ލޮކްޑައުންގެ މުއްދަތުގެ ތެރޭގައި އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރި މިންވަރު އިތުރުވެފައިވާކަމަށް ޖެންޑާރ މިނިސްޓްރީން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އަދި ގެވެށި އަނިޔާތަކުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ. ޖެނުއަރީ މަހުން ފެށިގެން މޭއި މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ 387 މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނަށް އަނިޔާކޮށްގެން 221 މައްސަލައާއި، ފިރިހެން ކުދިންނަށް އަނިޔާކޮށްގެން 166 މައްސަލައެވެ. އަދި ގެވެށި އަނިޔާގެ 112 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި 09 ފިރިހެނަކަށް ގެވެށި އަނިޔާކުރި މައްސަލަތައް ވެސް ހިމެނެއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަބަމުން ޖެންޑަރ މިނިސްޓަރު ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތައް އިތުރު ކަމަށެވެ. މިނިސްޓަރު އައިޝާ ވިދާޅުވީ އޭޕްރިލް މަހުގެ ތެރޭގައި ގެވެށި އަނިޔާކޮށެން ރިޕޯޓު ކުރި މައްސަލަތައް ކޮންމެވެސް ވަރަކަށް މަދުވިކަމަށެވެ. އެހެން ނަމަވެސް ޖެހިގެން އައި މެއި މަހުގެ ތެރޭގައި އަނެއްކާވެސް ރިޕޯޓުކުރާ މައްސަލަތައް ދިއައީ އިތުރުވަމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އައިޝާ ވިދާޅުވީ މައްސަލަތައިގެ ތެރޭގައި ހިމެނެނީ ޑޮމެސްޓިކް ވަޔަލެންސް އާއި، ޕިޒިކަލް ވަޔަލެންސް ކަމަށެވެ. އަދި އަނިޔާގެ ސަބަބުން ނަފްސާނީ އަސަރުތަކެއްކޮށް އެކަމުގެ އެހީ މިނިސްޓްރީ މެދުވެރިކޮށް ހޯދި މީހުންގެ އަދަދުތައް ވެސް އިތުރުކަމަށް ވިދާޅުވިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތައް ވެސް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިނިސްޓަރު ވިދާޅުވީ، މައްސަލަތައް މިދިޔަ އަހަރާއި އަޅާބަލާ މަދު ކަމަށެވެ.
ޗައިލްޑް ގްރޫމިން ރާއްޖޭގައި ވެސް އިތުރުވަމުން އަންނައިރު އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، މިފަދަ ކޭސްތައް މިނިސްޓްރީއަށް ހުށަހެޅޭ މިންވަރު މަދު ކަމަށެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޮޅުވާލައިގެން ދޭ ޖިންސީ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރު ނަމަވެސް މި އަހަރު ހުށަހެޅުނީ މިފަދަ ދެ މައްސަލައެއްކަމަށް އައިޝާ ވިދާޅުވިއެވެ. މިފަދަ މައްސަލަތައް މަދުކޮށް ހުއްޓުވާ، އަދި މި ފަދަ އަމަލުތަކުގެ ފަހަތުގައި ވާ މީހުން ދެނެގަތުމަށްޓަކާ ޓެކްނޮލޮޖީ މިނިސްޓްރީއާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

