ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމު ފުނޑާލައިފި، އެންމެ ފަހުން ކޯޓުތަކުގެ ނިންމުންތައް ވެސް މަޖިލީހަށް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވާ ގޮތުގައި އެމަނިކުފާން ބޭނުންފުޅުވަނީ ދިވެހިރާއްޖޭގައި ނުފޫޒެއް ނެތް ފަނޑިޔާރު ގެއެއް ގާއިމް ކުރާށެވެ. އަދި ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާއިރު ފަނޑިޔާރުންގެ މައްޗަށް ލާޒިމް ވެގެންވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމް ކުރުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ސުވާލަކީ ހަމަހަގީގަތުގައި ވެސް ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ބަޔަކު މީޙުން ކުރަނީ ހެޔޮނިޔަތުގައިތޯއެވެ.؟ ސުވާލަކީ މިއަދު ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރުން މަސައްކަތް ކުރަްވަމުން ގެންދަވަނީ ނުފޫޒެއް ނެތިތޯއެވެ.؟ ސުވާލަކީ ފަނޑިޔާރުންނަށް ބިރެއްނެތި ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި ހުކުމް ކުރުމުގެ ބާރު އެބައޮތްތޯއެވެ؟ ހަމަގައިމުވެސް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ބޭރުކޮށްލި ހިސާބުން މިނިވަން ކަމާއިއެކު މައްސަލަތަކުގައި ހުކުމް ކުރުމުގެ ބާރު ފަނޑިޔާރުންނަށް ނެތްކަން މިވަނީ ސާބިތިވެގެން ގޮސްފައެވެ. 

ހަގީގަތުގައި ދިވެހިރާއްޖޭއިން ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކާއި ނިންމަމުންދާ ނިންމުންތަކަށް ބަލާއިރު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ހެޔޮ ނިޔަތެއް އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންގެ ނެތްކަމެވެ. ކޮންމެ ބަޔަކު ވެސް ކޮންމެ ސަރުކާކާރަކުން ވެސް މަސައްކަތް ކުރަނީ ޝަރުއީ ދާއިރާ މުޝުތެރެއަށް ލައިގެން ނިޒާމް ކޮންޓްރޯލް ކުރުމަށެވެ. އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހުން ފެންނަން އޮތް ހަގީގަތެވެ. މިއަދު ދިވެހިރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ދައްކަވާ ވާހަކަ ކިތަންމެހާ ވެސް ފުރިހަމައެވެ. ސަޅިއެވެ. ނަމަވެސް އަމަކުން އެކަމެއް ނުފެންނަކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. 

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބަޔާންކޮށް ދެނީ ދިވެހިރާއްޖޭގައި އޮންނާނީ ތިން ބާރުކަމެވެ. އެއީ ގާނޫނުހެދުމުގެ ބާރާއި، ވެރިކަން ކުރުމުގެ ބާރާއި، އަދި އަދުލު އިންސާފް ގާއިމް ކުރުމުގެ ބާރެވެ. ގާނޫނު ހެދުމުގެ ބާރުގެ ޒިންމާއަކީ ޤާނޫނު އެކުލަވައިލުމެވެ. އަދި ޤާނޫނުތައް ހަރުދަނާ މިންގަނޑުތަކެއްގެ މައްޗަށް ބިނާކުރުމެވެ. އަދި ދައުލަތް ހިންގުމުގެ ބައެއް ނިޒާމުތަކުގައި މިބާރަކީ ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތު އުފުލާ ބާރުވެސްމެއެވެ. ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަކީ ދައުލަތް ޒިންމާދާރު ކުރުވުމުގެ މަސްއޫލީއްޔަތުވެސް އަދާކުރުމުގެ ބާރު ލިބިގެންވާ މަޖިލީހެކެވެ.

ދެން އޮތީ ވެރިކަން ހިންގުމުގެ ބާރެވެ. މިބާރުގެ ޒިންމާއަކީ ގާނޫނު ހެދުމުގެ ބާރުން އެކުލަވައިލާ ޤާނޫނުތައް ތަންފީޒުކުރުމެވެ. އަދި ރައްޔިތުންގެ ޢާންމު ޚިދުމަތްތަކާ ގުޅިފައިވާ އެންމެހާ ކަމެއް ރާވާ ބެލެހެއްޓުމެވެ. އަދި އެކަންކަން ވިލަރެސްކުރުމަށްޓަކައި ހަދަން ޖެހޭ އާންމު ގަވައިދުތައް އެކަށައެޅުމެވެ. ހަމައެހެންމެ ދައުލަތުގެ އެހެން މުއައްސަސާރައް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތަރައިގެ ތެރެއިން ހިންގުމަށް ބާރުއެޅުމަކީ ވެސް ވެރިކަން ހިންގުމުގެ ބާރުގެ ޒިންމާއެކެވެ.

ދެން އޮތީ އެންމެ މުހިންމު ބާރެވެ. އެ ބާރެއްގެ މައްޗަށް މުޅި ގައުމުގެ ހުރިހައި ކަމެއް ބަރޯސާ ވެވެގެންވާ ބާރެވެ. އާދެ އަދުލް އިންސާފް ގާއިމް ކުރުމުގެ ބާރެވެ. އިނގެރޭސި ބަހުން ދައްވާނަމަ، ”ޖުޑީޝަރީ“ އެވެ. މިބާރަކީ ހުށަހެޅޭ އެކިބާވަތުގެ ޝަރުއީ އަދި ދުސްތޫރީ މައްސަލަތަކުގައި ފައިސަލާކޮށް އެފަދަ މައްސަލަތަކުގައި ޙުކުމްކުރާ ބާރެވެ. އެގޮތުން ޖިނާއީ ޢަދުލުގެ ނިޒާމާއި މަދަނީ ޙައްޤުތައް ރައްކާތެރިކުރާނީ މިބާރުންނެވެ. އަދި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު އާދެ މި ދެބާރުގެ މެދުގައި ބާރުތައް ތިލަފަތް ހަމަގޮތެއްގައި ބެހިގެންދޭތޯ ބަލާނީވެސް އަދުލްއިންސާފް ގާއިމް ކުރުމުގެ ބާރުގެ ޒިންމާއެކެވެ.

ކޮންމެއަކަސް ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނުގެ ވެރިކަން ނަގަހައްޓާ ފަރާތަކީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ބާރެވެ. އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދޭ ފަރާތަކީ ވެސް ޝަރުއީ ނިޒާމެވެ. އަނިޔާ ދިން ފަރާތްތަކަށް ހައްގު އަދަބު ދެނީ ވެސް ފަނޑިޔާރުންނެވެ. އެ ނިޒާމު މިނިވަން ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް، ކަށަވަރުކޮށް ދިނުމުގެ ބޭނުމުގަ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި ހައިކޯޓަށާއި އަދި ގާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ކަމަށެވެ. ހަމައެހެންމެ މި ދެންނެވި މާއްދާގެ (ށ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. މި މާއްދާގެ (ނ) ގައި ބުނެފައި ވަނީ އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒް ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ.

ހަމައެހެންމެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ރައްކާތެރިކޮށްދީ އެތަންތަނަކީ ކޮންމެ މީކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ޒައްރީއްޔާއިންނާއި، އެހެންނިހެން ގޮތްގޮތުން ވެސް ދައުލަތުގެ އިދާރާތަކުންނާއި، ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ ކަމަށެވެ.

ނަމަވެސް ހިތާމައަކީ މިއަދު ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ކަމަށް ވަކިބަޔަކު ގަބޫލުކުރި ނަމަމަވެސް ކަންއޮތީ އެހެން ނޫން ކަމަށެވެ. ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންނަށާއި ފަނޑިޔާރުން ޖަވާބްދާރީ ކުރުވައި ފަނޑިޔާރުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް މަތިކޮށްފައިވާ މުއައްސަސާތައް ވެސް ވަނީ ވަކިބައެއްގެ މަޝުތެރޭގައެވެ. އެއީ މިއަދު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ  އެމްޑީޕީގެ މުޝުތެރޭގައެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މުޝުތެރޭގައެވެ. ކުރިން ވެސް އަޅުގަނޑު ފާހަގަ ކުރި ކުރީގެ ނައިބް ރައީސް އަދީޞުގެ މައްސަލައިން އެކަން ވަރަށް ބޮޑަށް ސާފުވާނެއެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓަރ ޖެނަރްލް އަވަސްވެގަތީ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށެވެ. ޖޭއެސްސީއަކީ ދަށު ކޯޓުތަކުން ނިންމާ މައްސަލަ އިސްތިއުނާފް ކުރަން ޖެހޭ ތަނެއް ކަމަށް ޕީޖީ އަށް ގަބޫލު ކުރެއްވެނީ ކަމަށް ވެދާނެއެވެ. ދެން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އަވަސް ވެގަތީ ފަނޑިޔާރު ނިންމި ނިންމުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށެވެ. އެކަން ވެސް ކޮށްފިއެވެ. ފަހަރުގައި މިއީ އެމްޑީޕީއާއި މިއަދުގެ ސަރުކާރުގެ އިސްވެރިން ޖުޑިޝަރީ މިނިވަން ކުރުމަށް ގެންނަ އައު ނިޒާމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެންމެ އަޑުހަރުކޮށް ދެއްކެވި އެއް ވާހަކައަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި އެންމެ ފުރަތަމަ ބަދަލު ގެންނަން ޖެހޭ ތަނަކީ ޖުޑިޝަލް ސާވިސް ކޮމިޝަން ކަމަށެވެ. ހާއްސަކޮށް ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތް ކަމަށް މިއަދު ސަރުކާރުގައި ތިއްބެވި ވެރިން އޭރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ނުކުރި ނަމަވެސް ވަރަށް މުހިންމު މަސައްކަތްތަކެއް މިއަދުގެ ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކޮށްފިއެވެ. އެއީ މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ތަފާތު އެކިއެކި މައްސަލަތަކުގައި ވަކާލާތު ކޮށްދެއްވި ބޭފުޅުންނަށް ފަނޑިޔާރުންގެ ގޮނޑިކޮޅު ޔަގީން ކޮށްދީފިއެވެ. މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ހައްގުގައި ވަކާލާތު ކުރެއްވި ބޭފުޅުން ޖޭއެސްސީއަށް އައްޔަން ކުރައްވައި ޖޭއެސްސީ މިނިވަން ކޮށްފިއެވެ. ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ހުށަހަޅަނީ އެއްބައެކެވެ. މައްސަލަތައް ބަލައި ތަހުގީގު ކުރަނީ އެއްބައެކެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ކުރަނީ އެއްބައެކެވެ. ފަނޑިޔާރުން ވަކިކުރުމަށް ވޯޓް ދެއްވަނީ ވެސް އެއްބައެކެވެ. އެހެން ވީމާ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނިޔަތް ވަރަށް ވެސް ސާފުނޫންތޯއެވެ. އަދި އެހާމެ ފުރިހަމައެވެ. ތެދެކެވެ. ތަނެއް އިސްލާހު ކުރުމަކީ މުޅި ނިޒާމް ފުނޑާލުން ކަމަށްވާނަމަ އެކަން ކިތަންމެހާ ވެސް ފުރިހަމަކޮށް ދަނީ ކުރަމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: