މީގެ ކުރިން ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި، ރޭޕްގެ މައްސަލަތަކާއި ދެކޮޅަށް މަސައްކަތް ކުރިއިރު ހިންނަވަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާންގެ މަހުމޫދު ”ދެ ފައި އެތާކު ނުޖެހޭ“ ކަމަށް ކުރީގެ ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އާއިލާގެ ޒިންމާދާރު މަގާމެއްގައި ތިބެ، ތުއްތު ކުއްޖަކު ރޭޕް ކުރި ހާދިސާއާއި އެކު މި އަހަރުގެ ކުރީކޮޅު ފުލުފުލުގައި އެތައް މައްސަލައެއް ފެންމަތިވެގެން އައެވެ. އޭގެ ތެރޭގައި ގިނައީ ޖެންޑާރ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވީ ނަމަވެސް އަޅާނުލާ ދޫކޮށްލެވިފައި ހުރި މައްސަލަތަކެވެ. އަދި އިހުމާލުގެ އެތައް މައްސަލަތަކާއި އެކު، އޭރު ޝިދާތާއަށް އައި ޕްރެޝަރުތަކާއި އެކު ޖެހުނީ މަގާމުން އިސްތިއުފާ ދެއްވާށެވެ.
ޝިދާތާ އިސްތިއުފާ ދެއްވުމުގެ ކުރިން، ދެ އަހަރުގެ ކުޑަކުއްޖާ ރޭޕް ކުރި މައްސަލައިގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީއަށް ހާޒިރު ކުރިއެވެ. އޭރު ޝިދާތާ ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ކަމާއި ބެހޭ އިތުރު މުވައްސަސާތައް ވެސް ހިމެނޭ ގޮތަށެވެ. އަދި ޖެންޑާ މިނިސްޓްރީން، އެންމެ ރަނގަޅު ގޮތުގައި ޒިންމާ އަދާ ނުކުރާކަމުގެ ތުހުމަތުތައް ކޮމިޓީގައި ކުރެވުނެވެ. އެރޭގެ ކޮމިޓީގައި، މުގައްރިރަކަށް ހުންނެވީ ޖީހާންއެވެ.
މަޖިލީހުގައި ވެސް މެމްބަރުން ވަނީ ޝިދާތާއަކީ ފެއިލްވެފައިވާ ބޭފުޅެއްކަމަށާއި، މަގާމުން ވަކި ކުރަން ޖެހޭކަމަށް ބުނެ އަޑު އުފުލާފައެވެ.
ޝިދާތާގެ މައްޗަށް ދެން ތުހުމަތު ކުރެވުނު ކަންތަކުގެ ތެރޭގައި ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންއަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތައް އެނގި ހުރެ ނުބެލުން ހިމެނެއެވެ.
މިދިޔަ ހުކުރު ދުވަހު ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި، ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމުން މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ސޯޝަލް މީޑިއާގައި އަޑުތައް ފެތުރޭގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު އެއީ ޖީހާންގެ ފިރިމީހާއެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ވާހަކައެއް ފުލުހުން މެދުވެރިކޮށް ވެސް ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފައެވެ. ރެއިން ފެށިގެން ޕޮލިސް މީޑިއާ ގްރޫޕްގައި ނޫސްވެރިން ސުވާލު ކުރަމުންދާއިރު ވެސް އެއްވެސް އެދެވޭ ޖަވާބެއް ފުލުހުން ނުދެއެވެ.
ސަފާރީ މައްސަލައިގައި، މާދަމާ ޖެންޑާރގެ ކޮމިޓީއެއް ބާއްވާއިރު ޖީހާން ކޮމިޓީގައި ބައިވެރިވުނެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި، ރޭޕްގެ ކޭސްތައް އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ޝިދާތާގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާ ޖެންޑާރ މިނިސްޓަރަކަށް ހުންނެވިއިރު ކުޑަކުދިންނާއި، އަންހެނުންގެ ހައްގުތަކާއި، އަދި އިންސާނީ ކަރާމާތާއި ގުޅުން ހުރި ކަންކަމުގައި ޖަވާބުދާރީ ކުރުމުގައި ޖީހާން އޭނާގެ ”ދެ ފައި އެއްތާ ނުޖަހާ“ ކަމަށެވެ.
https://www.facebook.com/shidhatha.shareef/posts/10160286224206164
ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވެސް މެމްބަރުން ވެސް ބޭރު ކުރީ ހިފެއްޓުމެއް ނެތް ނަފްރަތާއި ރުޅިވެރިކަން ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ. އެހެން ނަމަވެސް އޭރު އޭނާއަށް އެންމެ ބޮޑަށް ފާޑުކީ ހިޝާންގެ މައްސަލަ ފޮރުވިކަމަށް ބުނެ ކަމަށާއި، ހިޝާމް ވެސް އެންމެ ފަހުން ދޫވީ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ހިޝާންއަށް ކުރެވުނު ތުހުމަތުތަކަކީ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރުމެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ކުށްސާބިތުވާ ވަރަށް ހެކި ނެތް ކަމަށް މި ހަފްތާގެ ތެރޭގައި ފުލުހުން ވަނީ ބުނެފައެވެ. އަދި ހިޝާންގެ ޝިކާރައަކަށް އިތުރު ކުދިންތަކެއް ވީތޯ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޝިދާތާ ވިދާޅުވީ، އޭނާ މަގާމުން ދުރުކުރި މައްސަލަތަކާއި ގުޅުން ހުރި އެތައް ކަމެއް ދޫވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އަބަދު އަޑުއިވޭ ވާހަކައަކީ ރޭޕްގެ މައްސަލަތަކުގައި ތުހުމަތުވާ މީހެއްގެ ނުފޫޒުގެ ސަބަބުން އޭނާއަށް އަދަބު ނުދެވޭ ވާހަކަތައް ކަމުގައި ޝިދާތާ ވިދާޅުވިއެވެ. މީޑިއާތަކުން އަޑުއިވެނީ ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލުތައް ކުށަކަށް ވެސް ނުވެދާތަން ކަމުގައި ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ގޮތުން އޭރު އޮފީސް ދޮށަށް އެއްވެ މުޒާހާރާ ކުރި ބައެއް މިއަދު ފެންނާކަށް ނެތެވެ. އަދި މީޑިއާތަކުން ވެސް މި ވާހަކަތައް ފެންނަނީ މަދުން ކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރިއެވެ.
ޝިދާތާ ވިދާޅުވީ، އޭނާގެ އިސްތިއުފާ އާއި އެކު އެތައް ބައެއްގެ އަޑު ކެނޑި ނިދިއްޖެ ކަމަށެވެ. އެދުވަހު ވެސް ނިކުތީ ހެޔޮ ނިއަތެއްގައި ނަމަ ކަންކަން އިސްލާހު ވީސް ކަމަށް ޝިދާތާ ވިދާޅުވިއެވެ. ޝިދާތާ ވިދާޅުވީ މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަންކަން ކުރުމުން ނިކުންނަ ނަތީޖާއެވެ. މިއަދު ވެސް ފެންނަނީ މިސްރާބު ގޯސްވެފައިވާތަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

