ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ޒުވާނުންނަށް، ސަރުކާރުން ހައްލެއް ހޯދައިދިނުމަށް އެދި ގޮވާލައްވައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި ކަމަށް ގޮވާލައްވައި، ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ރާއްޖޭގެ ސިނާޢަތްތަކުގައި ވަޒީފާ އަދާކުރަމުންއައި އެތައް ހާސް ބައެއްގެ ވަޒީފާ، ޚާއްސަ ގޮތެއްގައި ރިސޯޓު ދާއިރާގެ ވަޒީފާ ގެއްލި، މަސައްކަތެއް ނުކުރެވި ގޮތަށް، ދެ މަހަށްވުރެ ގިނައިން ތިބެންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ ހުއްޓި، އެތައް ޢާއިލާތަކެއް ބިކަހާލުގައި އުޅެން ޖެހިފައިވާކަމަށް ބަޔާންކުރައްވާފައިވެއެވެ.
އަދި މި ކަންތައް މިގޮތަށް މެދުވެރިވެފައިވަނީ، ކޮވިޑް-19 އި ގެ ސަބަބުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދޯހަޅިކަމުން ކަމަށާއި، އެ ފަދަ މީހުންނަށް ހައްލެއް ހޯދައިދޭންޖެހޭކަމަށް ވެސް ބަޔާންކުރައްވާފައިވެއެވެ.
މި ގޮތުން މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި، އެ ފަދަ މީހުންނަށް ހައްލެއް ހޯދައިދޭންޖެހޭކަމަށް ވިދާޅުވެ ޖާބިރުވަނީ މައިގަނޑު ދެކަމެއް ފާހަގަކުރައްވާފައެވެ.
ޖާބިރު ވަނީ، ރާއްޖޭގެ އެންމެހާ ސިނާޢަތްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީއެއް ލިބެން ފެށުމާއިހަމައަށް އެ ފަދަ ފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުމުގެ އިންތިޒާމުތައް، މި ހިނދުން މިހިނދަށް ހަމަޖެއްސުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ރިބައުންޑް ކުރަން ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ޤާއިމުކޮށްދިނުމަށާއި، އެކަމަށްޓަކައި ބިއުރޯއެއް އުފައްދަވައި ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތައް ހައްލު ކޮށްދިނުމުގެ މަސައްކަތް މިހިނދުން މި ހިނދަށް ފައްޓަވައި އެ ކަންކަން ހައްލު ކޮށްދެއްވަން ވެސް ޖާބިރުވަނީ ގޮވާލައްވާފައެވެ.

