ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަޙްމަދު ހައިލަމްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތެއް ކުރަނީ ބިރު ދެއްކުމަށްކަމަށާއި، އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ހުކުމް އޭރު ނުހޯދުމުން ޖޭއެސްސީން ފުލުހަށް ސިޓީ ފޮނުވައިގެން ކުރާ ތުހުމަތުތަކެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މައްސަލައާއި ގުޅިގެން ގިނަ ޓްވީޓުތަކެއް ކުރައްވާ އަލްހާން ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާ ޝަރީޢަތް ކުރިޔަށް ގެންގޮސްފައިވަނީ ސިޔާސީ ޕްރެޝަރު ބޮޑު މައްސަލައަކަށްވުމާއެކު ރައްޔިތުންނަށް ހާމައަށް ފެންނަހެން ލައިވްކޮށް ޓީވީތަކުން ދައްކައިގެން ކަމަށެވެ.
ހައިލަމް ރައީސް ޔާމީންގެ މައްސަލަ ބައްލަވަން ފެއްޓެވުމުން، އޭނާއަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެ މަގާމަށް އައި މީހެއްކަމަށް ވިދާޅުވެ މައްސަލައަށް އެއްވެސް އިންސާފެއް ނުލިބޭނެކަމަށް ސަރުކާރުގެ އިސްވެރިންނާއި އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު ގޮވާލަމުން ގެންދެވިކަން އަލްހާން ފާހަގަކުރެއްވިއެވެ. އަދި ސުއޫދު ވެސް ހައިލަމް އެ މަގާމުން ދުރުކުރުމަށް ގޮވާލައްވަމުން ގެންދެވިކަން އަލްހާން ފާހަގަކުރެއްވިއެވެ.
އަލްހާން ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދެވިއިރު އެއީ މުޅިން ވެސް ފަނޑިޔާރުންނަށް ބިރު ދެއްކެވުމުގެ ނިޔަތުގައި ހިންގެވި އަމަލުތަކެއް ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީގެ ބޭނުންކުރައްވައިގެން ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ތެރެއަށް ވެސް ގަދަވެ ފަނޑިޔާރުންނަށް ދިޔައީ އެތައް ނުފޫޒެއް ފޯރުވަމުންކަމުގައި އަލްހާން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ހުންނެވިއިރު އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް މައްސަލަ ބެލުމަށްކަމަށް ބުނެ ޖޭއެސްސީން ކުރިޔަށް ގެންދިޔަ ތަހުގީގު ލައިވްކޮށް އާއްމުންނަށް ފެނިގެންދިޔައިރު އެވެސް ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ސިލްސިލާގެ ތެރެއިން ހިނގައިދިޔަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އެއީ ވެސް ހިނގައިދިޔަ ބޮޑު ޑްރާމާއެއް ކަމަށާއި، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ޖޭއެސްސީން އެ މައްސަލަ ބަލަން ފެށުމުން ޖޭއެސްސީގެ މައްޗަށް ސުޕްރީމް ކޯޓުން ހުށަހެޅި މައްސަލައެއް ބަލައި ނިމެންދެން، ޖޭއެސްސީގެ އެ މައްސަލަ ކުރިޔަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނިކޮށް ޖޭއެސްސީން ޑރ. ޑީޑީ ވަކި ކުރީ ސުޕްރީމް ކޯޓާއި ދައުލަތުގެ އެހެން މުވައްސަސާތަކަށް ނުސީދާ އިންޒާރެއް ދިނުމަށްފަހުކަމަށް އަލްހާން ވިދާޅުވިއެވެ.
https://twitter.com/AlhanFahmy/status/1274924083604406272
އަލްހާން ވިދާޅުވީ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުގެ ހިތި ނިމުމަކީ ކަން ހިނގާނެ މަގުކަމާއި، ފަނޑިޔާރުގެތައް ސާފުކޮށްލާނެކަމުގެ ބިރު ސަރުކާރުގެ މަޖްލިސް މެމްބަރުންނާއި އިސް ބޭފުޅުން ކްރިމިނަލް ކޯޓަށް އަމާޒުކޮށް ބުނެ އިންޒާރުދޭތީ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ މައްސަލައެއް، އޭރުގެ މަރުކޮމިޝަންގެ ރައީސަކަށް ހުންނެވި މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުޢޫދުގެގެ މައްޗަށް ހިންގުމަށް ކޯޓުން ކަނޑައަޅުއްވާ އިސް ޤާޟީ ހައިލަމް ކޯޓަށް ހާޒިރުވުމުގެ އަމުރު ކުރައްވާ ޗިޓެއް ފޮނުވި ކަމަށެވެ. އަދި އެ އަމުރަށް ކޯޓަށް ހާޒިރު ކުރުމަށްފަހު އެ ދުވަހު ޝަރީއަތް ކެންސަލް ކުރިކަމަށް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެހާވަރުން ވެސް ރައީސް ނަޝީދާއި، އަދި ސަރުކާރާއި ޖޭއެސްސީއާއި މަޖިލީހުގެ ތަޅުމުގައި ވެސް ހައިލަމް މަގާމުން ވަކިކުރާނެކަމަށް ވިދާޅުވިޔަސް ބިރެއް ނުދެއްކުނުކަން ޔަގީންކުރެއްވޭކަމަށެވެ.
ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގައި ހުކުމް އަންނާނެ ގޮތް ހޯދުމަށް ރައީސް ނަޝީދު ވަރަށް މަސައްކަތް ކުރި ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވަކީލުންތަކެއް ޖޭއެސްސީގައި ތިއްބަވައިގެން ހައިލަމްގެ އެކުވެރި ވަކީލުންތަކެއް މެދުވެރިކޮށް މައްސަލައިގެ ހުކުމް އަންނާނެ ގޮތް ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ހުކުމް އިއްވަން ކައިރިވެފައިވަނިކޮށް ސޯޝަލް މީޑިއާގައި ދައުރުވީ ފޮޓޯއަކީ އޭރު ވެސް ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯއެއް ކަމަށާއި އެއީ އޮފީހުގެ އެކުވެރިންތަކެއްގެ ވައިބާ ގްރޫޕްއަކަށް ސަމާސާ މިޒާޖުން ލީ ފޮޓޯއެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.
އަދި އެ ކާޓޫނު ފޮޓޯއިން އަނިޔާވެރިވުމަށް ހިއްވަރު ދެއްވަނީ ކަމަށް ބުނި ކަމަށާއި، އިންސާނީ ހައްގަކަށް އަރައިގަތީކަމަށް ބުނެ އެމްޑީޕީން ވާހަކަ ދެއްކިކަމަށް އަލްހާން ވިދާޅުވިއެވެ. އަދި އެ މައްސަލަ ބަލާ ނިމެންދެން ކަމަށް ބުނެ ވަގުތުން ހައިލަމް ސަސްޕެންޑް ކުރިކަން އަލްހާން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އަސްލު މައްސަލައަކީ ހުކުމް އަންނަން އޮތް ގޮތް ނޭނގުން ކަމުގައި އަލްހާން ވިދާޅުވިއެވެ.
މި ފޮޓޯއެއް ދައުރުވުމުގެ ކުރިން ވެސް ހައިލަމަށް ފިޔަވަޅު އެޅޭނެ ގޮތެއް ހޯދުމަށް ޖޭއެސްސީން ސިޓީއެއް ފޮނުވި ކަމަށާއި، އަދި މަނީ ލޯންޑްރިންގެ މައްސަލައަކީ ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްކަމަށް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެ މުއާމަލާތް އެމްއެމްއޭއިން ފުލުހަށް އެންގީ ހައިލަމާއި އޭނާއަކީ ވެސް ސިޔާސީ ގޮތުން އެކްސްޕޯސްޑް ކެޓަގަރީ ބަޔަކަށް ވުމުން ކަމަށެވެ. އަލްހާން ވިދާޅުވީ އިލްމްގެ އެކައުންޓް ސްޓޭމަންޓްތައް ޤާނޫނާ ޚިލާފަށް ނަގާ މި މުއާމަލާތާ އެއްވެސް ގުޅުމެއްނެތް ހައިލަމްގެ ޓްރާންސެކްޝަނެއް ފެނިގެން އެއީ ފަނޑިޔާރެއްގެ މަގާމުގައި ހުންނަވައިގެން ވިޔަފާރި ކުރީ ކަމަށް ޖިނާއީ ތުހުމަތު ކުރެވޭނެކަމަށް ހަދައިގެން އެއްވެސް އަސާސެއްނެތި ބިރުދައްކާ ބަސް ހުއްޓުވަން ކުރި ކަމެއް ކަމަށެވެ.

