ކޮވިޑާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިން ފަހުން، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުވާއިރު ލުއިތަކުން ”ފަހަތަށް ޖެހެން ޖެހިއްޖެނަމަ“ އެކަން ވެސް ކުރާނެކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން، އަތޮޅުތެރޭގައި ގާއިމު ކުރި ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދު ދާއި ބ. އޭދަފުށީ ފެސިލިޓީ ހުޅުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ކޮވިޑުގެ ނުރައްކަލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި މި ބައްޔަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އަބަދުވެސް މުހިންމު ކަމެއް ކަމަށެވެ.
ކޮވިޑުގެ ތެރޭގައި ދިވެހިން ވެސް ދުވަސްތަކެއް ހޭދަ ކުރަންޖެހުނުއިރު، އަމީން ވަނީ އެއީ ފަސޭހަ ދުވަސްތަކެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތައް ވެސް ފަސޭހަ ނުވެދާނެ ކަމަށާއި ކުރަންޖެހިފައިވަނީ ބުރަ އަދި އުނދަގޫ މަސައްކަތްތަކެއްގެ ގޮތުގައި އަމީން ވިދާޅުވިއެވެ. ލޮކްޑައުންގެ ލުއިތަކާއި އެކު، އާއްމު ހާލަތަކަށް ދިއުމުގެ މަސައްކަތް ފެށުމާއި އެކު ކޮވިޑުގެ ކޭސްތައް އިތުރުވާން ފަށާފައިވާ ކަމަށާއި، ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓު ކުރަންޖެހޭ މީހުންގެ އަދަދުތައް ވެސް އިތުރުވެފައިވާކަން އަމީން ފާހަގަ ކުރެއްވިއެވެ.
އަމީން ވިދާޅުވީ ރާއްޖެއިން ކޮވިޑާއި ދެކޮޅަށް އެޅީ ވަރުގަދަ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ކޮވިޑު ބައްޔާއި ދުނިޔޭގެ އެކި ގައުމުތަކުން ކުރިމަތިލަމުން ދާއިރު، ރާއްޖެއިން ވެސް ގިނަ ތަޖުރިބާތަކެއް ހޯދާފައިވާކަމަށް އަމީން ވިދާޅުވިއެވެ. އަދި ވަނީ މި ފިޔަވަޅުތަކާއި އެކު ކުރިޔަށް ދެވޭނެކަމަށް ރާއްޖޭގެ ސިއްހީ މާހިރުން ލަފާ ދެއްވާ ކަމަށެވެ. އެއާއި އެކު އަމީން ވަނީ ކުރިޔަށް އޮތް ތަނުގައި ވެސް އަޅާ ކޮންމެ ފިޔަވަޅެއްގައި ގޮތް ނިންމާނީ ސިއްހީ މާހިރުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެއާއި އެކު އިގްތިސޯދުގެ ދިރުމެއް އޮންނަން ޖެހޭކަމަށް އަމީން ވިދާޅުވިއެވެ. ހާއްސަކޮށް ރައްޔިތުންގެ ދިރިއުޅުމާއި، އުޅެންޖެހޭ ހާލަތަށް އެއްވެސް ބުރައެއް ނާންނާނެފަދަ ގޮތަކަށް ފިޔަވަޅުތައް ބައްޓަން ކުރުން މުހިންމުކަމަށް އަމީންގެ ވާހަކައިގައި ވިދާޅުވިއެވެ.
އަމީން ވަނީ، ދުވަސްތަކަށްފަހު ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން އޭގެ ނުރައްކާ ބޮޑުވާނަމަ އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިދާނެކަމަށް ވިދާޅުވެފައެވެ. ފާއިތުވި ހަފްތާއެއް، ދެ ހަފްތާއެއް ތެރޭ ކޮވިޑުގެ ގިނަ ކޭސްތަކެއް ފެނިފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އަދި ކޮންޓެކްޓް ޓްރޭސިންއަށް ގިނަ މޫވްމެންޓުތަކެއް ފާހަގަވެ އައިސޮލޭޓުކޮށް، ކަރަންޓީނުވާން ޖެހޭ މީހުންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.
އެކަމަށް އިޝާރާތް ކުރައްވާ އަމީން ވިދާޅުވީ ލުއިތަކުން ފަހަތަށް ޖެހެން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި އެ ހުރިހާކަމެއް ވެސް ބިނާވާނީ ރައްތިތުން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބެލުން ކަމަށް ފާހަގަ ކުރެއްވިއެވެ. އަމީން ވަނީ، އެއްވެސް ކަމެއް މިވަގުތު ދޫކޮށްލެވެން ނެތް ކަން ފާހަގަކުރައްވާފައެވެ. މިއީ އަޅާނުލާ ދޫކުރެވެން ނެތް ބައްޔެއް ކަމަށާއި، ބަލި ފެތުރޭ ނިސްބަތަށް ބަލާއިރު ކުރިޔަށް އޮތީ ނުރައްކާތެރި ދުވަސްތަކަކަށް ވެސް ވެދާނެކަމަށް އަމީން ވިދާޅުވިއެވެ.
ކޮވިޑުގެ ސަބަބުން އެޅީ ފިޔަވަޅުތަކަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލިއެވެ. އަދި 100 އަށް ވުރެ ގިނަ ދުވަސްފަހުން ރާއްޖޭގެ ބޯޑަރުތައް މި މަހުގެ 15 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އަމީން ވިދާޅުވީ، ގޭބަންދުން އާއްމުން ދޫކޮށްލެވިފައިވާ ކަމަށާއި، ދެން އޮތީ އަމިއްލައިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން ކަމަށެވެ.
ކޮވިޑާއި ދޭތެރޭ ކަން ފަސޭހަކޮށްލައިގެން ނުވާނެ. އެހެން ނޫނީ އެކަމުގެ ސަބަބުން ދެން ދިމާވާނީ މާ ބޮޑެތި މައްސަލަތައް. ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ފަރުދީ ޒިންމާ އަދާކޮށް މަސައްކަތްކޮށްފި ނަމަ މިބަލިން އަރައިގަނެވޭނެ“ އަމީން“
އަމީން ވިދާޅުވީ، ކޮވިޑާއި ދެކޮޅަށް ކުރިޔަށް އޮތް ތަނުގައި ވެސް ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ވެސް ފެސިލިޓީތައް ގާއިމް ކުރުމާއި އެކު ބައްޔަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ.
އަމީން ވަނީ ރާއްޖޭން ކޮވިޑާއި ދެކޮޅަށް ކުރަމުން އައި ކާމިޔާބު މަސައްކަތްތަކެއްކަން ވެސް ފާހަގަކުރައްވާފައެވެ.
އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން މާލެއިން އެންމެ ފުރަތަމަ ކޮވިޑު ފެނުނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެދުވަހުން ފެށިގެން މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް ދިއުން ހުއްޓުވާ މަނާ ކުރިއެވެ.
ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދުތައް އެންމެ ފުރަތަމަ އަންދާޒާ ކުރި އަދަދުތަކަށް ވުރެ ދަށެވެ. އަދި ސިއްހީ މާހިރުން އެކަން ފާހަގަ ކުރަނީ ދުރާލާ އެޅުނު ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުގައެވެ. ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދުތައް މިހާރު 2899 އަށް އަރައެވެ. ނަމަވެސް ގިނަ ބަޔަކު ބަލީން ރަނގަޅުވެ މިވަގުތު ފަރުވާދެމުން ދަނީ 530 މީހަކަށެވެ.
ލުއިތަކާއި އެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވީއިރު މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން އިއްޔެ ވެސް ބައްޔަށް ޕޮޒިޓިވްވި 68 މީހުންގެ ތެރޭ 47 ދިވެއްސެއް ހިމެނެއެވެ. އަދި އޭގެ ކުރީ ދުވަހު ރިޕޯޓު ކުރި 30 ކޭސްގެ ތެރެއިން 29 މީހުން އެއީ ދިވެހިންނެވެ. މީގެ އިތުރުން މި މަހުގެ 14 ވަނަ ދުވަހު ވެސް ބައްޔަށް 39 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 27 ދިވެހިން ހިމެނެއެވެ.

