ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައި ނެރުއްވި ޚިތާބުގައި ރައީސް ޞާލިހު ވިދާޅުވީ އަންހެނުންނަށް ފުރަބަންދާއި ގުޅިގެން އަސަރުކުރި އެންމެ ބޮޑު އެއް ސަބަބަކީ ޢާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވުން ކަމަށެވެ.
ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވެސް ޚާއްޞަ އިސްކަމެއް ދީގެން ހައްލު ކުރަން މަސައްކަތް ކުރަން ޖެހިފައިވާ މައްސަލަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތަށް އަލިއަޅުއްވާ ލައްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޯވިޑް-19 ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށާއި އަދި، އޭގެ އެއް ސަބަބަކީ، ކޯވިޑް-19 އާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށެވެ. ރާއްޖޭގައި ޞިއްޙީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީވެސް އަންހެނުންކަމުގައި ވާތީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް އާބާދީއާއި ގުޅިފައިވާ މައްސަލަތަކާއި މެދު، އެ ޤައުމެއްގެ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން، މުޖުތަމަޢުގެ ތެރޭގައި އުފެދޭނެ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކުން ނުކުންނަ ނަތީޖާތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންވީ ކަންކަމާއި މެދު، ރައްޔިތުންގެ މެދުގައި ބަހުސް ކުރަންޖެހޭ ކަމަށެވެ.
ދުޅަހެޔޮ އާބާދިއެއް ބިނާކުރުމުގައި މި ސަރަޙައްދުގެ ޤައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖެއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ދެމެހެއްޓޭނީ، ކޯވިޑް-19 ފަދަ ބޮޑެތި ބަލިތަކާއެކުވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ޞިއްޙަތަށާއި، އެހެނިހެން އިޖުތިމާޢީ ކަންކަމަށް އިސްކަންދީގެން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

