ކަނޑު ދަތުރުފަތުރު ކުރުމުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް އެންގުމުގެ ބަދަލުގައި ވަކި ހާލަތްތަކެއްގައި، ވަކި ގޮތަކަށް އަމަލު ކުރުމަށް އެންގުމުގެ ބާރަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހަޅައިފިއެވެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި ބެހޭ ގޮތުން ސަރުކާރުގެ މުވައްސަސާތަކާއި ކޮމިޓީން ދަނީ ބައްދަލު ކުރަމުންނެވެ. ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލް މިހާރު އޮތީ ދިރާސާ ކުރުމުގެ މަރުހަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގަ އެވެ. އެ ބިލާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުގެ ލަފާ ހޯދަން އެ ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް ނަގައިފަ އެވެ.
ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޓްރާންސްޕޯޓާއި ގުޅޭގޮތުން ބިލުގައި ހުރި ފާހަގަ ކުރެވޭ ކަންތަކާއި ގުޅޭގޮތުން މިނިސްޓްރީގެ ސްޓޭޓް މި ިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ބިލްގައި ދަތުރުފަތުރު ކުރުމުގައި ނުވަތަ ހިނހާބިގާވެ އުޅުމުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް އެންގުމުގެ ބާރު އޮންނަ ކަމަށެވެ. އޭގެ ބަދަލުގައި ދަތުރުފަތުރު ކުރުމުގައި ނުވަތަ ހިނގާބިގާވެ އުޅުމަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ވަގުތީ ގޮތުން ވަކި ހާލަތްތަކެއްގައި އެންގުމުގެ ބާރު އޮތުން ރަނގަޅު ކަމަށް އާދިލް ވިދާޅުވިއެވެ. އަދި ދަތުރުފަތުރު ކުރުމުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް އެންގުމުގެ ބާރު، އަރިމަތީ ސުރުހީގައި ވެސް އޮންނައިރު އެ މާއްދާގައި ބަޔާން ކުރާ ނުކުތާތަކުގެ މަހުފޫމް ގޯސް ނޫންނަމަވެސް ސުރުހީގައި ”ވަކި ހާލަތްތަކެއްގައި، ވަކި ގޮތަކަށް އަމަލު ކުރުމަށް އެންގުމުގެ ބާރު“ އަށް ސުރުހީ ބަދަލު ކުރުން ރަނގަޅު ކަމަށެވެ. އާދިލް ވިދާޅުވީ އެހެން ނޫންނަމަ އޭގައި ދިމާވާނެ މައްސަލަތަކަކީ ދަތުރުކުރަން ޓްރާންސްޕޯޓުގެ ގާނޫނުން ކަނޑައެޅިފައި އޮންނަ ބާރު ފުލުހުން ސްޕީޑު ކަނޑައަޅައިފިނަމަ އެއީ ފުލުހުންނަށް އޮންނަ ބާރެއް ނޫން ކަމަށެވެ.
އާދިލް ވިދާޅުވީ ގާނޫނު ނަމްބަރު އެއްގަމާއި ގާނޫނާއި އެއްގޮތް ވާ ގޮތުގެ މަތީން ގާނޫނު ތަންފީޒު ކުރުމަށް ފުލުހުންގެ ނަމުގައި ބާބެއް އަންނަން ޖެހޭ ކަމަށެވެ. އެއްގަމުގެ ގާނޫނަކީ 5/2009 އެއް ކަމަށާއި ކަނޑުގެ ގާނޫނަކީ 78/69 ކަމުގައިވީއިރު އޭގެ ފުރަތަމަ އިސްލާހު 2015/35 ކަމަށް އާދިލް ވިދާޅުވިއެވެ. އޭނާ ވަނީ މި ގާނޫނުތަކާއި، މި ގާނޫނުތަކުގެ ދަށުން ހެދޭ ގަވައިދުތައް ތަންފީޒު ކުރުމަށް ފުލުހުން އެހީތެރިވެދޭން ވާނެ ކަމަށް ބިލްގައި ބަޔާންވާން ޖެހޭ ކަމަށެވެ. އެހެން ނޫނަމަ ފުލުހުންނަށް ތަންފީޒީ ދައުރު އަދާކުރުމުގެ ފުރުސަތު މި ގާނޫނުގެ އެއްވެސް މާއްދާއަކުން ފެންނާކަށް ނެތް ކަމަށެވެ. އެހެންކަމުން އެބައި އިތުރުކުރުމަށް އެދޭކަމަށް އާދިލް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވާ ގޮތުން، މި ބިލުގެ ބޭނުމަކީ ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުއާސާސީ ގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމާއެކު ގާނޫނުގެ ހުކޫމާތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމެވެ.

