ޕާޓީގެ ނަމަށް ”ޑިމޮކްރެޓިކް“ އައުމަކުން ޕާޓީގެ ހަމަތަކާއި އުސޫލެއް ޑިމޮކްރެޓިކްއެއް ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެމްޑީޕީއަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެޑްވައިޒަރެއްގެ ގޮތުގައި ޑރ. ވަހީދު ހަމަޖައްސާ އިދިކޮޅުން ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވާ ޑރ. ވަހީދު ވިދާޅުވީ އިދިކޮޅު ޕީޕީއެމްއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށެވެ. އަދި މިއީ ވަކި އުސޫލެއްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ވަކި ބަޔަކު ޕާޓީގެ ނަން ބޭނުން ކުރާއިރު ކުރިޔަށް ޑިމޮކްރަސީ ނަން ބޭނުން ކުރުމަކުން އަދި ނުފުދޭ ކަމަށެވެ. އެއީ އަމަލީ ގޮތުން ވަކި އުސޫލުތަކެއް ގެންގުޅެން ޖެހޭ ނިޒާމަކަށްވާއިރު ކޮންމެހެން ނަމުގެ ކުރިއަށް ޑިމޮކްރަސީ އަމަކުން އަދި ޑިމޮކްރަޓިކްއެއް ނުވާނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
އިދިކޮޅަކީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާ ޕާޓީއަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި އިދިކޮޅު ކޯލިޝަނަކީ އެންމެ ޑިމޮކްރެޓިކް ޕާޓީއަށް ވެސް ވެގެންދާނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގައި ވަރުގަދަ ސިޔާސީ ޕާޓީތަކެއް އޮތުމަކީ ތަސައްވުރެއްގެ ގޮތުގައި ވިދާޅުވެ ޑރ. ވަހީދު ވަނީ، ރާއްޖޭގެ އިދިކޮޅު ކޯލިޝަންއަކީ އަމާޒަކާއި އެކު މަސައްކަތް ކުރަމުންދާ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ނަން ބޭނުން ނުކުރައްވާ، ޑރ. ވަހީދު ބަހުގެ ހަމަލާތައް ރައްދު ކުރީ އެ ޕާޓީއަށެވެ. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީއެއް ގެނައުމަށް އެންމެ ބޮޑަށް ވަކާލާތު ކުރި ޕާޓީއެވެ. އަދި ޕާޓީގެ ހަރަކާތްތަކުގައި އެންމެ ގިނައިން ވެސް ބޭނުން ކުރާބަހަކީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމެވެ.
”ޑިމޮކްރަސީ އަކީ ހަމައެކަނި ނަމެއް އޮތުމަކުންވާ ކަމެއް ނޫން. ޑިމޮކްރަސީއަކީ އެކަން އަމަލީ ގޮތުން ހިންގުމަށްޓަކައި ވަކި އުސޫލުތަކެއް ގެންގުޅޭ ނިޒާމެއް. ހަމައެކަނި ނަމުގެ ކުރިއަށް ޑިމޮކްރަސީ އައުމަކުންނެއް އަދި ޑިމޮކްރެޓިކް ޕާޓީއަކަށްވެސް ނުވާނެ،“ ރައީސް ވަހީދު
އިދިކޮޅާއި އެކު މަސައްކަތަށް ނިކުންނަވާ ޑރ. ވަހީދު ވިދާޅުވީ ގައުމު މި އޮތީ އިސްލާހު ކުރަންޖެހޭ ފަދަ ފައްތަރެއްގައި ކަމަށެވެ. އަދި މިއީ ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތުގެ ގޮތުގައި ވިދާޅުވިއެވެ.
ޑރ. ވަހީދު ވިދާޅުވީ އެއްވެސް މީހަކު އަކަކު އަނެކަކަށް ނަފްރަތު ރައްދު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އަމިއްލަ އެދުންތައް އެއްފަރާތް ކުރުމަށްފަހު ގައުމާއި އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. ވަހީދަކީ 2008 ވަނަ އަހަރު އިންތިހާބު ވި އެމްޑީޕީ ސަރުކާރުގެ ނައިބެވެ. ރައީސް ނަޝީދު 2012 ވަނަ އަހަރު ހިނގައިދިޔަ ސިޔަސީ ހަލަބޮލިކަމުގެ ތެރެއިން އިސްތިއުފާ ދެއްވިއިރު، އެއަށްފަހު ވެރިކަމާއި ހަވާލުވީ ޑރ. ވަހީދެވެ.
އެމްޑީޕީން ދަނީ ތަކުރާރުކޮށް އޭރު ވެރިކަން ބަދަލު ކުރީ ޑރ. ވަހީދު އިސްވެ ހުރެގެން ކަމަށާއި، އެއީ ބަޣާވާތެއްގެ ގޮތުގައި ބުނެފައެވެ. އަދި އެމްޑީޕީ ދެކޭ ގޮތުގައި ރައީސް ވަހީދަކީ ބާޣީއެކެވެ. މި މައްސަލައިގައި ދާދި ފަހުން މަޖިލީސް ތެރެ ވެސް ހޫނު ވިއެވެ.

