ރާއްޖޭގައި ފަހަކަށް އައިސް އިޖްތިމާއީ މައްސަލަތައް ގިނަވާން ފަށާފައިވަނީ، މީގެ ކުރިން ފެންމަތިވަމުން އައި މައްސަލަތަކަށް އަޅާނުލެވި ދޫކޮށްލާ އިންސާފު ހޯދައިނުދިނުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މުވައްސަސާއާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ، މުޖްތަމައުގެ ތެރޭގައި އިތުރުވަމުން އަންނަ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތްތަކުގެ މައްސަލަތައް ވީހާވެސް އަވަސް ސްޕީޑެއްގައި ތަހުގީގުކޮށް،ޝަރީއަތްތައް ކުރިޔަށް ގެންދެވި އިންސާފު ގާއިމް ކުރެވެން ޖެހޭ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު، ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައި ފުލުހުންނަށް އޮންނަ ނުފޫޒުތަކުގެ ވާހަކައިގެ އަޑުތައް ވަނީ ގަދަވެފައެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އެކި މައްސަލަތައް އިތުރުވަމުން އަންނައިރު، މީގެއިން ގިނަ މައްސަލަތަކަކީ މީގެ ކުރިން ވެސް ރިޕޯޓު ކުރުމުން އެއްވެސް ފިޔަވަޅެއް ނޭޅި ހުރި މައްސަލަތަކެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދޭ ކަންތައްތަކުގެ ތެރޭގައި ޖިންސީ ގޯނާގެ މައްސަލަތަކާއި، އެ މައްސަލަތަކަށް އިންސާފު ހޯދައިދިނުން ހިމެނޭ ކަމަށެވެ. މިފަދަ އިޖްތިމާއީ ކަންކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭއިރު ފުލުހުންނަކީ ގާނޫނުތައް ތަންފީޒު ކުރުމުގައި އެންމެ މުހިންމު ރޯލު އަދާ ކުރާ އަދި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ މުވައްސަސާއަށްވާން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މައްސަލަތައް ހައްލު ކުރުމުގައި ފުލުހުންގެ ދައުރު ހަގީގަތުގައި ވަރަށް ބޮޑުކަމަށާއި، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަކީ އިންސާފާއި ހަމައަށް ވަސިލްވެވޭނެ ދޮރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހައްގުތައް ހޯދައިދީ، އިންސާފު ގާއިމް ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރިކަމަށާއި ފުލުހުންނާއި ތަންފީޒީ އިދާރާތްތަކަސް ބޭނުންވާ ވަސީލަތްތަކާއި އަދި ތައުލީމާއި ތަމްރީނުވެސް އިތުރަށް ހޯދައިދޭން ޖެހޭ ކަމަށެވެ.
”ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި އެންމެ މުހިއްމު ރޯލް އަދާކުރާ އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން މި މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު އަދި މުހިއްމު. އެކަން ކާމިޔާބުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަމަށް ގަބޫލުކުރަން. އަދި ފުލހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާއި ތަމްރީން ވެސް އިތުރަށް ހޯދައިދޭން އެބަޖެހޭ،“ ރައީސް
ފަހަކަށް އައިސް އިޖްތިމާއީ މައްސަލަތައް ގިނަވެފައިވާއިރު ރައީސް ވިދާޅުވީ އެއީ މީގެ ކުރިން އެތައް ޒަމާންތަކެއްވަންދެން ހުރި މައްސަލަތަކަށް ހައްލެއް ނުގެނައުމުގެ ނަތީޖާ ކަމަށެވެ. އަދި ފިޔަވަޅު ނާޅާ، އަޅާނުލެވި ދޫކޮށްލުމުގެ ސަބަބުން ތިލަވަމުންދާ މައްސަލަތަކެއް ކަމަށެވެ.
ރައީސް ވިދާޅުވީ އިޖްތިމާއީ ގޮތުން ހުރި، ހައްލު ކުރަންޖެހޭ މައްސަލަތައް ހަގީގަތުގައި ވަރަށް ގިނަ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ގަވައިދާއި ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާ ނުވަތަ މަސްތުވާތަކެތީގެ މައްސަލަ ނަމަވެސް އެއީ ހައްލު ނުވެ ހުރި ކަންތައް ކަމަށެވެ.

