އައިޖީއެމްއެޗްގެ ކްލަސްޓާއާއި ގުޅޭ އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އަދަދު 15 އަށް އަރައިފިއެވެ.
އައިޖީއެމްއެޗުގައި ކޮވިޑް-19 ފެތުރުނުކަން އެނގުނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނޭޝިއާގެ ފިރިހެނަކު ނިޔާވުމުން، ކޮވިޑަށް ޓެސްޓު ހެދުމުންނެވެ. އަދި އެއަށްފަހު ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ފާހަގަވީ އިތުރު ބައެއް ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އަދި މިހާރު ވަނީ އައިސީޔޫ ބަންދުކޮށް ދެމުން އައި ހިދުމަތް އެހެން ތަނެއްގައި ދޭން ފަށާފަ އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަންސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އައިޖީއެމްއެޗްގެ ކޭސްއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް އައިޖީއެމްއެޗްގެ 06 މުވައްޒަފަކާއި، ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދެމުން ދިޔަ 07 މީހެއްގެ އިތުރުން، ބަލި މީހުންގެ އެހީތެރިންގެ ގޮތުގައި ތިބި އެ މީހުންގެ އާއިލާގެ 02 މެމްބަރަކަށް ކޮވިޑު ޖެހިފައިވާ ކަމަށެވެ.
މިއަދު ބަލި ޖެހުނު މީހުންގެ ތެރޭގައި ފަރުވާއަށް ފަހު ހޮސްޕިޓަލުން ޑިސްޗާޖު ކުރި 02 މީހެއް ވެސް ހިމެނެއެވެ. ނަމަވެސް އެ ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލި ދުވަހެއް ނޭނގެއެވެ. އަދި މިއަދު ބަލި ޖެހިގެން ދެން ހޮސްޕިޓަލުން ރިޕޯޓު ކުރީ 02 މުވައްޒަފެކެވެ.
އައިޖީއެމްއެޗްގެ މުވައްޒަފުންތަކަކާއި، ބަލި މީހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވިއިރު ޑރ. ނަޒްލާ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހަދާ ބަލި ޖެހުނު މީހުންނާއި ބައްދަލުވެފައިވާ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ.

