އެއީ މައްސަލައިގެ ތަހުގީގު ޑްރާފްޓެއް ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޑްރާފްޓު މަޖިލީހަށް އެންމެ ފުރަތަމަ ވެސް ލިބުނުއިރު އޭގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ނުވަތަ ހެކި ލިބިފައި ހުރި މައްސަލަތަކަށް ދައުވާ ނުކުރި ސަބަބާއި މެދު އަބަދުވެސް މަޖލީހުން ސުވާލު ކުރިކަމަށެވެ. އެހެން ނަމަވެސް ފަހުން ކޮމިޝަނުން ބުނީ، ޑްރާފްޓުގެ ކޮޕީ އާއްމުވުމުން ތަހުގީގަށް ހުރަސް އެޅިގެން ދިޔައީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިއުއްވާފައި އެބަ އޮތް އެބޭފުޅުންނަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަމަށް ވަނީ…. މި މަޖިލީހުން އަބަދުވެސް ފާހަގަ ކުރަމުން އައި އެއް ކަމަކީ އެ ޑްރާފްޓް މި ތަނަށް ލިބުނުއިރު ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެގެންތޯ؟ ކޮމިޝަނުން ވިދާޅުވަނީ ޑްރާފްޓް ކޮޕީ ނުކުތީމައި ތަހުގީގަށް ހުރަސް އެޅުނީ ކަމަށް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުއުޖިޒާތެއް ފަދަ ކަމެއް.“ ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން އުފެއްދި ސުވާލުތަކަށް ކޮމިޝަނުން ދިން ޖަވާބަކީ ހަމައެކަނި އަމަލޯ ގޮތުން އެކަމުގައި ބައިވެރިވީ މީހުންގެ މައްޗަށް ދައުވާ ކުރެވެން އޮތުމެވެ. މިއީ މުއިޖިޒާތެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއެއް ހެދުމާއި އަދި އޭގެ ކަންކަން ހާމަކުރުމާއި ޖިނާއީ ތަހުގީގާ އަދި ޖިނާއީ ދައުވާއާ އުފުލުމާއި ގުޅުމެއް ނުހުންނަ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ހެކި ލިބިފައި ހުރި މިންވަރަށް ބަލާ ވެސް ތަހުގީގު ކުރެވޭތަން ނުފެންނަ ކަމަށެވެ. އަދި ތަހުގީގެއް ހިންގާތާ ދެ އަހަރުވާއިރު ހެކި ފޮރުވުމަށްފަހު ވެސް ”އަމިއްލަ ޒަމީރަށް ބުރައަކަށް ވާތީ“ ހެކި ނެރޭ ކަމަށެވެ.
ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު، ޑްރާފްޓް ކޮޕީ އެކުލަވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހަށް ފޮނުވާފައިވަނީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައަށެވެ. މި ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކުރީ ރާއްޖޭގެ ދީނީ ހަރުކަށި ޖަމާއަތްތަކާއި އެކެވެ.
ރިޟުވާން ގެއްލުވާލި މައްސަލައާއި ޑރ. އަފްރާޝީމާއި، ބްލޮގަރު ޔާމީން ރަޝީދު އަދި ބަންގްލަދޭޝްގައި ކިޔަވަން ހުއްޓާ ދަންޖެހިގެން މަރުވި ކަމަށް ބުނާ ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފް އަދި އަނަސްގެ މަރުގެ މައްސަލަ ވެސް ކޮމިޝަނުން ތަހުގީގު ކުރިއެވެ. ކޮމިޝަނުގެ ރިޕޯޓުގައި ރިޟްވާންއާއި، ޔާމީން އަދި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ތިބީ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދު ކަމަށް ބުނެފައި ވެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފޮނުވިއެވެ. ނަމަވެސް ޕީޖީއިން އެ މައްސަލަ އަނބުރާ ފޮނުވާލީ ތަހުގީގު ފުރިހަމަވެފައި ނެތް ކަމަށް ބުނެއެވެ.
ރިޕޯޓުގައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި އަޒްލިފް ރައޫފާއި ހުމާމާއި ޝާން އާއި 18 އަހަރު ނުފުރޭ ކުޑަ ކުޑަކުއްޖާއާ އެކު އިތުރު ބަޔަކު ވެސް އެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން އަފްރާޝީމް އަވަހަރާކޮށްލި ހާދިސާ އަށް ފަހު، ރާއްޖެ އިން ބޭރަށް ހަނގުރާމަ އަށް ގޮސްފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިވެފައިވާ ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.
ކޮމިޝަނުން ބުނި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ރެއަށް ފަހު، ޖެހިގެން އައި ދުވަހު ބަޔަކު، މާލެ އިން ގަތަރަށް ފުރި އެވެ. އޭގެ ތެރޭގައި، އަފްރާޝީމަށް މިސްކިތެއްގެ ތެރޭގައި ހަމަލާ ދޭން އުޅުމުގެ ތުހުމަތު އޮތް ގދ. ވާދޫ ޖަވާހިރުގޭ ޖާދުﷲ އިބްރާހިމާއި މ. ހާދޫ މުހައްމަދު ނިޝާނާއި އިތުރު ހަތް މީހަކު ހިމެނެ އެވެ. އެ މީހުން ވަނީ ސީރިއާ އާއި ސޫދާނަށް ގޮސްފައި ކަމަށް ރިޕޯޓްގައިވެ އެވެ.
ރަހީނުކޮށް މަރާލާ ކަނޑުފެއްތިކަމަށް ބުނާ މިނިވަން ނޫހުގެ ނޫސްވެރިޔާ އ ރިޟްވާން ސީރިއާއަށް ގޮސްފައިވާކަމަށް ދައްކަން އޭނާގެ ޕާސްޕޯޓް ހަދަން އުޅުނު ދެ ފުލުހުން ވަނީ ވަޒީފައިން ވެސް ވަކިކޮށްފައެވެ. ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި ކޯޕްރަލް މުހައްމަދު ޖިނާހު އަދި ކޯޕްރަލް އިބްރާހީމް ރިފްއަތު، ކުރީ ސަރުކާރުގައި ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް، އަލުން ވަޒީފާ ދިނީ މި ސަރުކާރުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
މަރު ކޮމިޝަނުގެ ރިޕޯޓުގައި ރިފްއަތު އާއި ޖިނާހުއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ބުނެފައި ވަނީ އެ ދެ މީހުން 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރިޟްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑު އަހަމުން ގެންދިޔަ ކަމަށެވެ. އަދި ރިޟްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަންވެސް ދެ ފުލުހުން މަސައްކަތް ކުރި ކަމަށް އެ ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގުތަކާ ގުޅިގެން ފުލުހުން ގެތަކެއް ފާސްކުރުމުގެ އޮޕަރޭޝަނެއް މިދިޔަ އޮކްޓޯބަރު މަހު ކުރިޔަށް ގެންދިޔައެވެ.

