ޖުޑިޝަރީއާއި ކޯޓުތައް މުށުތެރެއަށް ލައްވަވައި، ރައްޔިތުންގެ މަޖިލީހަކީ ވާދަވެރިންނަށް އަނިޔާކުރާތަނަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްދަވާފައިވާކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވެވި ސިޓީއެއްގައެވެ.
މި ގޮތުން އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދަށް ފޮނުއްވެވި ސިޓީގައި ބުނީ، ޤާނޫނު ހަދާ މަޖިލީހުންޤާނޫނު ހެދުމާއެކު ވެސް، ޤާނޫނު ތަންފީޒުކުރުމުގެ ބާރު މުށުތެރެއަށްލައްވައިގެން ރައީސް ނަޝީދު ކުރައްވަމުން ގެންދަވަނީ، ވަރަށް ވެސް ޚުދުމުޚްތާރު ޢަމަލުފުޅުތަކެއްކަމަށެވެ. އަދި މި ގޮތުން ޖުޑިޝަރީއާއި ކޯޓުތައް މުށުތެރެއަށް ލެއްވުމަށްފަހު ރައީސް ނަޝީދު އުޅުއްވަނީ ފުލުހުންގެ މުޢައްސަސާ ވެސް، އެ މަނިކުފާނުގެ ކޮންޓްރޯލްގެދަށަށް ގެންނަވަންކަމަށް އިދިކޮޅުކޯލިޝަނުގެ ސިޓީގައި ބުނެފައިވެއެވެ. އަދި އެއީ ރައްޔިތުން ބަލައިގަންނާނެކަމެއް ނޫންކަމަށާއި، މިއަދުގެ ޑިމޮކްރެސީ ދަންނަކަމެއްނޫންކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ސިޔާސީ ދާއިރާގައި ހަމައެކަނި ހުންނެވި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނުޙައްޤުން ޖަލަށްލައްވައި، ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ވާދަވެރިންނަށް އަނިޔާކުރާތަނަކަށް ވެސް ރައީސް ނަޝީދު ވަނީ ހައްދަވާފައިކަމަށެވެ. އަދި މި ހާލަތުގައި ކަންތައްތައް ހުރިއިރު ފުލުހުންގެ ބިލެއް މަޖިލީހަށް ވައްދަވައިގެން، ރައްޔިތުންގެ ޚިޔާލު ހޯއްދަވާ ކަމަށް ހައްދަވައިގެން، ރައީސް ނަޝީދު އުޅުއްވަނީ، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި، 39 އަހަރުގެ ދިވެހި ދެ ފިރިހެނަކުވެގެން، ކެންޔާ އަންހެނެއްގެ ގަޔަށް ގަދަކަމުން އަތްލައި، އެ އަންހެންމީހާ ރޭޕްކުރި މައްސަލަ އޮއްބާލުމަށާއި، ފުލުހުންގެ އަގުވައްޓާލުމަށް ތަކުރާރުކޮށް ކުރައްވަމުންދާ މަސައްކަތުގައި، ”މަތިޖައްސަވާ“ އެކަން ތަކުރާރުކުރެއްވުމަށްކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ރައީސް ނަޝީދުގެ އެ ޢަމަލުފުޅުތަކަކީ، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ނުކުޅެދި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ދައްކަމުންގެންދާ ބަހަނާތަކާއި، ކޮވިޑާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި އެތައް ރައްޔިތުންގެ ޢާމްދަނީ އެތައް ގުނައަކަށް އުނިވެފައިވައިވާ ދަނޑިވަޅެއްގައި ރައްޔިތުންނަށް އޮޅުވާލެއްވުމަށް ކުރާކަމެއްކަމަށް ވެސް ދެކޭކަމަށެވެ. އަދި ބިލުތައް ނުދެއްކި، ރައްޔިތުން ބިކަވެ، މަގުމަތިވެ، ވިޔަފާރިތައް ފުނޑި، އިޤުތިޞާދު އިނދަޖެހި، ޤައުމު ހަލާކުގެތެރެއަށް ސަރުކާރުން ވައްޓާލާފައިވާ ދަނޑިވަޅެއްގައި ރައްޔިތުންނަށް އޮޅުވާލައްވަން ކުރައްވަމުން ގެންދަވާ ކަންތައްތަކެއްކަމަށް ދެކޭކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ސިޓީގައި ބުނީ، އެ ކޯލިޝަންގެ މެންބަރުންގެ އަޑު ކަނޑުވާލައި، މަޖިލީހުގައި އިދިކޮޅުގެ އަޑުއިއްވަމުން ގެންދަވާ މެންބަރުންނަށް ހަމަލާދިނުމާއި، ޖެއްސުންކުރުންފަދަ ކަންކަން، ރައީސް ނަޝީދުގެ ކޮންޓްރޯލް އޮންނަ މެންބަރުން ކުރައްވަމުން ގެންދަވާތީ، އިދިކޮޅު މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލަމުންދާއިރު ވެސް އެ މަނިކުފާނު އެކަމަށް ދެއްވާފައިވަނީ ”ބީރު ކަންފަތެއް“ ކަމަށެވެ. އަދި އެއީ ޑިމޮކްރެސީ ނިޒާމާއި ފުށުއަރާ ބީރައްޓެހިކަމެއްކަމަށް ވެސް އިދިކޮޅުގެ ސިޓީގައި ބުނެފައިވެއެވެ. އަދި މަޖިލީހުގައި މައިނޯރިޓީއަށް ފުރުސަތުނުދެއްވައި، މައިނޯރިޓީގެ އަޑުކަނޑުވާލައި، ޚުދުމުޚްތާރުކޮށް މަޖިލީހުގެ ކަންކަން ގެންދަވާތީ އެ ކަން ކުށްވެރިކުރާކަމަށް ވެސް ވަނީ ބުނެފައެވެ.

