ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހުއްދަ ނުދިނުމާއެކު، އިދިކޮޅު ކޯލިޝަންގެ ”ފެއިލް ވެއްޖެ ރެލީ“ ފަސްކޮށްފި

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން، މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ”ފެއިލްވެއްޖެ ރެލީ“ ފަސްކޮށްފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ ކޯލިޝަނުން މި މަހުގެ 17 ވާ ހުކުރުދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ”ފެއިލްވެއްޖެ ރެލީ“ މި ވަގުތަށް ފަސްކޮށްލާފައިވާކަމަށެވެ. ޝުޖާއު ވިދާޅުވީ ގޮތުގައި ރެލީ ބޭއްވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކަށް ސިޓީއަކުން ދަންނަވާފައިވާނެކަމަށާއި، މިއަދާ ހަމައަށް އެންމެ ސިޓީއެއް ފިޔަވައި އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައިނުވާކަމަށެވެ. މި ގޮތުން ކާނިވާ ސަރަހައްދު ހޯދުމަށް މި މަހުގެ 06 ދުވަހު ޕްލޭނިންގް މިނިސްޓްރީއަށް ސިޓީފޮނުވާފައިވާނެކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް މިނިސްޓްރީން ހުއްދަ ދެއްވާފައިނުވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް ޖެހިޖެހިގެން ތިންދުވަހު ހައުސިންގް މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރަން ގޮސްގެންވެސް އެކަމާބެހޭ، ޑިޕާޓްމަންޓްގެ އެއްވެސް މީހަކާ ބައްދަލުނުވިކަން ހިތާމައާއެކު ފާހަގަކުރައްވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. މި ގޮތުން ލީޑަރޝިޕުން ނިންމީ 17 ޖުލައި ވާ ހުކުރުދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ”ފެއިލްވެއްޖެ ރެލީ“ މި ވަގުތަށް ފަސްކޮށްލަންކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ރެލީގެ ޕްރޮމޯޝަނާއި، ރެލީއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ފަސްޖެހުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަންދެއްވާކަމަށެވެ.

”އަޅުގަނޑުމެން ސަރުކާރުގެ އެކިއެކި ކަމާބެހޭ މުއައްސަސާތަކަށް، އަޅުގަނޑުމެންގެ ރެލީ ބޭއްވުމަށްޓަކާ ވާނީ ސިޓީން ހުއްދަ ހޯދުމަށް ދަންނަވާފަ. އެހެންނަމަވެސް މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އެއްވެސް ސިޓީއަކަށް، އެއް ސިޓީގެ ޖަވާބު އަޅުގަނޑުމެންނަށް ލިބިފަ އެބައޮތް، އެހެންނަމަވެސް ދެންހުރި އެއްވެސް ސިޓީއަކަށް ޖަވާބެއް ލިބިފަކައެއްނެތް. ވަކިން ޚާއްސަކޮށް މި ފުރުސަތުގަ އަޅުގަނޑު ދަންނަވަން ބޭނުން ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީއަށް އަޅުގަނޑުމެން ކާނިވާ ސަރަހައްދު ހޯދުމަށް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން. އޭގެތެރޭގަ މި ލިޔުމުން އަޅުގަނޑުމެން މި ސިޓީ ހުއްދަ ހޯދުމަށް މި ދެންނެވީ 06 ޖުލައިވީ ދުވަހު. އެހެންނަމަވެސް އަޅުގަނޑުމެންގެ ސިޓީއަށް މިއަދާ ހަމައަށްމި ވަގުތާހަމައަށް ވެސް ހައުސިންގް މިނިސްޓްރީން މިކަމުގަ ހުއްދަ ދެއްވާފަނުވަކަން މި ފުރުސަތުގަ ފާހަގަކޮށްލަން. އަދި ހަމަ އެހެންމެ މި ފުރުސަތުގަ ހުއްދަ ނުދެވުނުތާނގާ އަޅުގަނޑުމެންގެ ޕާޓީގެ ސެކެޓްރީ ޖެނެރަލް ޖެހިޖެހިގެން ތިންދުވަހު ހައުސިންގް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށް ހުއްދަ ނުލިބިގެން މި އުޅެނީ ކީއްވެގެންތޯ އަޅުގަނޑުމެން ހުށަހެޅި ސިޓީތަކަށް ޖަވާބު ނުލިބިގެން މިއުޅެނީ ކީއްވެގެންތޯ ތިންދުވަހެއްގެ މަތިން ގޮސްގެންވެސް އެކަމާބެހޭ، ޑިޕާޓްމަންޓްގެ އެއްވެސް މީހަކާ ބައްދަލުނުވިކަން ހިތާމައާއެކު އަޅުގަނޑު ފާހަގަކޮށްލަން. އެހެންކަމުން އަޅުގަނޑުމެންގެ ލީޑަރޝިޕުން ނިންމީ އަޅުގަނޑުމެން 17 ޖުލައި ވާ ހުކުރުދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެއްސި ”ފެއިލްވެއްޖެ ރެލީ“ މި ވަގުތަށް ފަސްކޮށްލަން.“ ޝުޖާއު

މި ކަމުން ވެސް ދޭހަވެގެންދިޔައީ، ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، މި ސަރުކާރުން ހުރަސްއަޅާ މިންވަރުކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރަށް އެޑްރެސްކޮށްފައި ލައުޑްސްޕީކަރު ބޭނުންކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި ޖުލައި މަހުގެ 15،16 އަދި 17 މި ތިންދުވަހު ރެލީ އިސްތިހާރުކުރުމަށްޓަކައި ހުއްދަތައް ހޯދުމަށް ދެންނެވި ދެންނެވުމަށް ސިޓީ ކައުންސިލުން ޖަވާބުދީފައިވާކަމަށެވެ.ނަމަވެސް ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ދެއްވާފަ އޮތީ، ރައީސް އިބްރާހިމް މުޙައްމަދު ޢާއްމުކޮށްދެއްވާ ކޮމްޕިއުޓަރު ޖަވާބުކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

”މީގަ މިއޮތީ މި 03 ދުވަހު މާލޭ ސަރަހައްދު، މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގަ ލައުޑްސްޕީކަރު ހަރުކޮށްގެން ޕިކަޕް ދުއްވުމުގެ ހުއްދަ ދީފީމޭ. އެހެންނަމަވެސް ތި ބޭފުޅުން ޖެހޭނޭ އަދި މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުއްދަނަގަން. އެހެންވީމަ އަމާބުނީތީ ފަރަށްދާކަހަލަ ހުއްދައެއް ޝިފާ މިކަމަށް ދެއްވާފަ“ ޝުޖާއު

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ޕާކިންގ ސަރަހައްދު ހޯދުމަށް ވެސް، މާލޭސިޓީ ކައުންސިލަށް ދަންނަވާފައިވާނެކަމަށެވެ. އެހެންނަމަވެސް އޭގެ ޖަވާބެއް ނުލިބޭކަމަށާއި، އަދި ކާނިވާ ސަރަހައްދާއި، އަދި އޭގެ އިތުރުން އެއާ އިންވެގެން އޮތް، ޕާކިން ޒޯނުވެސް ހޯދުމަށް ވެސް ސިޓީ ކައުންސިލްގައި ދަންނަވާފައިވާނެކަމަށެވެ. އަދި އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވަނީ، ރެލީ ބޭއްވުމަށްޓަކާ ކުރަމުންދާ މަސައްކަތް ނުހުއްޓާނެކަމަށާއި، ކުރިއަށް މި އޮތް މަސްދުވަހުގެތެރޭގައި ބާއްވަން މަސައްކަތްކުރަމުންދާކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: