މިހާރު ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ފުރައްސާރަކޮށް ހަމަލާ ދިން ކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސްރީލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ ޓެގް ކުރައްވައި ޓުވީޓް ކުރެއްވީ އެ ދެ ބޭފުޅުންނަކީ ”ގާތް ރަހުމަތްތެރިން“ ވުމުން ކަމަށް ޑރ މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވެއްޖެއެވެ.
ޑރ ވަހީދު ޕީޕީއެމްއަށް ސޮއި ކުރައްވައި ޕީޕީއެމް އަދި ޕީއެންސީގެ އެޑުވައިޒަރުގެ މަގާމަށް އައްޔަން ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޖައުފަރު އެމަނިކުފާން ކަސްރަތަށް ނިކުމެ ވަޑައިގެން އުޅުއްވަނިކޮށް ފުރައްސާރަކުރި ކުރުން ކުށްވެރިކޮށް ކުރެއްވި ޓުވީޓްގައި އިންޑިއާގެ ބޮޑުވަޒީެު ނަރެންދުރަ މޯދީއާއި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ޓެގް ކުރައްވައި ޓުވީޓް ކުރެއްވީ ކީއްވެގެންތޯ ”ސަންގު“ އިން ސުވާލު ކުރުމުން ޑރ ވަހީދު ވިދާޅުވީ އެ ދެ ބޭފުޅުން ޓެގް ކުރައްވައި ޓުވީޓް ކުރެއްވީ އެ ދެ ބޭފުޅުންނަކީ އެމަނިކުފާންގެ ވަރަށް ގާތް ދެ އެކުވެރިން ކަމަށްވާތީ ކަމަށެވެ. އޭގެ އިތުރަށް އެއްވެސް އެއްޗެއް ޑރ ވަހީދު އެކަމާއި ގުޅޭ ގޮތުން ވިދާޅެއްނުވިއެވެ.
ޑޜ ވަހީދުއަށް ޖައުފަރު ފުރައްސާރަ ކުރި މައްސަލައިގައި ބޮޑުވަޒީރު މޯދީއާއި ބޮޑުވަޒީރު ރާޖަޕަކްސަ ޓެގް ކުރައްވައި ޓުވީޓް ކުރައްވާފައި ވާތީ އެކަމަށް ފާޑުވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓެއް ފުރައްސާރަކޮށް ހަމަލާ ދިން ކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސްރީލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ ޓެގް ކުރައްވައި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ކުރެއްވި ޓުވިޓަށް ބޮޑު ވަޒީރު މޯދީއާއި ބޮޑުވަޒީރު ރާޖަޕަކްސަގެ އަރިހުން މާފަށް އެދެން ޖެހޭ ކަމަށެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ޑރ ވަހީދު ހުންނެވީ ބޮޑު ބަޢާވާތެއް ކުރައްވާފައި ކަމަށާއި އެހެން ކަމުން ޑރ ވަހީދުއަށް ބާޢީ ނޫން ގޮތަކަށް ބަޔަކު މުހާތަބް ކޮށްފާނެ ކަމަށް ޑރ ވަހީދު ހީފުޅު ކުރެއްވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ޑރ ވަހީދު އަކީ ބާޢީއެއް ކަމަށާއި އެ ނޫން ގޮތަކަށް ދިވެހި ރައްޔިތުން ޑރ ވަހީދުއާއި މުހާތަބް ކުރާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޑރ ވަހީދު އަށް ބާޢީއަށް ގޮވަނީ އޮޅުމަކުން ނޫން ކަމަށާއި އެކަން ހުދު ޑރ ވަހީދުއަށް ވެސް އެނގިވަދައިގަންނަވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

