ރާއްޖޭން ކޮވިޑާއި ދެކޮޅަށް ކުރި މަސައްކަތްތަކާއި، އެޅި ފިޔަވަޅުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ބައްޔާއި ދެކޮޅަށް ކުރެވުނު މަސައްކަތްތަކެއް ނޫންކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން، އަތޮޅުތެރޭގައި ގާއިމު ކުރި ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދު ދާއި ބ. އޭދަފުށީ ފެސިލިޓީ ހުޅުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އަހަރު ފެށިގެން އައި އިރު ދުނިޔޭގެ ގައުމުތަކުން ކުރިމަތިލާންޖެހުނު ކޮވިޑުގެ ހާލަތު ދިވެހިރާއްޖެއަށް ވެސް ދިމާވިކަމަށެވެ. އެއާއި އެކު މި ބައްޔާއި ދެކޮޅަށް މަސައްކަތްކޮށް ހޯދި ކާމިޔާބީތަކަކީ ރައްޔިތުން ފަހުރުވެރިވާ މަސައްކަތްތަކެއްގެ ގޮތުގައި އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބައެއް މަސައްކްތަކުގެ ސްޕީޑާއި، އެ ލެވެލް ހުރީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ނުކުރާ ހިސާބެއްގައި ކަމަށެވެ. އަސްލަމް ވިދާޅުވީ ސިއްހީ މާހިރުން އެންމެ ގިނައިން ދައްކަމުން ދިޔަ ވާހަކައަކީ ގައިގޯޅިކަން މަދުކުރުމާއި، އެކަކު އަނެކަކާއި ސޯޝަލް ޑިސްޓެންސިން ގާއިމް ކުރުމަށް ކަމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ރާއްޖޭން ކުރި މަސައްކަތްތަކަކީ އެއީ ކޮވިޑަށް މީހަކު ޕޮޒިޓިވެވެފައިވާކަން ދެނެގަނެވުމާއި އެކު އެ މީހަކު ވަގުތުން ކަރަންޓީނުކުރުން ކަމަށެވެ. އަދި އެ އިންތިޒާމުތައް ހަމަޖެހުނީ ވަކި ފެސިލިޓީއެއްގައި ކަމާއި، އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދި ޕްރައިމެރީ ކޮންޓެކްޓުންތަކާއި، އަދި އެ ނޫންވެސް ގޮތްގޮތުން ބައްދަލުވެފައިވާ މީހެއްނަމަ އެ މީހަކު ވެސް އެކަހެރި ކުރެވުނުކަމަށެވެ. އަދި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަމަލު ކުރި ގޮތެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.
”ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް، ޕޮޒިޓިވް ވާ މީހުން ވެސް ހުންނަނީ އެ މީހެއްގެ ގޭގައި އައިސޮލޭޓުކޮށްފައި. އަދި ޕޮޒިޓިވް ވާ މީހެއްގެ ޕްރައިމެރީ ކޮންޓެކްޓު ވާ މީހުން ވެސް ވަކި ތަނެއްގައި ކަރަންޓީނުކޮށްފައި ނުވޭ. އާންމު އުސޫލުން އެހެން ގައުމުތަކުގައި އެ މީހާގެ ހާލުގެ ސަބަބުން ވަކިން ހޮސްޕިޓަލަށް މި ގެންދަނީ“ އަސްލަމް
އަސްލަމް ވިދާޅުވީ، ރާއްޖޭގައި ބައްޔާއި ދެކޮޅަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވުނު ކަމަށާއި، އަދި ބަލި ޖެހިފައި ހުންނަ މީހެއްގެ ފަރާތުން އެހެން މީހެއްގެ ގަޔަށް އެ ވައިރަސް ދިޔަ ނުދިނުމަށް ވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. މިގޮތަށް އަމަލު ކުރުމުގެ ސަބަބުން ނިކުތް ނަތީޖާއަކީ ރަނގަޅު ނަތީޖާއެއްގެ ގޮތުގައި އަސްލަމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަސްލަމް ވަނީ، ރާއްޖޭގެ ހާލަތާއި ސިއްހީ ދާއިރާއަށް ބެލުމަށްފަހު ރާއްޖޭގައި މީހުންނަށް ބަލި ޖެހިދާނެ ނިސްބަތުގެ އަންދާޒާއެއް އާއްމުކޮށްފައިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބަލި ޖެހިދާނެކަމަށް ބެލެވޭ އަދަދާއި، ބަލީގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހިދާނެ މީހުން އަދަދުތައް އޭގައި ހިމެނޭކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ހާލު ގޯސްވެދާނެކަމަށް ބެލެވޭ އަދަދުތައް ވެސް ހާމަކުރިކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، އެ އަންދާޒާތަކާއި ކައިރި ކުރާ އަދަދަށް ވެސް ބަލި ފެތުރިފައި ނުވާކަމަށެވެ. މިއީ ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި، މިއީ އެފިޝިއަންޓްކޮށް ބަލި ޖެހޭ މީހުންގެ ކޮންޓެކްޓް ޓްރޭސިން ވެސް ހެދުމުގެ ސަބަބުން ދަށް ކުރެވުނު އަދަދުތަކެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ފެސިލިޓީތަކުގައި މީހުން އައިސޮލޭޓުކޮށްފައި ތިބޭ ތަންތަނުގައި އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެތަނުގައި ތިބޭ މީހުންނަށް ދޭން ޖެހޭ ހިދުމަތްތައް ވަރަށް ފުރިހަމަކޮށް ދިނިން. ދިވެހި ރާއްޖޭގައި ހެދިފައި ހުރި ރިސޯޓުތަކުގައި ގިނަ މީހުން ތިބީ. ކަން ދިމާކުރި ގޮތުން ރޯދަ މަސް އައީ ރާއްޖޭގައި ކޮވިޑު ފެތުރު ދުވަސްތަކުގެ ތެރޭގައި.“ އަސްލަމް
އަސްލަމް ވިދާޅުވީ، ބަލީގެ ސަބަބުން ކަރަންޓީނު ކުރި މީހުންގެ ކެއުމުގެ އިންތިޒާމުތައް ވެސް ހުރީ ރަނގަޅަށް ކަމަށެވެ.
އަސްލަމް ވަނީ، ސަރުކާރުން ބައްޔާއި ދެކޮޅަށް ކުރި މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ރެއަކު ވެސް ކޮވިޑުގެ މަސައްކްތަކާއި ރާއްޖޭގެ ހާލަތު ބެއްލެވުމަށް ބައްދަލުވުންތައް ބާއްވަވާކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަސްލަމް ވަނީ ފަރުވާދޭ މެޑިކަލް ފެސިލިޓީތަކާއި، ރާއްޖޭގެ ރަށްތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރެވުނުކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ފެސިލިޓީގެ މަސައްކަތް އަސްލަމް ފާހަގަކުރިއެވެ.
އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން މާލެއިން އެންމެ ފުރަތަމަ ކޮވިޑު ފެނުނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެދުވަހުން ފެށިގެން މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް ދިއުން ހުއްޓުވާ މަނާ ކުރިއެވެ.
ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދުތައް އެންމެ ފުރަތަމަ އަންދާޒާ ކުރި އަދަދުތަކަށް ވުރެ ދަށެވެ. އަދި ސިއްހީ މާހިރުން އެކަން ފާހަގަ ކުރަނީ ދުރާލާ އެޅުނު ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުގައެވެ. ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދުތައް މިހާރު 2899 އަށް އަރައެވެ. ނަމަވެސް ގިނަ ބަޔަކު ބަލީން ރަނގަޅުވެ މިވަގުތު ފަރުވާދެމުން ދަނީ 530 މީހަކަށެވެ.
ލުއިތަކާއި އެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވީއިރު މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން އިއްޔެ ވެސް ބައްޔަށް ޕޮޒިޓިވްވި 68 މީހުންގެ ތެރޭ 47 ދިވެއްސެއް ހިމެނެއެވެ. އަދި އޭގެ ކުރީ ދުވަހު ރިޕޯޓު ކުރި 30 ކޭސްގެ ތެރެއިން 29 މީހުން އެއީ ދިވެހިންނެވެ. މީގެ އިތުރުން މި މަހުގެ 14 ވަނަ ދުވަހު ވެސް ބައްޔަށް 39 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 27 ދިވެހިން ހިމެނެއެވެ.

