މިދިޔަ ހުކުރު ދުވަހުގެރޭ ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ދޫކޮށްލި މައްސަލަ ވަނީ ބޮޑުވެފައެވެ. ފުލުހުން އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ބުނެއެވެ.
39 އަހަރުގެ ދެ ފިރިހެނަކު، ފަތުވެރިޔާ ރޭޕް ކުރި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުވާއިރު އެ މީހުންނަކީ ސަރުކާރުގެ ތެރޭގައި ބާރުގަދަ ބައެއްކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި އެއީ އިސް ފަރާތެއްގެ ފިރިމީހާކަމަށް ބުނެ އޭނާގެ ފޮޓޯތައް ވެސް ސޯޝަލް މީޑީއާގައި ދައުރުވާއިރު ފުލުހުން އެކަމަށް އެއްވެސް ކޮމެންޓެއް ނުކުރެއެވެ.
ނޫސްވެރިން ވަނީ އެ މީހުން ދޫކޮށްލީ ކީއްވެގެން ތޯ އާއި، އެހެން މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ވަނަވަރު ހާމަކުރާއިރު މި މައްސަލައިގައި ހާމަ ނުކުރަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ މައްސަލަ ކުރިޔަށް ދާތީ އިތުރު މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށެވެ. އަދި ތުހުމަތު ވާ މީހާއާއި ބެހޭ ގޮތުން ވެސް ސުވާލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ނުދެއެވެ.
މި މައްސަލައާއި އެކު މީޑިއާތަކާއި ސޯޝަލް މީޑިއާ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ސަފާރީގައި އަންހެނަކު ރޭޕް ކުރި މައްސަލަ ބަލަން ފަށާފައިވާތީ އެކަމާއި ގުޅިގެން ސަންގުއިން އެޗްއާރުސީއެމްއަށް ގުޅާލުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

