ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތެކެތީގެ ބޮޑު މައްސަލައެއް: ”ގާނޫނީ އިޖުރާއަތުގެ މަގަށް ވުރެ ފުލުހުން އިހުތިޔާރު ކުރީ އެޔަށް ވުރެ ކުރު މަގެއް“

މަސްތުވާތެކެތީގެ ބޮޑު މައްސަލައެއްގައި ފުލުހުން ކޯޓު އަމުރެއް ނެތި އޮފީހަކަށް ވަދެ ހެކި ހޯދާފައިވާތީ ތުހުމަތުވާ މީހާއަށް އަދަބު ނުދެވި މައްސަލަ ސުޕްރީމް ކޯޓުގައި ވެސް ނާކާމިޔާބު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތެކެތީގެ ބޮޑު މައްސަލައެއްގައި ފުލުހުން ކޯޓު އަމުރެއް ނެތި އޮފީހަކަށް ވަދެ ހެކި ހޯދާފައިވާތީ ތުހުމަތުވާ މީހާއަށް އަދަބު ނުދެވި މައްސަލަ ސުޕްރީމް ކޯޓުގައި ވެސް ދައުލަތަށް ނާކާމިޔާބުވެއްޖެ އެވެ.

މި ކޭސް މީޑިއާތަކުން ރިޕޯޓު ކުރުމުން ގާނޫނީ ވަކީލުން ވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކޮށްފައެވެ. މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ފުލުހުން އެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރެއް ނެތިއެވެ. އަދި އެ މައްސަލައިގައި އޮފީހަށް ވަދެ ހެކިތައް ހޯދުނު ނަމަވެސް މައްސަލައިގައި ހިމެނޭ މީހާ ސުޕްރީމް ކޯޓުން ވެސް ދޫކޮށްލަންޖެހުނީ އެއްވެސް އަދަބެއް ނުދެވިއެވެ.

2011 ވަނަ އަހަރުގެ ތެރޭގައި އަތުލައިގަތް އެ މަސްތުވާތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީ މުޝްތަރީގޭ ހުސެއިން ސޮބާހުއެވެ. އެއީ މައްސަލައިގައި ހޯދި ހޯދުންތަކަށް ތިން ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. ސޮބާހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް، 2014 ވަނަ އަހަރު ހައިކޯޓުން އެ ހުކުމް ބާތިލު ކުރިއެވެ.

ހައިކޯޓުން އެ މައްސަލަ ބާތިލު ކުރީ، ފުލުހުން ހެކި ހޯދިގޮތް ގޯސްކަމުން އޭނާއަށް އޭގެ މައްޗަށް އަދަބު ދެވެން ނެތުމުންނެވެ. މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި ވަނީ މައްސަލައެއްގައި ތުހުމަތުވާ މީހަކާއި ދެކޮޅަށް ހެކިތައް ހޯދުމުގައި ގާނޫނީ އިޖުރާތްތަކަށް ބަލާ އެއަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތަކީ، ސޮބާހުއާއި އޭނާގެ އެކުވެރިއެއްކަމަށްވާ ގދ. ނަޑެއްލާ/ މުހައްމަދު އަސްވަދު މަގުމަތީން ހުއްޓުވާ ބަލާ ފާސްކުރުމުގެ ތެރޭގައި ސޮބާހުގެ ޖީބުގެ ތެރެއިން ފެނުނު ތަޅުދަނިޑިއެއް ބޭނުންކޮށް ކޯޓު އަމުރަކާއި ނުލާ އެތަން ފާސްކުރުމެވެ. އޮފީހުން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރިއިރު ސޮބާހުގެ އިނގިލީގެ ނިޝާން ފެނިފައި ވެއެވެ. ފުލުހުން ސޮބާހުއާ އޭނާގެ އެކުވެރިޔާ މަގުމަތީން ހުއްޓުވީ އެ ވަގުތު އެއްވެސް ގާނޫނީ ކުށެއް ކުރަނިކޮށެއް ނޫނެވެ.

ފުލުހުން އެ ދެ މީހުން ހުއްޓުވާފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމުގެ މައުލޫމާތުތަކަށް، ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން އެ ދެ މީހުން ސައިކަލުގައި މާވެޔޮ މަގުން ދާ ކަމުގެ މައުލޫމާތު ލިބުމުންނެވެ. އަދި ސޮބާހުގެ ޖީބުގެ ތެރެއިން ފެނުނު ތަޅުދަނީގެ އެހީގައި ފުލުހުން ވަދެފައިވަނީ ސޮބާހުއާއި އިތުރު ބަޔަކު ބައިވެރިވެގެން ހިންގާ ކުންފުންޏެއްގެ އޮފީހަށެވެ. މަސްތުވާތަކެތި ފެނިފައިވަނީ، އެ އޮފީހުގެ ފޮށިގަނޑެއްގެ ތެރެއިންނެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ ސޮބާހުއާއި އައްސަދު އަކީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމާއި، އަދި ސޮބާހުގެ ޖީބުގެ ތެރޭގައި އޮތީ އެ އޮފީހުގެ ތަޅުދަނޑިކަށްވާއިރު ކުންފުނީގެ އޮފީސްތެރެއިން ފެނުނު މަސްތުވާތަކެތިން ސޮބާހުގެ އިނގިލީގެ ނިޝާން ފެނުމުން އެއާއި ސޮބާހުއާއި ގުޅުމެއް ވާނކަން އެނގެން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ސޮބާހުގެ ފަރާތުން، އޮފީސް ބަލާ ފާސްކުރީ ކޯޓު އަމުރެއް ނެތިކަމަށް ބުނެފައިވާ ކަމަށާއި، މީހުން ދިރިއުޅޭ ތަންތަން ފިޔަވައި އެހެން ތަނެއް ބަލާ ފާސްކުރުމަށް ކޯޓު އަމުރެއް އޮންނާންވާނެ ކަމަށް ބަޔާންކުރާ ގާނޫނީ ހަމައެއް ދެއްކިފައިނުވާއިރު އެތަނަކީ އެއީ މީހުން ދިރިއުޅޭތަނެއްކަން ވެސް ސާބިތު ނުކުރެވޭކަމަށް ކޯޓު ހުކުމުގައި ވެއެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ މައްސަލައިގައި ފާހަގަކުރެވޭ އެއްކަމަކީ ކްރިމިނަލް ކޯޓުގައި ފުލުހުން ދީފައިވާ ހެކިބަހުން ސޮބާހު އާއި އަސްވަދު ސައިކަލުގައި ދަނިކޮށް ހުއްޓުވާފައިވަނީ ކުށެއް ކުރާތަން ފެނިގެން ނޫންކަމަށް ވާއިރު، އެ ދެ މީހުން ކުށެއް ކުރަން އުޅުނުނަމަ އެކަމާއި ބެހޭ އެއްވެސް ވާހަކައެއް މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު ދައުލަތުގެ ފަރާތުން ދައްކާފައި ނުވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓިގެ ޝަރީއަތަށް ފުލުހުން ދީފައިވާ ހެކިބަހުން ވެސް އަދި ކޯޓަށް ހުށަހެޅި ތަހުގީގު ކުރި ފަރާތުގެ ބަޔާނުން ވެސް ސޮބާހު އާ އައްސަދު ސައިކަލުން ދަނިކޮށް އެ މީހުންނާއި ފުލުހުން ފުލުހުން ސައިކަލުގައި ގޮސް އަރާ ހަމަކޮށް ސޮބާހުގެ ޓީޝާޓުގައި ހިފިވަގުތު އޭނާ ލައިގެން ހުރި ޓީޝާޓާއި ހަށިގަނޑާއި ދޭތެރެއިން ކަރުދާސްކޮޅުތަކެއް ބިންމައްޗަށް ވެއްޓުނުކަން އެނގެން އެބައޮތް ކަމަށެވެ. އަދި ފަހުން އެ ކަރުދާސްކޮޅުތަކުގައި މަސްތުވާތަކެތި ހުރިކަމަށް ލެބޯޓްރީ ތަހުލީލުން ދައްކާކަމަށް ތަހުގީގު ކުރި ފަރާތުގެ ބަޔާނުގައި ވާ ކަމަށެވެ.  

މީގެ އިތުރުން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވެން ދެންނާއި، ސޮބާހު ހުއްޓުވުމާއި ހަމައަށް ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޔުނިޓަށް ލިބުނު މައުލޫމާތުގެ އިތުރުން ކޯޓު އަމުރެއް ނެތި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ވަރުގެ ކަމެއް ހިނގާފައި ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ މައްސަލައިގައި ތަން ބަލާ ފާސްކުރުމުގެ އަމުރެއް ނެތުމުގެ މައްޗަށް އެކަނި ބިނާކޮށް، ސޮބާހުގެ މައްޗަށް ކުށްސާބިތުނުވާ ކަމާއި މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުވާލު އުފައްދާ ކަމަށެވެ. ނަމަވެސް ސޮބާހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައިގަނޑު އެއް ނުކުތާއަކީ ކޯޓު އަމުރެއް ނެތި އޭނާގެ އޮފީސް ބަލާ ފާސްކޮށް ހޯދާ ހެކި ވާނީ ގާނޫނާއި ހިލާފަށް ހޯދާ ހެކީގެ ގޮތުގައި ކަމަށެވެ.

ގާނޫނު އަސާސީގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ކޯޓު އަމުރެއް ނެތި މީހެއްގެ އަމިއްލަ ތަނަކަށް ވަދެވޭނީ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއްގައި އެކަންޏެވެ. ގާނޫނު އަސާސީގެ މި ހައްގު ހަނިކޮށްފައިވާ ގާނޫނު މި ހާދިސާ ހިނގި އިރު ވުޖޫދުގައި ނެތްކަމަށް ހުކުމުގައި ވެއެވެ.

މި ގޮތަށް ފުލުހުން އަމަލު ކުރީ ޕްރޮބަބަލް ނިއްޔަތެއްގައި ކަމަށް ބުނެފައި ވާއިރު ދައުލަތުން ބުނެފައިވަނީ އެ ތަނަށް ކޯޓު އަމަރަކާއި ނުލާ ފުލުހުން ވަދެފައިވަނީ ފުލުހުންގެ އިހުތިޔާރުތަކާއި ބާރުތައް ބޭނުން ކުރުމުގެ ގަވައިދުގައި އެފަދަ ތަންތަނަށް ވަނުމުގެ ބާރު އޮތުމުންކަމަށް ފާހަގަކުރިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ގާނޫނަކުން ހަނިކޮށްފައި ނުވާ ހައްގެއް ގަވައިދަކުން ހަނި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެކަށީގެންވާ ހެކި ހޯދުމަށް ވަގުތު ފުލުހުންނަށް ލިބުނު ނަމަވެސް، ގާނޫނީ އިޖުރާއަތުގެ މަގަށް ވުރެ ފުލުހުން އިހުތިޔާރު ކުރީ އެޔަށް ވުތެ ކުރު މަގެއްކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. އަދި އެ ކުރު މަގަކީ ގާނޫނާއި ހިލާފު މަގެއް ކަމަށާއި ގާނޫނާއި އެއްގޮތަށް ހެކިތައް ހޯދައި ކޯޓު އަމުރެއް ފުލުހުންނަށް ހޯދުނީސްކަމަށް ހުކުމްގައި ވެއެވެ. އެހެން ކަމުން ކުށްވެރިއަކަށް އަދަބު ދޭން ބޭނުން ވާނަމަ އަމަލު ކުރަން ޖެހޭނީ ވެސް ގާނޫނީ އިމުގެ ތެރެއިންކަމަށް ހުކުމްގައި ވަނީ ބުނެފައެވެ.

މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ،  ގާނޫނުގައިވާ އިޖުރާއަތްތައް ފުރިހަމަ ނުކުރާނަމަ އަދަބު ލިބުން އެކަށިގެންވާ މީހަކު މިނިވަން ވެގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މައްސަލައިގެ ހުކުމް އިއްވާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: