ރައްޔިތުންގެމަޖިލީޙުގެ. ކުރީގެ މެމްބަރު ޑޜ އަފްރާޝީމް އަލީއާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު އިލްވާންއާއި ބްލޮގާ ޔާމީން ރަޝީދު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވެންވީ ސަބަބެއް ނުވިސްނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަރުކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތައް ނުނި ލަސްވާތީ އެކަން ބެޅުމަށް މަޖިލީޙުގެ241 ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީޙުގެ ރައީސް ނަޝީދު ވަނީ ކޮމެޓީއަށް ސިޓީއެއް ފޮނުއްވާފައެވެ. ރައީސް ނަޝީދު އެ ސިޓީ241 ކޮމެޓީއަށް ފޮނުވާފައި ވަނީ މަރުގެ ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީއާއި ގުޅިގެންނެވެ.
ރައީސް ނަޝީދު241 ކޮމެޓީއަސް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އަލީ އާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި އަހްމަދު ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބީ އިސްލާމްދީނުގެ ނަމުގައިި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކެއްކަން ފާހަގަކުރެވޭ ކަމަށާއި އަދި އަމަލީގޮތުން އެކަން ހިންގުމުގައި ބައިވެރިވެފައި ވަނީ މާލޭގައި ހަރަކާތްތެރިވާ ކުށްކުރާ ގޭންގުތަކަށް ނިސްބަތްވާ މީހުން މެދުވެރިކޮށް ކަމަށް ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ފާހަގަވަނީ އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ޖިނާއީ އަމަލެއް ހިންގާފަައިވާކަން ނުވަތަ ޖިނާއީ ކުށެއް ކޮށްފައިވާކަމެވެ. އެހެން ކަމުން ޖިނާއީ އެ އަމަލާ ގުޅިގެން ނުވަތަ އެ ކުށާ ގުޅިގެން އެ އަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ނުވަތަ އެ ކުށް ކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލެންވީ ސަބަބަކީ ކޮބައިކަން އެމަނިކުފާނަށް ސާފްވެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު241 ކޮމެޓީއަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.
އެމަނިކުފާން ވިދާޅުވީ ކޮންމެ މައްސަލައެއްގައި ވެސް އެ މައްސަލައަކާ ގުޅިގެން ކޮށްފައިވާ ކަންކަމާއި، މައްސަލައިގެ ތެރޭގައި ހިމެނޭ ކަންކަމަށް ވާއިރު، ޑރ. އަފްރާޝީމް އަލީގެ މަަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓާއި، އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައާ ގުޅޭގޮތުން މަޖިލީހާ ހިއްސާކޮށްފައިިވާ ހުލާސާ ރިޕޯޓުގައި ފާހަގަކޮށްފައިިވަނީ އެ ދެ މައްސަލައިގެ ތެރޭގައި ވެސް ހިމެނޭ ކަންތައްތަކެއް ކަމަށެވެ.
މީގެއިތރުުން ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައި ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކާއި ހެކިބަސްދޭން ތިބި ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް، ސުވާލުކުރިކަމަށް ތުހުމަތުކޮށް، އަދި އެކަމުގެ ސަބަބުން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހިނގަމުންދާ ޝަރީއަތަށް ހެކިބަސްދޭން ތިބި ބަޔަކު ހެކިބަސް ދިނުމަށް އިންކާރުކުރާ ކަމަށް ބަޔާންކޮށް އެކަން ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޮމިޝަނުގައި އެދިފައިވާކަމަށް، ކޮމިޝަނުގެ ސިޓީގައި ބުނެފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދެން އިތުރު އިއުތިރާފް ހެކިބަހެއް ބޭނުންވާނެ ކަމަށް ނުފެންނަ ކަމަށާއި، ހެކިބަސް ދޭން އިންކާރު ކުރާ ފަރާތްތަކުގެ ހެކިބަހާ ނުލާ ވެސް، ދައުުވާ އުފުލޭނެ މިންވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ އެ ރިޕޯޓުގައި ހިމެނޭކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

