ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ރިޕޯޓު މަޖިލީހުން ހޯދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތުހުމަތުކުރެވޭ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ރިޕޯޓު ހޯދުމަށް މަޖިލީހަށް ހުށައަޅައިފިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހަށް މިމައްސަލަ ހުށައަޅާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ.

މެމްބަރު ފަލާހު މަޖިލީހަށް ހުށައެޅުއްވި މައްސަލާގައި ހިމެނޭ ކަންކަމަށް ބަލާއިރު، މައްސަލަ ހުށައަޅާފައިވަނީ ރައީސް ޔާމީން، އެސްޓީއޯގެ ޗެއާމަންކަމުގައި ހުންނެވިއިރު ހިންގިކަމަށް ބުނާ ތެލުގެ ވަގު ވިޔަފާރިގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދުމަށް، ރައީސް ނަޝީދުގެ ވެރިކަމުގައި ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށް އެކަން ބަލަމުން ދަނިކޮށް ރައީސް  ޑރ މުހައްމަދު ވަހީދު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަސައްކަތް ހުއްޓުވާފައިވާ ކަމަށް ބުނެއެވެ. އަދި ރައީސް ޑރ. ވަހީދު ވެރިކަމާއި ހަވާލުވެވެޑައިގަތުމަށްފަހު ދައުލަތުގެ ފައިސާއިން ހޭދަ ކުރައްވައި އެރިޕޯޓު ބައްލަވައިގަނެ ފޮރުވާފައިވާކަމަށް ތުހުމަތުކޮށް އެރިޕޯޓު ހޯދައި މަޖިލީހަށް ހަވާލުކުރުމަށް މައްސަލާގައި ވަނީ ހުށައަޅާފައެވެ.

މައްސަލަ ހުށައަޅުއްވަމުން ފަލާހު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވެރިކަން ބަދަލުކުރައްވައި ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ކަަމަކީ ބޭރުގެ އެކައުންޓިންގ ކުންފުންޏަކަށް ހަވާލުކޮށްގެން ތައްޔާރުކޮށްފައިވާ އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑްގެ ރިޕޯޓު ބައްލަވައިގަތުންކަމަށް ފަލާހު ވަނީ މައްސަލާގައި ފާހަގަކޮށްފައެވެ. އަދި ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް އިދާރާއަކުން ފެނިފައިނުވާ ކަމަށާއި ރިޕޯޓު ބައްލަވައިގަތުމުގައި ރިޕޯޓު ތައްޔާރުކުރި ކުންފުންޏާއި މަޝްވަރާކޮށްފައިވަނީ އޭރުގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު ކަމަށާއި، އަދި ދައުލަތުގެ ބަޖެޓުގެ ކޮންޓިންޖެންސީ ހަރަދުގެ ތެރެއިން ފައިސާ ދެއްކުމުގެ މަސައްކަތް ކުރައްވާފައިވަނީ އޭރުގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެމުއާމަލާތް ހިންގާފައިވަނީ އެމްއެމްއޭގެ ތެރެއިން އޭރުގެ ގަވަރުނަރު ޑރ ފަޒީލް ނަޖީބްގެ ސީދާ ބެއްލެވުމުގެ ދަށުންކަން ފާހަގަކުރައްވައި މިބޭފުޅުންނާއި ގުޅިގެން މިމައްސަލަ ވީ އެންމެ އަވަހަކަށް ތަހުގީގުކުރުމަށް ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލަ އެންޓިކޮރޮޕްޝަން ކޮމިޝަނަށް ވެސް ހުށަހެޅިއެވެ. އަދި އެ މައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށި ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ތަހުގީގަށް ވީނުވީއެއް ސާފުވެފައެއް ނުވެއެވެ. ނަމަވެސް  ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ތަހުގީގުކުރުން ހުއްޓުވަން މަޝްހޫރު އޮޑިޓް ފަރމް ގްރާންޓް ތޯންޓަން އަށް 10 މިލިއަން ޑޮލަރު ދެއްކި ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީޙުގެ މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ލުތުފީ ވިދާޅުވީ ގްރާންޓް ތޯންޓަން އަށް 10 މިލިޔަން ޑޮލަރު ދެއްކީ ގްރާންޓް ތޯންޓަން އާއި އެކީގައި ވެފައި އޮތް އެއްބަސްވުމެއްގެ ދަށުން އެ މީހުންނަށް ދޭންޖެހޭ ފައިސާއަށް ވާތީ ކަމަށެވެ. ލުތުފީ ވިދާޅުވީ ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުން 800 މިލިޔަން ޑޮލަރު ވަގު ވިޔަފާރީގެ އެއްވެސް ފާއިސާއެއް ހޯދިފައިނުވާ ކަމަށެވެ.

ލުތުފީ ވިދާޅުވެފައިވާ ގޮތުގައި  ގްރާންޓް ތޯންޓަން ކުރި މަސައްކަތުން އެއްވެސް އެއްޗެއް ރިކަވަރކުރެވިފައި ނެތެވެ. މއަދި 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި ސިންގަޕޯރ ދެ އޮފީހަށްވެސް އޭސީސީން ދިޔަ ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ. އެގޮތުން  ގްރާންޓް ތޯންޓަން އިން ގެންގުޅުނު ހުރިހާ ފައިލްތަށް އޭސީސީގެ ބެލުމުގެ ދަށުގައި ހުންނާނެ ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ގްރާންޓް ތޯންޓަންއިން މަސައްކަތް ކުރި ގޮތުގެ އެއްވެސް ރިޕޯރޓެއް ނެތް ކަމަށާއި ނަމަވެސް ގްރާންޓް ތޯންޓަންއާއި އެކު ދިވެހި ސަރުކާރުން އެއްބަސް ވުމެއް ވެފައިވާކަން ލުތުފީ ފާހަގަ ކުރެއްވިއެވެ. 

ލުތުފީ ވިދާޅުވެފައިވާ ގޮތުގައި  ދިހަ މިލިއަން ޑޮލަރު ދެއްކި މައްސަލަ ނިންމި ނަމަވެސް، ރައީސް މައުމޫނުގެ ވެރިކަމުގައި، އެސްޓީއޯގެ ޗެއާމަނަކަށް ޔާމީން ހުންނެވި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށް އޭރުގެ އޭސީސީގެ ރައީސް ލުތުފީ ވަނީ ވިދާޅުވެފައެވެ. 

ރައީސް މައުމޫންގެ ވެރިކަމުގައި، ރައީސް ޔާމީން އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި ދުވަސްވަރު އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިއްސާދާރުންނަށް ހަދައި މޯކަމްގެ ނަމުގައި ސިންގަޕޫރުގައި އުފެއްދި ކުންފުނިން ތެޔޮ ވިއްކީ، އޭރު ގިނަ ގައުމުތަކަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އަސްކަރީ ވެރިކަމެއް ހިންގަމުން ދިޔަ ބަރުމާއަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ނެޝަނަލް އިންކުއަރީ ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް 800 މިލިއަން ޑޮލަރުގެ ތެލުގެ މައްސަލަ ބަލަމުންދިޔަ އެވެ. އެ މައްސަލައިގައި އޭރު މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރަކަށް ހުންނެވި ޔާމީން ވިދާޅުވެފައި ވަނީ ތެލުގެ ވަގު ވިޔަފާރިކުރިކަން އެ މަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: