ދެވަނަ ފަހަރަށް ރާއްޖޭގެ ބޯޑަރު ބަންދުކުރާނެ ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށާއި ރާއްޖޭގައި އޮތީ މުޅި ދުނިޔޭގެ ވެސް އެންމެ ރައްކާތެރި ޓޫރިޒަމް ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެކްޓިން ޓުއަރިޒަމް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުރުކުރުމަށް ފަހު އަލުން ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައްޔާޒް ވިދާޅުވީ ދެވަނަ ފަހަރަށް ބޯޑަރު ބަންދުކުރުމަށްވުރެ ބަލި ފެތުރުން ކޮންޓްރޯލު ކުރަން މަސައްކަތް ކުރުން މުހިތްމު ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ކޮވިޑް ފެތުރުނު ދުވަސްވަރާއި މިހާރު ގެންގުޅޭ ވިސްނުން ތަފާތު ކަމަށެވެ. އަދި ރާއްޖެއަކީ ރައްކާތެރި ގައުމެއްކަން ކަށަވަރުކޮށްދީގެން، ވީހާ ވެސް ގިނަ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެ އަށް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބޯޑަރު ބަންދުކުރަން ސިއްހީ ދާއިރާގެ ފަރާތްތަކުން ކަނޑައަޅައިފިނަމަ ސަރުކާރުން އެގޮތަށް އަމަލުކުރާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ހުރިހާ ގައުމަކުން ވެސް ރާއްޖެ އަށް ދަތުރުތައް ފެށުމުގެ ކުރިން ބަލަނީ ރާއްޖޭގައި ކޮވިޑް ބަލިމަޑުކަން ފެތުރިފައިވާ މިންވަރު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ވައިރަސް ކޮންޓްރޯލް ކުރުމަށާއި ޓޫރިސްޓުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކަށް ވެސް އެ ގައުމުތަކުން ބަލާ ކަމަށެވެ. އަދި ރާއްޖެ އުފެދިފައި އޮންނަ ގޮތުން ފަތުރުވެރިންނަށް ދުނިޔޭގައި އޮތް އެންމެ ރައްކާތެރި މަންޒިލަކީވެސް ރާއްޖެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ހުރިހާ ސާވޭތަކުން އެނގެނީ ގައުމުތަކުން މީހުން ރާއްޖެ އަންނަން ބޭނުންވާކަން، އެހެންކަމުން އަޅުގަނޑުމެންނަށް އޮތް އެޑްވާންޓޭޖް އެބައޮތް، ހުރިހާ ފަތުރުވެރިންނަށް އަޅުގަނޑު މި އެދެނީ ސަނީ ސައިޑް އޮފް ލައިފް ހޯދައި ބަލައިލަން އަންނާށޭ“ ފައްޔާޒް .
މީގެ އިތުރުން ފައްޔާޒު އިތުރަށް ވިދާޅުވީ، އިތުރު ފަތުރުވެރިން ގެނައުމަށް ބައިވަރު މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
ބޭރުގެ ގައުމުތަކުން އެންމެ ބޮޑަށް ބަލަނީ ރާއްޖޭގައި އިންފެކްޝަންސް އޮތް މިންވަރާއި ފެތުރޭ މިންވަރުގެ އިތުރުން ބައްޔާ ދެކޮޅަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކަމަށެވެ.
ބޯޑަރު އަލުން ހުޅުވައިލުމާ ގުޅިގެން މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ފުރަތަމަ ޖެއްސީ ގަތަރު އެއާވޭސްގެ (ކިއުއާރު 672) މަތިންދާބޯޓެކެވެ. އެއީ ގަތަރުގެ ދޯހާ އިން ފުރައިގެން ރާއްޖެ އައި ބޯޓެކެވެ. ޔޫރަޕުގެ އެކި ގައުމުތަކުން 107 ޓޫރިސްޓަކު އެ ބޯޓުގައި ރާއްޖެ އައެވެ.

