ކޮވިޑް-19 އަށް އިތުރު 39 މީހުން ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޢަދަދު 2،801 އަށް އިތުރުވެފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭސަންޝް ސެންޓަރުން ބުނެފިއެވެ.
އަންގާރަދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ހޯމަދުވަހުގެ ހަވީރު 18:00 އިން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 18:00 އާއި ހަމައަށް، ކޮވިޑް-19 އަށް އިތުރު 39 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިހާތަނަށް 2،801 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ، 27 ދިވެހިންނާއި، ބަންގްލަދޭޝްގެ 07 މީހުންގެ އިތުރުން އިންޑިއާގެ 05 މީހުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެތެރެއިން އިތުރު 12 މީހުން ރަނގަޅުވެފައިވާކަމަށެވެ. މި ގޮތުން މިހާތަނަށް ޖުމްލަ 2،302 މީހުން މިހާތަނަށް ރަނގަޅުވެފައިވާކަމަށާއި، އަދި މިހާރު ފަރުވާދެމުން އަންނަނީ، 470 މީހުންނަށްކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެތެރެއިން 40 މީހުންނަށް ފަރުވާދެނީ އެދްމިޓްކޮށްގެންކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 އިގައި އެޑްމިޓްކުރވިފައިވާ މީހަކާއި، އެ ހޮސްޕިޓަލުގެ ޑީއެޗް 16 އިގައި އެޑްމިޓްކޮށްފައިވާ މީހެއްގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރެވިފައިވާ 38 މީހުންކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު 47 މީހުން ތިބިއިރު، އޭގެތެރޭގައި ހިމެނެނީ 11 ދިވެއްސެއްގެ އިތުރުން، 36 ބިދޭސީއެކެވެ. އަދި އިތުރު 30 މީހުން ކަރަންޓީނުން ދޫކޮށްލާފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރުވެސް 410 މީހުން އެބަތިބިކަމަށާއި، އެއީ 281 ދިވެހިންނާއި، 129 ބިދޭސީންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
”މިއަދުގެ 6 އާއި ހަމައަށް މުޅި ޖުމްލަ މިހާތަނަށް 63،509 ސާމްޕަލް ޓެސްޓުކުރެވިފަވޭ. އަދި މިހާތަނަށް 2801 މީހުން ޕޮޒިޓިވްވެފަވޭ. މި ވަގުތު ޕެންޑިންގަ ހުރީ 508 ސާމްޕަލް. އިއްޔެގެ 6 އިން ފެށިގެން މިއަދުގެ 6 އާއި ހަމައަށް 39 މީހުން އިތުރަށް ޕޮޒިޓިވްވެފަވޭ. މީގެތެރޭގަ 27 ދިވެހިންނާއި، ބަންގްލަދޭޝްގެ 07 މީހުންނާއި، އިންޑިއާގެ 05 މީހުން ހިމެނޭ. މިހާތަނަށް ފެނުނު 2801 ކޮންފަރމްޑް ކޭސްގެތެރޭގަ 2302 މީހުން މިހާރު ވަނީ ރިކަވަރވެފަ. 14 މީހުން ނިޔާވެފަ. 470 އެކްޓިވް ކޭސެސް އޭގެތެރޭގަ އެބަ ހިމެނޭ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގަ 12 މީހުން އިތުރަށް ރިކަވަރވެފަވޭ. މިވަގުތު ހޮސްޕިޓަލުގަ އެޑްމިޓްކުރެވިފަވާ މީހުންގެ ލިސްޓަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގަ އެކަކު، ޑީއެޗް 16 ގަ އެކަކު، އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ 38 މީހުން އެޑްމިޓްކުރެވިފަވޭ. ހުޅުމާލޭ ފެސިލިޓީގަ ތިބި 08 މީހުން ވެސް ތިބީ ވޯޑްގަމިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގަ 410 މީހުން އެބަތިބި. އޭގެތެރޭގަ 281 ދިވެހިންނާއި، 129 ބޭރު މީހުން ހިމެނޭ. ކަރަންޓިނު ފެސިލިޓީތަކުގަ މިވަގުތު 47 މީހުން އެބަތިބި. މިއަދު، މި 47 މީހުންގެތެރޭގައި ހިމެނެނީ 11 ދިވެހިންނާއި 36 ބޭރު މީހުން. ކަރަންޓީނުން މިއަދު ދޫކޮށްލެވުނީ 30 މީހުން މުޅިއެކު. މި ވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ، ނ.ކުޑަފަރި، ރ.ދުވާފަރު، ރިޓެއްލާ ސަފާރީ އަދި ގްރޭޓަރ މާލޭ އޭރިއާ. ފްލޫ ކްލިނިކްގެ ޑޭޓާއަށް ބަލާލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގަ މާލޭ ސަރަހައްދުގަ 95 ކޮންސަލްޓޭޝަން، އަދި އަތޮޅުތެރޭގަ 29 ކޮންސަލްޓޭޝަން ހިންގިފައިވޭ. އަދި މުޅިއެކު 86 ސާމްޕަލް ފްލޫ ކްލިނިކްތަކުން ނެގިފަވޭ.“ ޑރ.ނަޒްލާ
ކޮވިޑް-19 އިގެ ނުރައްކާތެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެތެރެއިން އިތުރު މީހަކުވަނީ ނިޔާވެފައެވެ. އެއީ 79 އަހަރުގެ މީހެއްކަމަށާއި، އޭނާ ނިޔާވެފައިވަނީ އަންގާރަދުވަހުގެ ހަވީރު 17:05 ގައިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިއީ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން ނިޔާވި 14 ވަނަ މީހާއެވެ. މީގެ ކުރިން ވަނީ، 08 ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝް 04 މީހަކާއި، ޕިލިޕީންސްގެ މީހަކު ވެސް ނިޔާވެފައެވެ. ހަމައެއާއެކު ޕޮޒިޓިވްވާ މިންވަރު އިތުރުވެ، ބައެއް ރަށްތަށް މިހާރު ވަނީ، މޮނިޓަރިންގ އަށްލާފައެވެ. ޑރ.ނަޒްލާ ވިދާޅުވީ، މި ވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ، ނ.ކުޑަފަރި، ރ.ދުވާފަރު، ރިޓެއްލާ ސަފާރީގެ އިތުރުން ގްރޭޓަރ މާލޭ އޭރިއާކަމަށެވެ. މި ބަލީގެ ނުރައްކާތެރިކަން އިތުރުވަމުންދާތީ މިހާރުވަނީ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ވެސްކޮށްފައެވެ. މި ގޮތުން މި މުއްދަތު ވަނީ އަންނަ އޯގަސްޓުމަހުގެ 07 ވަނަ ދުވަހާއި ހަމައަށް ދިގު ދަންމާލައިފައެވެ.

